15 Aug 2012, 23:44
ފުވައް މުލަކު ގުރުއާން މުބާރާތުގެ އެއް ވަނަ ހާސިލުކޮށް އުމުރާ ދަތުރު 13 އަހަރުގެ ކުޑައްކުޖަކު ހޯދައިފި އެވެ.
ފުވައްމުލަކު "ފައިސަލް ފައުންޑޭޝަން" ގުރުއާން މުބާރާތުން އެއްވަނަ ހޯދީ ފުވައްމުލަކު ދަނބުގަސްދޮށުގޭ މުހައްމަދު ރީޝަމް އަބްﷲ އެވެ. ރީޝަމް ވާދަކޮށްފައި ވަނީ މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގަ އެވެ.
އެއް ފަހަށް އޮންނަ އަތޮޅުގައި މި ރޯދަ މަހު ބޭއްވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ހާފިޒު އަހުމަދު ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އުމްރާ ދަތުރުގެ ރަމްޒީ އިނާމް ވަނީ ރީޝަމް އާ ހަވާލުކޮށްފަ އެވެ.
މުބާރާތުން ދެވަނަ އަށް ދިޔައީ 16 އަހަރުން ދަށުގެ ބައިގައި ވާދަކުރި މަފާޒު ނިޒާމަށެވެ. ތިން ވަނަ ލިބުނީ ހަ އަހަރުން ދަށުގެ ބައިގައި ވާދަކުރި އައިޝަރު ރާޔާ ހަސަނަށެވެ.
އެ ފައުންޑޭޝަނުން އިސް އޮފިޝަލެއް ކަމަށްވާ ސާއިމް މޫސާ ވިދާޅުވީ "ފުވައްމުލަކު ގުރުއާން ކިޔެވުމުގެ މުބާރާތު" ގައި މިއަހަރު 200 އަށް ވުރެ ގިނަ ކުދިން ވާދަ ކޮށްފައިވާއިރު އަންނަ ރޯދަ މަހު މުބާރާތް ބާއްވާނީ ދެކުނުގެ ހަތަރު އަތޮޅަށް ހުޅުވާލައިގެން ކަމަށާއި މުބާރާތަށް ދަރިވަރުން ތައްޔާރު ކުރުމަށް ދުރާލައި ގުރުއާން ކްލާސްތަކެއް ވެސް ހިންގާނެ ކަމަށެވެ.