15 Aug 2012, 21:00
އިލެކްޝަންސް ކޮމިޝަންގެ ގާއިމްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ މެމްބަރުންގެ ތެރެއިން ޕީޕީއެމްގެ ފިޔަވައި އެހެން ހުރިހާ ޕާޓީއެއްގެ މެމްބަރުން އަދަދު މަދުވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ތަފާސު ހިސާބުތަކުން ދައްކައިފި އެވެ.
އެކޮމިޝަނަނުން މިމަހުގެ 12 ވަނަ ދުވަހު އާއްމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދުތައް ދައްކާ ގޮތުގައި ޕީޕީއެމަށް 774 މެމްބަރުން އިތުރުވެ އެ ޕާޓީގެ މެމްބަރުންގެ އަދަދު ވަނީ 17298 އަށް އަރާފަ އެވެ. ޕީޕީއެމްގެ މެމްބަރުންގެ އަދަދު މިމަހުގެ ކުރީ 16524 ގަ އެވެ. އަދި ޕީޕީއެމުން ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން މިހާތަނަށް ޗެކްނުކުރެވި ހުރި 824 ފޯމް ހިމެނޭ ކަމަށްވެސް ތަފާސު ހިސާބުތަކުން ދައްކަ އެވެ.
ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ ބޮޑު އަދި އެންމެ މެމްބަރުން ގިނަ އެމްޑީޕީގެ މެމްބަރުންގެ ތެެރެއިން 139 މެމްބަރުން މަދުވެފައިވާއިރު އެޕާޓީގެ ޖުމްލަ މެމްބަރުންގެ ގޮތުގައި މިހާރު ރަޖިސްޓްރީކޮށްފައިވާ މެމްބަރުންގެ އަދަދަކީ 48466 އެވެ. އަދި އެމްޑީޕީން ހުށަހަޅާފައިވާ ފޯމްތަކުގެ ތެރެއިން 433 ފޯމް ޗެކްނުކޮށް ހުރި ކަމަށްވެސް އިލެކްޝަނުން ބުންޏެވެ.
ޑީއާރްޕީގެ މެމްބަރުންގެ ތެރެއިން 341 މެމްބަރަކު ވަކިވެފައިވާއިރު އެޕާޓީގެ ޖުމްލަ އަދަދުގެ ގޮތުގައި ދައްކަނީ 27181 މެމްބަރުންނެވެ. އަދި އެޕާޓީން ހުށަހަޅައިފައިވާ ފޯމްތަކުގެ ތެރެއިން ވެސް 200 އަދި މިހާތަނަށް ޗެކް ނުކުރެވި ހުރި ކަމަށްވެސް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އިލެކްޝަންސް ކޮމިޝަންގެ ދަފުތަރުގައި 15 ސިޔާސީ ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު ހަތަރު ވަނަ އަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޖުމްލަ އަދަދު 6046 އަށް އަރާއިރު އެޕާޓީން ހުށަހަޅައިފައިވާ 4447 ފޯމް ޗެކް ނުކޮށް ހުރި ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ. އަދާލަތު ޕާޓީގެ މެމްބަރުންގެ ޖުމްލަ އަދަދަކީ 5837 އެވެ.