އެމެރިކާގެ ވަޒީފާ އަދާ ކުރާ ބައެއް ފަރާތްތަކުން، އެމީހުން ވަޒީފާ އަދާ ކުރާ ތަންތަނުގެ ވެރީންނަށް ދޭން ޖެހޭ ޒާތީ މައުލޫމާތްތަކުގެ ތެރޭގައި އެމީހުންގެ ފޭސްބުކް ޓްވިޓާ ފަދަ އެކައުންޓުތަކުގެ ޔޫޒާ އާއި ޕާސްވޯޑު ހިމެނޭތީ، ވަޒީފާ ދޭ ފަރާތްތަކަށް މި މައުލޫމާތު ދޭން ނުޖެހޭ ގޮތަށް އެމެރިކާގައި ގާނޫނެއް ފާސްކޮށްފިއެވެ.

އެމެރިކާގެ ކުންފުނިތަކުން ބުނާ ގޮތުގައި ފޭސްބުކް ފަދަ ސޯޝަލް މީޑިޔާތަކަށް ވަދެގެން ތިބުމުގެ ސަބަބުން މަސައްކަތުގެ މާހައުލުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހެއެވެ. އެމީހުންގެ މުއައްޒަފުންގެ ޔޫޒަރ ނޭމް އާއި ޕާސްވޯޑު ދޭން ޖެހޭ ގޮތަށް ވަޒީފާގެ އެއްބަސްވުން އެކުލަވައިލެވިފައިވަނީ މަސައްކަތުގެ ވަގުތުގައި ފޭސްބުކަށް ވަދެގެން ތިބުން ހުއްޓުވުމުގެ ގޮތުން ފިޔަވަޅު އަޅާން ޖެހިއްޖެ ހާލަތެއްގައި އެ މައުލޫމާތު ބޭނުން ކުރުމަށް ޓަކައެވެ.

އެހެން ނަމަވެސް ގާނޫނީ ފަރާތްތަކުން ބުނަނީ މުއައްޒަފުންގެ ޒާތީ އެފަދަ މައުލޫމާތެއް ދިނުމަށް މަޖުބޫރު ކުރުވުމަކީ ކުރެވޭނެ ކަމެއް ނޫންކަމުގައެވެ. އެހެން ނަމަވެސް މަސައްކަތުގެ ގަޑީގައި އިންޓަނެޓު ނުލިބޭ ގޮތަށް ހެދުމަކީ ނުވަތަ ފޭސްބުކް ފަދަ ސައިޓްތައް ބްލޮކް ކޮށްލުމަކީ ކުންފުނިތަކަށް ކުރެވިދާނެ ކަމެއް ކަމަށެވެ.