13 Oct 2025, 09:10
މި އަހަރުގެ ފިލްމުފެއަ އެވޯޑުގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑު ފިލްމު "އައި ވޯންޓު ޓޯކް"އިން ކާމިޔާބުކުރި އެކްޓަރު އަބީޝެކް ބައްޗަންގެ އެވޯޑު ހަދިޔާކުރަން ބޭނުމީ އަންހެނުން އައިޝްވާރިޔާ ރާއީ ބައްޗަން އަދި ދަރިފުޅު އަރާދިޔާ ބައްޗަންއަށް ކަމަށް އެކްޓަރު ބުނެފިއެވެ.
ސްޓޭޖްމަތިން އެވޯޑާ ހަވާލުވުމަށްފަހު ހިތުގައި ޝުއޫރުތައް ފާޅުކުރަމުން އަބީޝެކް ބުނީ، މިއަދު ހާސިލުކުރެވުނު ކާމިޔާބީއަށް ހަމައަށް ވާސިލުވެވުނީ އައިޝްވާރިޔާ އާއި ދަރިފުޅު އަރާދިޔާގެ ސަބަބުން ކަމަށެވެ.
ފިލްމީ މަސައްކަތްތަކުގައި އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކޮށް ފިލްމީ ކެރިއަރާ މެދު ދުށް ހުވަފެންތައް ހަގީގަތަށް ހެދުމުގެ ފުރުސަތު ހޯދައިދިނީ އެ ދެމައިން ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށް އަބީޝެކް ވަނީ ބުނެފައެވެ.
މި އަހަރުގެ ފިލްމުފެއާ އެވޯޑުގެ އެންމެ މޮޅު އެކްޓަރު ކަމުގެ އެވޯޑު އުފުލާލެވުމުން އަބީޝެކްއަށް ބަޔާންކުރަން ދަތި އުފާވެރި އިހުސާސްތަކެއް ކުރުވިއިރު އަންހެނުން އައިޝްވާރިއާ އާއި އަރާދްޔާ އޭނާއާ މެދު ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހަދައިދީ އޭނާއަށް ޓަކައިވީ ގުރުބާނީގެ އަގު އަދާކުރެވިއްޖެ ކަމަށް އުއްމީދުކުރާ ކަމުގައި އަބީޝެކް ވަނީ ބުނެފައެވެ.

އަބީޝެކް ބައްޗަން މި އަހަރުގެ ފިލްމުފެއަ އެވޯޑު ހަފްލާގައި--ފޮޓޯ/ޕިންކްވިލާ
ކޮންމެ އަހަރެއްގެ ވެސް ފިލްމުފެއާ އެވޯޑަށް ދިއުމުގެ ކުރިން އޭނާ ސްޓޭޖްމަތީގައި ދައްކާނެ ވާހަކަ ފަރިތަކުރާ ކަމަށާއި އެގޮތަށް އަމަލުކުރަމުން އަންނަތާ 25 އަހަރު ވެއްޖެ ކަމަށް އަބީޝެކް ވަނީ ފިލްމުފެއާ އެވޯޑާ ހަވާލުވަމުން ބުނެފައެވެ.
އެހެންކަމުން އެ އިންތިޒާރީއަށް ނިމުމެއް ގެނެސްދިން ކަމަށް ޓަކައި ފިލްމުފެއާ އިންތިޒާމުކޮށް ގެނެސްދޭ ހިންގުންތެރިންނަށް އަބީޝެކް ވަނީ ޝުކުރު އަދާކޮށްފައެވެ.
ހަމައެއާއެކު އޭނާއަށް އެވޯޑު ލިބުނު ފިލްމަކީ ބައްޕައަކާއި އަންހެން ދަރިފުޅުގެ ހާއްސަ ގުޅުމުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެއް ކަމުން އެވޯޑު ހާއްސަކުރަން ބޭނުން ވަނީ ބައްޕަ އަމީތާބް ބައްޗަން އަށާއި ދަރިފުޅު އަރާދިޔާއަށް ކަމަށް އެކްޓަރު ވަނީ ބުނެފައެވެ.
މި އެވޯޑު ހަފްލާގައި އައިޝްވާރިޔާ އާއި އަރާދިޔާ އަދި އަމީތާބް ބައްޗަން ބައިވެރިވެފައި ނުވާތީ ވަރަށް ގިނަ ބަޔަކު ވަނީ އެކަމާ ސުވާލު އުފައްދާފައެވެ.
އަބީޝެކްގެ އާއިލާގެ ފަރާތުން އެވޯޑު ޝޯގައި ބައިވެރިވެފައި ވަނީ މަންމަ ޖަޔާ ބައްޗަން، ދައްތަ ޝްވޭތާ ބައްޗަން އަދި އަބީޝެކްއަށް ބޮޑު ބޭބެ ކިޔާ ނާވްޔާ ނަންދާއެވެ.
ފިލްމުފެއާ އެވޯޑުގެ މި އަހަރުގެ ސައިން އައިކަންސް އޮފް އިންޑިއަން ސިނަމާ ކެޓަގަރީގެ ދަށުން 1970އިގެ އަހަރުތަކުގެ އެންމެ މަގުބޫލު އެކްޓަރުންގެ ގޮތުގައި ދެވޭ އެވޯޑު އަމީތާބް ބައްޗަން އާއި ޖަޔާ ބައްޗަންއަށް ވަނީ ދީފައެވެ.
އަބީޝެކްއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިފައި ވަނީ ޝޫޖިތު ސިރުކާރު ޑައިރެކްޓްކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިލީޒްކުރި ފިލްމު "އައި ވޯންޓް ޓޯކް"ގައި އެކްޓަރު ކުޅުނު ކެރެކްޓާއަށެވެ.
އަބީޝެކް އެންމެ ފަހުން ފެނިފައި ވަނީ މި އަހަރުގެ ޖުލައި މަހު ޒީ5ގައި ޕްރީމިއާކުރި ފިލްމު "ކާލީދާރު ލާޕަތާ"އިންނެވެ.