އިންޑިއާގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ހާޑިކް ޕާންޑިޔާގެ ހަޔާތުގައި ބައިވެރިއެއް ހުރިކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.

ހާޑިކްގެ ހަޔާތުގައި ލޯބިވެރިއެއް ހުރިކަން އިއުލާނުކޮށްފައި ވަނީ މިދިޔަ ހޮނިހިރު އުމުރުން 32 އަހަރު ފުރުމާ ދިމާކޮށް އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯތަކުންނެވެ.

މި ފޮޓޯތަކުގެ ތެރެއިން އެންމެ ފުރަތަމަ ވެސް އޭނާ ދައްކާލީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައިވާ އިންޑިއާގެ މަޝްހޫރު މޮޑެލް މަހީކާ ޝަރުމާއާ ދެ މީހުން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދިޔަ މަންޒަރު ފެންނަ ފޮޓޯއެކެވެ.

ހަމައެއާއެކު މަހީކާއާ ދެ މީހުން އެކި ޤައުމުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފޮޓޯތަކެއް ވެސް އިންސްޓަގްރާމްގައި ހާޑިކް ވަނީ ހިއްސާކޮށްފައެވެ.

ހާޑިކް ކުރީގެ އަންހެނުން ނަތާޝާ އަދި ދަރިފުޅާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

މަހީކާއާ ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އިއުލާނު ކުރުމުގެ ކުރިން ހާޑިކް އާއި ބަތަލާ އިޝާ ގުޕްތާއާ ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމުގެ އަޑުތަކެއް ވެސް އެރިއެވެ. ނަމަވެސް ފަހުން އީޝާ ބައިވެރިވި ޕޮޑްކާސްޓް ޝޯއެއްގައި ބުނެފައި ވަނީ ހާޑިކްއާ އެކު ވަރަށް ގާތް އެކުވެރިކަމުގެ ގުޅުމެއް ދެ މީހުންގެ އޮތް ކަމަށެވެ.

ދެ މީހުންގެ އެކުވެރިކަމުގެ ގުޅުން ނިމުމަކަށް އައީ ލޯބީގެ ގުޅުން ފެށުމުގެ މާކުރިން ކަމަށް އީޝާ ވަނީ އެ އިންޓަވިއުގައި ބުނެފައެވެ.
އިންޑިއާގެ ކްރިކެޓް ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިންގެތެރޭ ހިމެނޭ ހާޑިކް ޕާންޑިޔާ ވަނީ މީގެކުރިން ކައިވެންޏެއް ކޮށްފައެވެ.

ބޮލީވުޑްގެ ބައެއް ފިލްމުތަކުން ފެނިފައިވާ ނަތާޝާ ސްޓޭންކޮވިކްއާ އެކު 2020ވަނަ އަހަރު ކުރެވުނު ކައިވެނި ނިމުމަކަށް ގެނެސް ދެ މީހުން ރަސްމީކޮށް ވަކިވެފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުތެރޭގައެވެ.

މި ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު ހާޑިކް އާއި ނަތާޝާގެ ކައިވެނި ރޫޅާލުމާ ގުޅިގެން މީޑިއާގެ ވަރަށް ބޮޑު ސަމާލުކަމެއް ދެ މީހުންނަށް ވަނީ ލިބިފައެވެ.
ނަތާޝާ އާއި ހާޑިކްގެ ކައިވެނި ރޫޅާލިކަން އިއުލާނުކޮށްފައި ވަނީ 2023 ވަނަ އަހަރު ދެވަނަ ފަހަރަށް ދެ މީހުން ކައިވެނި ވެސް ކުރިފަހުންނެވެ.