ބޮލީވުޑް ފިލްމު އިންޑަސްޓްރީއާ ގުޅޭގޮތުން ވާހަކަތަކެއް ދެއްކުމަށްފަހު މި އަހަރުގެ ކުރީކޮޅު ސޯޝަލް މީޑިއާއާ ދުރަށްޖެހިލި ޒުވާން އެކްޓަރު ބާބިލް ޚާން އަލުން އިންސްޓަގްރާމް ބޭނުންކުރަން ފަށައިފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އެނބުރި އައިކަން ބާބިލް އިއުލާނުކޮށްފައި ވަނީ ނަފުސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ވަރަށް ހާއްސަ ޅެންތަކަކުންނެވެ.

އެގޮތުން ފިލްމީ ދާއިރާއާ ދުރަށް ޖެހި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ދުރަށް ދިޔައީ ސިކުނޑިއަށް ލުޔެއް ހޯދައި އަމިއްލަ ނަފުސުގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ބާބިލް ވަނީ ބުނެފައެވެ.

ބާބިލް އިންސްޓަގްރާމްއަށް އެނބުރިއައިކަން އެނގުމާ އެކު އޭނާއާ އެކު އެކީގައި މަސައްކަތްކުރާ އިންޑަސްޓްރީގެ ބައެއް ތަރިން ވަނީ އެކަމަށް މަރުހަބާކިޔާ ބާބިލްއަށް އެހީވުމަށް ތައްޔާރަށް ތިބިކަމަށް ބުނެފައެވެ.

އޭގެތެރޭގައި މަގުބޫލު އެކްޓަރު ވިޖޭ ވަރުމާ، އަޕަރުޝަކްތީ ކުރާނާ އަދި ގުލްޝަން ދެވައިއާ ހިމެނެއެވެ.

ބާބިލްގެ ފިލްމު "ލޮގްއައުޓް"ގެ މަންޒަރެއް-- ފޮޓޯ/އިންޑިއަންއެކްސްޕްރެސް

މި އަހަރުގެ މެއި މަހުތެރޭ ބާބިލް އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ ބޮލީވުޑް އިންޑަސްޓްރީ އަކީ ވަރަށް ދެފުށް ދެގޮތް މީހުން އުޅޭ އިންޑަސްޓްރީއެއް ކަމަށާއި އިންޑަސްޓްރީގެ ގިނަ ބަޔަކު އޭނާއަށް ހަނގާކުރާ ކަމަށެވެ.

ބޮލީވުޑްގެ ގިނަ ބަޔަކަށް ތުހުމަތުކޮށް ބާބިލް ގިސްލަ ގިސްލާފައި ރޮމުން ވާހަކަ ދައްކާ ވީޑިއޯއެއް އޭނާ ވަނީ އަމިއްލަ އިންސްޓަގްރާމްގައި އޭރު ޕޯސްޓުކޮށްފައެވެ. ބާބިލް ވަނީ އޭނާއަށް ބުލީކުރާ އަދި އޭނާއާ މެދުގައި ގޯސްކޮށް ކަންކަން ކުރާ ކަމަށް ބުނާ ބައެއް ތަރިންގެ ނަންތައް ވެސް އެ ވީޑިއޯގައި ހާމަކޮށްފައެވެ.

އޭގެތެރޭގައި މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ އަނަންޔާ ޕާންޑޭ، އަރްޖުން ކަޕޫރް، ޝަނާޔާ ކަޕޫރް، ސިދާންތު ޗަތުރްވޭދީ އަދި އަދާޝް ގޯރަވް ހިމެނެއެވެ.

ނަމަވެސް އެ ވީޑިއޯ ޕޯސްޓުކުރިތާ އިރުގަނޑެއް ފަހުން ބާބިލް ވަނީ އެ ޕޯސްޓު އިންސްޓަގްރާމްއިން ނަގާފައެވެ. އިންޑިއާގެ ކުރީގެ އެކްޓަރު އިރުފާން ޚާންގެ ދަރިފުޅު ބާބިލް ބޮލީވުޑަށް ތައާރަފްވީ ނެޓްފްލިކްސްއިން ގެނެސްދިން "ގާލާ"އިންނެވެ.

ބާބިލް އެންމެފަހުން ކުޅެފައި ވަނީ މި އަހަރުގެ އެޕްރީލް މަހު ޒީފައިވްއިން ސްޓްރީމްކުރަން ފެށި ފިލްމު "ލޮގްއައުޓް"އެވެ.