16 Aug 2012, 10:12
މެދު އުމުރުގައި ކަސްރަތު ކުރުމަކީ ހިތުގެ ބަލިތަކުން ރައްކާތެރި ކޮށްދޭ ކަމެއް ކަމަށް ދިރާސާތަކުން ދައްކައިފިއެވެ. އުމުރުން 40 އަހަރާއި 50 އަހަރާ ދެމެދު ކަސްރަތު ކުރާން ފެށުމުން ވެސް ވަރަށް ބޮޑަށް ފައިދާ ކުރާ ކަމަށް، 4000 މީހުން ބައިވެރި ކޮށްގެން ކުރި މި އެ ދިރާސާއިން ދައްކައެވެ.
މެދުއުމުރުގެ މީހުންނަށް ބޭނުން ވަނީ ކޮންމެހެން މާ ބުރަ ކަސްރަތުތަކެއް ނޫން ކަމަށާއި، އާންމުކޮށް ހިނގާ ވަރަށް ވުރެ ބާރަށް ހިނގައިލުމާއި، ގަސް އިންދައި ބެލެހެއްޓުން ފަދަ ކަންކަމަކީ ވެސް ފުދޭވަރުގެ ކަސްރަތެއް ލިއްބައިދޭނެ ކަމެއް ކަމަށް ތަޖްރިބާކާރުން ވިދާޅުވެއެވެ.
ހަފްތާއަކު 2 ގަޑި އިރާއި ބައިގެ ކަސްރަތުން ވެސް މެދު އުމުރުގެ މީހުންނަށް ވަރަށް ބޮޑެތި ފައިދާތައް ކުރާ ކަމަށާއި އެ ގޮތުން، ލޭގެ ޕްރެޝަރު ދަށްވެ، ގޯސް ސަރުބީގެ މިންވަރު ދަށްކޮށްދޭ ކަމަށް ދިރާސާވެރީން ހާމަ ކުރެއެވެ.
އިނގިރޭސި ވިލާތުގައި ކަސްރަތު ކުރާން ޖެހޭ މިންގަނޑުގައި ކަނޑައަޅައިފައިވާ ގޮތުން، ފަސް އަހަރުން ދަށުގެ ކުޑަކުދީންނަށް އަމިއްލައަށް ހިނގޭން ފެށުމުން ދުވާލަކު 3 ގަޑި އިރު ހިންގުވުމަކީ މުހިންމު ކަމެކެވެ. ފަސް އަހަރާއި 18 އަހަރާ ދެމެދުގެ މީހުން ކޮންމެ ދުވަހަކު ވެސް މަދުވެގެން އެއް ގަޑި އިރުގެ ވަރުގަދަ ކަސްރަތީ މަސައްކަތެއް ކުރާން ވާނެއެވެ. އަދި ހަފްތާއަކު މަދުވެގެން ތިން ފަހަރު ގައިގެ މަސްތައް ވަރުގަދަ ކުރުމުގެ ކަސްރަތުތަކެއް ކުރާން ޖެހެއެވެ. 18 އަހަރުން މަތީގެ މީހުން ހަފްތާއަކު 150 މިނެޓުގެ ކަސްރަތު ކުރާން ވާނެއެވެ. އަދި ހަފްތާއަކު ދެ ފަހަރު ގައިގެ މަސްތައް ވަރުގަދަ ކުރުމުގެ ކަސްރަތުތަކެއް ކުރާން ޖެހެއެވެ.
ހަރަކާތްތެރި ކޮށް އުޅޭ މީހުންނަށް ހިތުގެ ބަލިތައް ޖެހުމަކީ ވަރަށް ނާދިރު ކަމެކެވެ.