13 Oct 2025, 09:17
އިންޑިއާގެ ބޮލީވުޑްގައި އުފައްދާ ފިލްމުތަކަށް ދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމަށްވާ "ފިލްމުފެއާ އެވޯޑްސް"ގެ މި އަހަރުގެ ހަފްލާގައި އެންމެ ގިނަ އެވޯޑު ފިލްމު "ލާޕަތާ ލޭޑީސް"އިން ކާމިޔާބުކޮށްފިއެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ އިންޑިއާގެ ގުޖްރާތުގެ ސިޓީއެއް ކަމަށްވާ އަހްމެދުއާބާދުގައި ބޭއްވި މި ޝޯގައި ގިނަ އެވޯޑުތަކެއް ކާމިޔާބުކުރި "ލާޕަތާ ލޭޑީސް"އަކީ އާމިރު ޚާން ޕްރޮޑިއުސްކޮށް އެކްޓަރުގެ ކުރީގެ އަންހެނުން ކިރަން ރާއޯ ޑައިރެކްޓްކުރި ފިލްމެކެވެ.
ފިލްމުފެއާގެ 70ވަނަ އެވޯޑު ހަފުލާގައި އެ ފިލްމުން ކާމިޔާބުކުރި އެވޯޑުތަކުގެތެރޭ އެންމެ މޮޅު ޑައިރެކްޓަރުގެ އެވޯޑު، އެންމެ މޮޅު ސްކްރީންޕްލޭގެ އެވޯޑު، އެންމެ މޮޅު ބަތަލާ ކްރިޓިކްސްގެ އެވޯޑު، އެންމެ މޮޅު އާ ބަތަލާގެ އެވޯޑު، އެންމެ މޮޅު ސަޕޯޓިންގް އެކްޓަރުގެ އެވޯޑު، އެންމެ މޮޅު ސަޕޯޓިންގް ބަތަލާގެ އެވޯޑު، އެންމެ މޮޅު ޑައިލޮގްގެ އެވޯޑު، އެންމެ މޮޅު ލިރިކްސްގެ އެވޯޑު، އެންމެ މޮޅު ފިރިހެން ވޮކަލިސްޓްގެ އެވޯޑު، އެންމެ މޮޅު މިއުޒިކް އަލްބަމްގެ އެވޯޑު، އެންމެ މޮޅު ބެކްގްރައުންޑް ސްކޯ އެވޯޑުގެ އިތުރުން އެންމެ މޮޅު ކޮސްޓިއުމްގެ އެވޯޑު ހިމެނެއެވެ.

ފިލްމު "ލާޕަތާ ލޭޑީސް"ގެ ޓީމުން މި އަހަރުގެ ފިލްމުފެއަ އެވޯޑު ހަފްލާގައި--ފޮޓޯ/ޕިންކްވިލާ
ފިލްމުފެއާގެ މި އަހަރުގެ އެންމެ މޮޅު ބަތަލާގެ އެވޯޑު ކާމިޔާބުކުރީ ފިލްމު "ޖިގްރާ"އިން އާލިއާ ބަޓްއެވެ. އެންމެ މޮޅު އެކްޓަރުގެ އެވޯޑު ކާމިޔާބުކުރީ ފިލްމު "ދަންދޫ ޗެމްޕިއަން"އިން ކާތިކް އާރްޔަން އަދި ފިލްމު "އައި ވޯންޓު ޓޯކް ޔޫ"އިން އަބީޝެކް ބައްޗަންއެވެ.
އެންމެ މޮޅު އާ އެކްޓަރުގެ އެވޯޑު "ކިލް"އިން ލަކްޝް ލަލްވާނީ ކާމިޔާބު ކުރިއިރު އެ ކެޓަގަރީއިން ބަތަލާގެ އެވޯޑު ކާމިޔާބުކުރީ "ލާޕަތާ ލޭޑީސް"ގެ ބަތަލާ ނިތާންޝީ ގޮއެލްއެވެ.
މި އަހަރުގެ ފިލްމުފެއާގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު އަރުވާފައި ވަނީ ކުރީގެ ބަތަލާ ޒީނަތު އަމަން އަދި ޑައިރެކްޓަރު ޝާމް ބެނެގާލްއަށެވެ. ބޮލީވުޑްގެ ވަރަށް ގިނަ ފިލްމީ ތަރިންތަކެއް ބައިވެރިވި މި އަހަރުގެ ފިލްމުފެއާ އެވޯޑު ޝޯގެ ހޯސްޓުންނަކީ، ޝާހްރުކް ޚާން، ކަރަން ޖޯހަރު އަދި މަނީޝް ޕޯލްއެވެ.