ދެ ޓީމުގެ ކޯޗުން ފޯނުން ވާހަކަދެއްކިތާ 24 ގަޑިއިރު ނުވަނީސް އާސެނަލްގެ ކެޕްޓަން ރޮބިން ވޭންޕާސީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލައިފި އެވެ.

ރިޕޯޓްތައް ބުނާގޮތުން ހުސްވި ސީޒަނުގައި 30 ގޯލު ޖަހައިގެން އިނގިރޭސި ލީގުގެ ރަންބޫޓު ހޯދި ކުޅުންތެރިޔާ ޔުނައިޓެޑަށް ވިއްކާލީ 24 މިލިއަން ޕައުންޑަށެވެ. މިއީ އާސެނަލްއިން ވެންޕާސީ ވިއްކާލަން އެންމެ ފުރަތަމަ ހުށަހެޅި އަގަށްވުރެ ހަ މިލއަަން މަދުއަދަދެކެވެ.

ދެ ކުލަބުން ވެސް ކުޅުންތެރިޔާގެ ޓްރާންސްފާ ކަށަވަރުކޮށްދީފައިވާއިރު އާސެނަލްގެ ވެބްސައިޓުގައި ބުނެފައިވަނީ އެ ޓީމުގެ ކެޕްޓަން މެންޗެސްޓާގެ މެޑިކަލް ހެދުމަށް ބުރާސްފަތި ދުވަހު ދާނެ ކަމަށެވެ. މެންޗެސްޓާގެ ވެބްސައިޓުގައި ބުނެފައިވަނީ ކުޅުންތެރިޔާގެ ޕާސަނަލް ޓާމްސްތަކާމެދު ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެކުލަބުގެ ކުޅުންތެރިއެއްގެ ގޮތުގައި ހޮލެންޑްގެ 29 އަހަރުގެ ފޯވަޑް ވެންޕާސީ ދައްކާލާނެ ކަމަށެވެ.