12 Oct 2025, 08:59
ނެޓްފްލިކްސްއިން ގެނެސްދެމުން އަންނަ މަގުބޫލު ކްރައިމް ޑްރާމާ "ދެއްލީ ކްރައިމް"ގެ ތިން ވަނަ ސީޒަން އަންނަ މަހުތެރޭ ޕްރީމިއާކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ވަކި ތާރީޚެއް އަދި ކަނޑައެޅިފައި ނެތް ނަމަވެސް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ މެދުތެރޭ ތިން ވަނަ ސީޒަން ޕްރީމިއާ ކުރުމުގެ ފުރުސަތު ބޮޑު ކަމަށް އެންޓަޓެއިމަންޓް ޖާނަލިސްޓް ރާހުލް ރައުތު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
ބޮލީވުޑް ބަތަލާ ހުމާ ގުރައިޝީ މިފަހަރުގެ ސީޒަންގެ މުހިއްމު ރޯލަކުން ފެންނާނެއިރު ތިން ވަނަ ސީޒަންގައި ގެނެސްދޭނީ 2012 ވަނަ އަހަރު އިންޑިއާގެ ނިއު ދިއްލީގައި މަރުވި ދެ އަހަރުގެ އަންހެން ކުއްޖާ, ފަލަކްގެ ވާހަކައެވެ. މި ސީރީސްގައި ބަތަލާ ހުމާ ފެންނާނީ ހިއުމަން ޓްރެފިކިންގް ނެޓްވޯކެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ އަންހެނެއްގެ ރޯލްއިންނެވެ.

"ދެއްލީ ކްރައިމް 3"ގެ ޓީޒާގެ މަންޒަރެއް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
'ބޭބީ ފަލަކް'ގެ ނަމުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ތުއްތު އަންހެން ކުއްޖާ މަރުވެފައި ވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ މަހު ނިއު ދިއްލީގައި ހުންނަ އެއިމްސް ޓްރޯމާ ސެންޓަރުގައި އެޑުމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް ތިން ވަނަ ހާޓް އެޓޭކެއް ޖެހުމާ ގުޅިގެންނެވެ.
ފަލަކްގެ މަރުގެ ތަހުގީގުގެތެރެއިން ހިއުމަން ޓްރެފިކިންގްއާ ގުޅުންހުރި މައްސަލަތަކެއް ފެންމަތިވެ ފަލަކްގެ ހަގީގީ އާއިލާ ހޯދުމަށް ވަރަށް ބޮޑު އެހީއަކަށްވި ކަމަށް ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތަކުން ވަނީ ބުނެފައެވެ.
ފަލަކް ހޮސްޕިޓަލަށް ގެންދިޔައިރު ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސްފައިވުމުގެ އިތުރުން އަތް ވެސް ވަނީ ފަޅައިގެން ގޮސްފައެވެ. އަދި ހަށިގަނޑުގެ އެކި ތަންތަނުގައި އިންސާނުން ދަތް އަޅާފައިވާ ކަމުގެ ނިޝާންތަކެއް ހުރި ކަމަށް ވެސް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
ފަލަކްއަށް ފަރުވާދިން ޑޮކްޓަރުންނާއި ނަރުހުންނާ ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ އެއީ އެއިމްސް ޓްރޯމާ ސެންޓަރުގެ ޑޮކްޓަރުންނަށް ކުރެވުނު ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށާއި އެ ސެންޓަރަށް އެފަދަ ހާލަތެއްގައި އޮތް ތުއްތު ކުއްޖަކު މީގެކުރިން ދުވަހަކު ވެސް ނުގެންނަ ކަމަށެވެ.
"ދެއްލީ ކްރައިމް"ގެ ތިންވަނަ ސީޒަން ލީޑް ބަތަލާގެ ގޮތުގައި މިފަހަރު ވެސް ފެންނާނީ އެ ސީރީސްގެ އެންމެ މަގުބޫލު ކެރެކްޓާ ޑީއައިޖީ ވަރުތިކާ ޗަތުރުވެދީގެ ރޯލް ކުޅެމުން އަންނަ ބޮލީވުޑް ބަތަލާ ޝެފާލީ ޝާހްއެވެ.
އެމީ އެވޯޑު ވެސް ކާމިޔާބުކޮށްފައިވާ މި ސީރީސްގެ ތިންވަނަ ސީޒަންގެ ޓީޒާއެއް މި އަހަރުގެ ފެބްރުއަރީ މަހުތެރޭ ވަނީ ބެލުންތެރިންނަށް ދައްކާލާފައެވެ.