ދިވެހި ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ހާއްސަ ފިހާރައެއް "އައިލް ފްރެޝް" ގެ ނަމުގައި އެސްޓިއޯއިން މިއަދު ހުޅުވައިފި އެވެ.

އަމީނީމަގު ވިލީ ފުލުސް ކައިރި ހުންނަ އެސްޓިއޯ ފަސް ނަމްބަރު ކޮށީގައި އެސްޓީއޯގެ ފިހާރަ މިއަދު ހުޅުވައިދެއްވީ މިނިސްޓާ އޮފް ފިސަރީޒް އެންޑް އެގްރިކަލްޗާ އަހުމަދު ޝަފީއު އެވެ.

ފިހާރަ ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރު ޝަފީއު ވިދާޅުވީ އެ ފިހާރައަކީ އެސްޓީއޯއިން ދަނޑުވެރިންނަށް ކޮށްދިން އަގުހުރި ހިދުމަތެއް ކަމަށެވެ. އަދި ވިދާޅުވީ ދަނޑުވެރިންގެ އުފެއްދުންތައް ރަނގަޅު ގޮތުގައި މާކެޓް ކުރުމަކީ ދަނޑުވެރިނަށް ދިމާވެފައިވާ ވަރަށްބޮޑު ހުރަހެއް ކަމަށާއި އަލަށް ހުޅުވި އައިލް ފްރެޝްގެ ސަބަބުން ދަނޑުވެރިންގެ އުފެއްދުންތައް ފަސޭހަކަމާއެކު ވިއްކޭނެ ފުރުސަތު ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެނަށް އެބަ ބޭނުންވޭ ދަނޑުވެރިން މި އުފައްދާ އުފެއްދުންތަކަކީ ރަނގަޅަށް މާކެޓްކުރެވި ރަނގަޅު ފެންވަރުހުރި އެއްޗެހީގެ ގޮތުގައި ދަނޑުވެރިނަށް ވެސް ރަނގަޅު އަގެއް ކަށަވަރުވާނެ އެއްޗިއްސަންވުން މިއީ އެގޮތުން ލިބުނު ރަނގަޅު ފުރުސަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެސްޓިއޯގެ ޗެއާމަން އަބްދުﷲ ފާއިޒް ވިދާޅުވީ އައިލް ފްރެޝް އަކީ 2011 ވަނަ އަހަރު އެ ކުންފުނިން ފަށާފައިވާ ޕްރޮޖެކްޓެއްގެ ހަގީގީ ފެށުން ކަމަށާއި އެފިހާރައިން ދިވެހި ގިނަ އުފެއްދުންތަކެއް ފަސޭހަ ކަމާއެކީ ލިބެން ހުންނާނެ ކަމަށެވެ.

އެސްޓިއޯއިން ބުނީ އައިލް ފްރެޝް އިން ދިވެހި ދަނޑުވެރިކަމުގެ ހުރިހާ ބާވަތްތަކެއް ތާޒާކޮށް އަގުހެޔޮ ކަމާއެކު ލިބެން ހުންނާނެ ކަމަށާއި އެފިހާރައަކީ ދިވެހިންގެ އުފެއްދުންތެރިކަން ދިވެހިނަށް ފޯރުކޮށްދިނުމާއެކު ފަހުރުވެރިކަމާއެކު އެމަސައްކަތުގައި ބައިވެރިވުމަށް ހުޅުވި ފިހާރައެއް ކަމަށެވެ.

ފިހާރަ ހުޅުވި އިރު ރާއްޖޭ އުތުރުގެ ތިން އަތޮޅު ކަމަށްވާ ހއ އަތޮޅާއި ހދ އަތޮޅާއި ށ އަތޮޅުން ގެންނަ ތަކެތި ބަހައްޓާފައި ވެއެވެ.