13 Oct 2025, 09:15
މީގެ 18 އަހަރު ކުރިން ތައާރަފްކޮށްފައިވާ ބިއުޓީ ޕެޖެންޓް "މިސިޒް ޔުނިވާސް"ގެ މި އަހަރުގެ ތާޖު އިންޑިއާއަށް ނިސްބަތްވާ ޝެރީ ސިންގް ކާމިޔާބުކޮށްފިއެވެ.
ޝެރީ ސިންގް އަކީ 48 އަހަރުގެ ތެރޭގައި މިސިޒް ޔުނިވާސް2025ގެ ތާޖު ހޯދި ފުރަތަމަ އިންޑިއާ މީހާއެވެ. ފިލިޕީންސްގެ މެނީލާގެ އޮކާޑާގައި ބޭއްވި މި މުބާރާތުގެ 48 ވަނަ އެޑިޝަންގައި އޭނާ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން120 އަށް ވުރެ ގިނަ އަންހެނުންނާ ވާދަކޮށްފައެވެ.
ކައިވެންޏަށް ނުވަ އަހަރު ވެފައިވާއިރު ޒުވާން ފިރިހެން ކުއްޖެއްގެ މަންމައެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ޝެރީ ސިންގް ބުނީ މި ކާމިޔާބީ އަކީ ހަމައެކަނި އޭނާއަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި މިއީ ދިރިއުޅުމުގައި ހުވަފެންތަކެއް ދެކެ އެ ހުވަފެންތައް ހަގީގަތަކަށް ވުމަށް އެދޭ ކޮންމެ މަންމައަކަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ.

ޝެރީ ސިންގް އަކީ ވޭތުވެދިޔަ 48 އަހަރުގެތެރޭ މި ތާޖު އިންޑިއާއަށް ހޯދައިދިން ފުރަތަމަ މީހާ--ފޮޓޯ/ކޮއިމޮއި
އޭނާ ދުނިޔެއަށް ދައްކަން ބޭނުންވީ ހަގީގީ ރީތި ކަމަކީ އެ މީހެއްގެ ކިބައިގައި އަށަގަނެފައިވާ އޯގާތެރިކަމާއި ހިތްވަރުގަދަ ކަމުގެ ސިފަތައް ކަމަށާއި އެކަން ހާސިލުވެއްޖެ ކަމަށް ޝެރީ ސިންގް ވަނީ ބުނެފައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މިސިޒް ޔުނިވާސްގެ މަގާމު މި އަހަރު ލިބޭ ބައިވެރިޔާގެ ނަން އިއުލާނު ކުރުމާ އެކު ވަގުތުން ޝެރީ ސިންގްއަށް އުފަލުން ރޮވެއެވެ.
ޝެރީ ސިންގް މިސިޒް ޔުނިވާސް މުބާރާތުގައި ހޭދަކުރި ދުވަސްތަކާއި އޭނާގެ ދަތުރާ ބެހޭގޮތުން މެންޓަ އަދި ޔޫއެމްބީ ޕެޖެންޓްސްގެ ނެޝަނަލް ޑައިރެކްޓަރު އުރްމިމަލާ ބޯރުއާ ޝެރީއަށް ތައުރީފު ކުރައްވަމުން ވިދާޅުވީ އޭނާގެ ގާބިލުކަން ފެނި މުބާރާތުގެ ތާޖު ކާމިޔާބު ކުރާނެ ކަމުގެ ޔަގީންކަން އަބަދުވެސް އޮތް ކަމަށެވެ.
މިސިޒް ޔުނިވާސް2025ގެ ކާމިޔާބީއާ އެކު ޝެރީ ވަނީ އިންޑިއާއަށް ތާރީޚުން ޖާގަ ހޯދައިދީފައި ކަމަށާއި އެއީ އިންޑިއާ ތަމްސީލުކުރަން ބޭނުންވާ ކޮންމެ އަންހެނަކު ވެސް ފަޚުރުވެރިވާނެ ފަދަ ޝަހުސިއްޔަތެއް ކަމަށް ޔޫއެމްބީ ޕެޖެންޓްސްގެ ނެޝަނަލް ޑައިރެކްޓަރު ވަނީ ވިދާޅުވެފައެވެ.
ފެޝަން ދާއިރާއިން މާސްޓަސް ލެވެލްއަށް ތައުލީމު ހާސިލުކޮށްފައިވާ ޝެރީ ސިންގް އަކީ ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމްއިއްޔާތަކާ ގުޅިގެން އަންހެން ކުދިންނަށް ތައުލީމު އުނގަންނައި ދިނުމަށް އެހީތެރިވަމުން އަންނަ މީހެކެވެ.
މީގެއިތުރުން އެހީތެރިކަން ބޭނުންވެފައިވާ އަންހެން ކުދިންގެ ނަފުސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ވެސް އޭނާ ވަނީ މީގެކުރިން މަސައްކަތްތަކެއް ކޮށްފައެވެ.