15 Aug 2012, 23:16
ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ހިންގި ހަރަކާތްތަކުގެ ސަބަބުން އިނގިރޭސިވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަދީބު ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގައި ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ގޮވާލައްވާފައިވާތީ އާއި އިނގިރޭސިވިލާތުގައި ތިއްބެވި އެމަނިކުފާނުގެ ބައެއް ރައްޓެހިން ރާއްޖެއަށް ޓޫރިސްޓުން ނައުމަށް ގޮވާލައި ނޭދެވޭ ވާހަކަތައް ފަތުރަމުން ގެންދާތީ އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެކަމާ ހިތާމަކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.
"އެބޭފުޅާ [ރައީސް ނަޝީދު] ފައިނޭންސްޝިއަލް ޓައިމްސްގައި ވެސް އެގޮތަށް ގޮވާލައްވައި އެކަން ކުރީމައި ހަމަ ޝައްކެއްވެސް ނެތް ޔޫކޭގެ މި ޑްރޮޕްގައި އެކަން ހިއްސާ ކުރާނެ، ދެން މީގެ އިތުރުން ވެސް އުޅޭ ޔޫރަޕުގެ ބައެއް އިގްތިސޯދަށް އައިސްގެން އުޅޭ ހީނަރުކަން ވެސް، އެވެސް ސަބަބެއް،" މިނިސްޓާ ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މިކަން ކުރުމަކީ ވެސް މީހުންނަށް ގަބޫލު ކުރެވޭނެ ކަމެއް، އަޅުގަނޑުމެންގެ ބަޔަކު ކުރުމަކީ މިކަމާ ހިތާމަކުރަން ޖެހޭ ކަމެއް މިއީ،"
އޭނާ ވިދާޅުވީ ބައެއް މަންޒިލްތަކުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ދިޔަ ނަމަވެސް ޖަރުމަނު ފަދަ ބައެއް މާކެޓްތައް ރަނގަޅު ވަމުން އަންނަ ކަމަށާއި އެއީ އެ ގައުމުތަކުގެ އިގްތިސޯދު ރަނގަޅުވަމުން އައުމާ އެކު ކަމަށެވެ.
ދާދިފަހުން ސްރީ ލަންކާގެ ނޫސްތަކުން ބުނެފައިވަނީ އިނގިރޭސި ވިލާތުން ލަންކާއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށާއި މި ސަރަހައްދުގައި އެންމެ ބޮޑު ޓޫރިސްޓު މާކެޓް، ރާއްޖެއަށް އިނގިރޭސި ވިލާތުން އަންނަ ޓޫރިސްޓުންގެ އަދަދު ދަށަށް ގޮސްފައިވާ ކަމަށެވެ. މި އަހަރުގެ ޖެނުއަރީ އާއި ޖޫންއާ ދޭތެރޭގައި އިނގިރޭސިވިލާތުން ލަންކާ އަށް ޒިޔާރަތްކުރި ޓޫރިސްޓުން އަދަދު 17.1 ޕަސެންޓް މިދިޔަ އަހަރު އެ މުއްދަތަށް ވުރެ ވަނީ އިތުރުވެފަ އެވެ. އިނގިރޭސި ވިލާތަކީ ޒަމާނުއްސުރެ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ މާކެޓެވެ. ނަމަވެސް ފެބްރުއަރީގެ ފަހުން އިނގިރޭސި ވިލާތުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ މަދުވަމުންނެވެ. އެގޮތުން ޖޫން މަހު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދުވަނީ ތިން ޕަސެންޓް ދަށްވެފަ އެވެ. ރާއްޖެ އަންނަ ޓޫރިސްޓުންގެ 10 ޕަސެންޓް މީހުން އަންނަނީ އިނގިރޭސި ވިލާތުންނެވެ.
އަދީބު ވިދާޅުވީ ސްރީ ލަންކާގެ މާކެޓަކީ ތަފާތު މާކެޓެއް ކަމަށާއި އިނގިރޭސި ވިލާތުން ސްރީ ލަންކާއަށް އަންނަ ގިނަ ޓޫރިސްޓުންނަކީ ލޯ ބަޖެޓް ޓޫރިސްޓުން ކަމަށެވެ. ނަމަވެސް ރާއްޖޭގެ މާކެޓަކީ މަތީ ފަންތީގެ ޓޫރިސްޓުންނަށް ހާއްސަ މާކެޓެއް ކަމަށެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން ލަންކާއަކީ ކޮންޕެޓެޓިވް މާކެޓެއް ކަމަކަށް، އަޅުގަނޑަށް ގަބޫލުކުރަނީ އެއީ ކޮމްޕްލިމެންޓްރީ މާކެޓެއް ކަމަށް، އެކަމަކު މިސާލަކަށް؛ ޝީސެލްސް، މޮރިޝަސް ކަހަލަތަންތަން، އެއީ ކޮމްޕެޓެޓިވް މާކެޓްތަކަކީ، އެތަންތަނަށް ދާނީ ރާއްޖެ އަންނަ ފަދަ މަތީފެންވަރުގެ ލަގްޒަރީ ރިސޯޓުތަކަށް އަންނަ މީހުން، އެކަމަކު ލަންކާގައި އެހެނެއް ނޫން،" އަދީބު ވިދާޅުވި އެވެ.
ސްރީލަންކާގައި ތަމަޅަ ޓައިގަރުންނާއެކު ކުރަމުން ދިޔަ ދާހިލީ ހަނގުރާމަ މިދިޔަ އަހަރު ނިމުމާއެކު އެ ގައުމުގެ ޓޫރިޒަމް އަންނަނީ ފުޅާވަމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ އާއި ޖޫން އާ ދޭތެރޭ ލަންކާއަށް އައި ޓޫރިސްޓުންނަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި އައި ޓޫރިސްޓުން ވަނީ 18.7 ޕަސެންޓް އިތުރުވެފަ އެވެ. އަދި ސްރީލަންކާ އާއި އެއްހަމައެއްގައި ޝީސެލްސް އާއި މޮރިޝަސްގެ ޓޫރިޒަމް ފުޅާވަމުން އަންނަ ކަމަށް އެ ގައުމުތަކުގެ އެކޮނޮމިކް އިދާރާތަކުގެ ހިސާބުތަކުން ދައްކަ އެވެ.