15 Aug 2012, 20:51
މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން ޓަގު ބޯޓެއް ގަތުމަށް ސެންޓަ އެންޓަ ޕްރައިސަސްއާ ހަވާލުކޮށްގެން ކުރާ މަސައްކަތަކް ތަހުގީގު ކުރާތީ އެންޓިކޮރަޕްޝަން (އޭސީސީ) އެންގުމާ ހިލާފަށް ސެންޓަ އެންޓަން ޕްރައިސަސް އަށް އެއްވެސް ފައިސާ ހަވާލުކޮށްފިނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ޕޯޓްސް ލިމިޓެޑްގެ ހަތަރު ވެރިޔަކަށް އޭސީސީން އަންގައިފި އެވެ.
އޭސީސީގެ މި އެންގުން ސިޓީ މެދުވެރިކޮށް އަންގާފައި ވަނީ ޕޯޓްސް ލިމިޓެޑްގެ ޗީފް އެގްޒެކެޓިވް އޮފިސަރު މަހުދީ އިމާދަށާއި ޑެޕިއުޓީ ޗީފް އެގެޒެކެޓިވް އޮފިސަރުން ކަމަށްވާ ހުސައިން ނައީމަށާއި އަހުމަދު ފާއިޒް އަދި ޖެނެރަލް މެނޭޖަރު މުހައްމަދު ހާޝިމަށެވެ.
މިހަތަރު ބޭފުޅުންނަށް ވެސް އޭސީސީން ފޮނުވާފައި އޮންނަނީ އެއް ސިޓީއެކެވެ. އެ ހަތަރު ސިޓީ ކޮޕީ ސަން އޮންލައިނަށް ވެސް ވަނީ ލިބިފަ އެވެ.
ސިޓީތަކުގެ ތެރެއިން ހާޝިމުގެ ނަމުގައި އޮތް ސިޓީގައި ބުނަނީ ޕޯޓްސް ލިމިޓެޑްގެ ބޭނުމަށް ޓަގް ބޯޓެއް ގަތުމަށް ސެންޓާ އެންޓަޕްރައިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރަމުންދާ މަސައްކަތާ ގުޅިގެން އޭސީސީގެ ހުއްދަ ނެތި ސެންޓާ އެންޓަޕްރައިސަސް އަށް އެއްވެސް ފައިސާއެއް ދޫނުކުރަން ޕޯޓްސް ލިމިޓެޑަށް ތަކުރާރުކޮށް އަންގާފައިވާނެ ކަމަށެވެ. އަދި އޭސީސީގެ އެ އެނގުމާ ހިލާފަށް ފައިސާ ދޫކުރުމުގައި ހާޝިމްގެ އެއްވެސް ބައިވެރިވުމެއް ވާނަމަ އޭސީސީގެ ގާނޫނާއި ކޮރަޕްޝަން ގާނޫނުން ހާޝިމަށް ފިޔަވަޅު އަޅާނެ ކަމަށެވެ. އަނެއް ތިން ބޭފުޅުންނަށް ފޮނުވާފައިވާ ސީޓީގައި ވެސް ނަން ފިޔަވައި އޮންނަނީ މި އިބާރާތެވެ. ސިޓީތައް ފޮނުވާފައިވަނީ މިއަދުގެ ތާރީހުގަ އެވެ.
މި ސިޓީތަކާ ބެހޭ ގޮތުން ޕޯޓްސް ލިމިޓެޑްގެ ޗެއާމަން އަބްދުލް މަތީން މިރޭ ވިދާޅުވީ އެފަދަ ސިޓީތަކެއް ޕޯޓްސް ލިމިޓެޑްގެ އިސް ހަތަރު ވެރިޔަކަށް އޭސީސީން ފޮނުވާފައިވާކަން އެނގިވަޑައިގެންފައިވާ ކަމަށައި ނަމަވެސް އެ ސިޓީތަކުގައި އޭސީސީން އިޝާރާތް ކޮށްފައިވާ ފަދަ ހިޔާނާތުގެ އެއްވެސް ކަމެއް ޕޯޓްސް ލިމިޓެޑްގައި ނޯންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
"އަޅުގަނޑުމެން ހަވާލުވި ފަހުން މިދިޔަ މުއްދަތުގައި އެފަދަ އެއްވެސް ކަމެއް ހިނގާފައެއް އަދި ހިނގުމަށް މަގުފަހިވާ ގޮތަށް ވެސް ކަމެއް ކޮށްފައެއް ނޯންނާނެ. އޭސީސީން އެ ވިދާޅުވާ ޕްރޮޖެކްޓަކީ 2008 ވަނަ އަހަރުގެ ޕްރޮޖެކްޓެއް، އެ ޕްރޮޖެކްޓްގެ މަސައްކްތް ކުރިޔަށް ގެންދަނީ ކުރީގެ ޔައުމިއްޔާތައް ބަލައި ހެދުމަށްފަހު އޭސީސީގެ ލަފަޔާ އެއް ގޮތަށް،" މަތީން ވިދާޅުވި އެވެ. "އަޅުގަނޑު ޔަގީން ކަންދެން ޕޯޓްސް ލިމިޓެޑްގެ މަސައްކަތުގައި ހިޔާނާތުގެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް، އެހެން ނަމަވެސް އޭސީސީން ބައްލަވަން ބޭނުންފުޅުވާ ކަމެއް އޮތް ނަމަ އެކަމެއް ބެލެނޭ، އަދި މި ކަން އޭސީސީގެ ލަފާޔާ އެއްގޮތަަށް ގެންގޮސްފައި ވަނިކޮށް ބައްލަވާ ސަބަބަކީ ކޮބައި ކަމެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގޭ،"
ޕޯޓްސް ލިމިޓެޑްގެ ބޯޑުގައި ހިމެނި ވަޑައިގަންނަވާ އެހެން މެންބަރަކު ނަން ނުޖެހުމަށް އެދިވަޑައިގެން ވިދާޅުވީ މި އޭސީސީން އެކަން ކޮށްފައި ވަނީ އެންމެ ރަނގަޅަށް ނުބައްލަވާ ކަމަށާއި އެކަމުގައި ކޮންމެވެސް އެހެން "ކަންތައްތަކެއް" ވާކަމަށް ގަބޫލު ކުރެއްވޭ ކަމަށެވެ.
ސަން އޮންލައިނަށް އެނގިފައިވާ ގޮތުގައި ޕޯޓްސް ލިމިޓެޑަށް ގަންނަ ޓަގްބޯޓްގެ މަސައްކަތް ތިލަފުށީގައި ކުރިޔަށްދާއިރު އެ ބޯޓްގެ ހަލްގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ޓަގުގެ އަށްވާ ފައިސާގެ ތެރެއިން ގާތްގަނޑަކަށް 12 މިލިޔަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެ އެވެ.
މި ސިޓީތަކާ ގުޅިގެން އޭސީސީގެ ބަހެއް މިރޭ ލިބޭ ގޮތެއް ނުވި އެވެ.