ބޮލީވުޑްގެ އެކްޓަރު ބޮބީ ޑިއޯލްގެ ދޮށީ ދަރިފުޅު އާރްޔަމަން ޑިއޯލް ފިލްމު އިންޑަސްޓްރީއަށް ނުކުންނަން ތައްޔާރަށް ހުރި ކަމަށާއި ނަމަވެސް އަވަސް އަރުވާލައިގެން ދަރިފުޅު ފިލްމީ ދާއިރާއަށް ތައާރަފުކުރުމުގެ ވިސްނުމެއް ނެތް ކަމަށް އެކްޓަރު ބުނެފިއެވެ.

ދާދި ފަހުން އެބީޕީ ލައިވްއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ބޮބީ ބުނީ، ދަރިފުޅު އާރްޔަމަން ބޮލީވުޑަށް ތައާރަފުވުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. ދަރިފުޅު ފިލްމީ ދާއިރާއަށް ލޯންޗުކުރާނީ ބޮބީ ނޫން ކަމަށާއި ފެންވަރު ރަނގަޅު ސްކްރިޕްޓަކަށް އިންތިޒާރުކުރާ ކަމަށް ފިލްމު "އެނިމަލް"ގެ އެކްޓަރު ވަނީ ބުނެފައެވެ.

ބޮބީ ފިލްމީ ދާއިރާއަށް ތައާރަފުވި ދުވަސްވަރަކީ އަމިއްލަ މީހާއަށް ލިބިފައިވާ ހުނަރު ސާބިތުކޮށްދޭން ގިނަ ފުރުސަތުތަކެއް ލިބުނު ދުވަސްވަރެއް ނަމަވެސް މިހާރުގެ ތަރިންނަށް އެ ފުރުސަތު ނުލިބޭނެތީ އިންޑަސްޓްރީގައި ފައިތިލަ ސާބިތުކޮށްލެވޭނީ ވަރަށް ބުރަ މަސައްކަތުން ކަމަށް ދަރިފުޅަށް ވިސްނައިދީފައިވާނެ ކަމަށް ބޮބީ ވަނީ ބުނެފައެވެ.

ބޮބީ ޑިއޯލް ބޭބެ ސަނީ ޑިއޯލް އަދި ސަނީގެ ދެ ކުދިންނާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ފިލްމު "ބަރުސާތު"އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު ބުނި ގޮތުން 90އިގެ އަހަރުތަކުގެ އޯޑިއަންސްއާއި މި ޒަމާނުގެ އޯޑިއަންސާ މެދު ވެސް ވަރަށް ބޮޑު ފަރަގެއް އެބަހުއްޓެވެ.

ފިލްމީ ދާއިރާއަށް މިހާރު ނުކުންނަ ތަރިންނާއި އޯޑިއަންސާ ދެމެދު ރަނގަޅު ގުޅުމެއް ނެތިއްޖެނަމަ އެ ތަރިންގެ ކެރިއަރަށް އޭގެ ނޭދެވޭ އަސަރުކުރާ ކަމަށާއި އޭގެ އެންމެ ރަނގަޅު މިސާލަކީ ބޮބީގެ ބޭބެ އެކްޓަރު ސަނީ ޑިއޯލްގެ ދެ ކުދިން ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.

އެހެންކަމުން ވަކި ފިލްމީ ބެކްގްރައުންޑެއް އޮވެގެން އިންޑަސްޓްރީއަށް ނުކުތަސް އެކަމުން ކުރާނެ މާބޮޑު މަންފާއެއް ނެތް ކަމަށާއި މިހާތަނަށް ފިލްމު އިންޑަސްޓްރީގައި ފައިހަމަކޮށްލެވުނު ގިނަ ތަރިންނަކީ ބޭރުން އިންޑަސްޓްރީއާ ގުޅުނު ތަރިން ކަމަށް ބޮބީ ވަނީ ބުނެފައެވެ.

ބޮބީ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ ނެޓްފްލިކްސްއިން ގެނެސްދިން އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރިއަން ޚާންގެ ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"އިންނެވެ.