15 Aug 2012, 16:50
ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ފެންމަތިވެފައި ހުރި ގިނަ މައްސަލަތަކެއް އެންޓިކޮރަޕްޝަން ކޮމިޝަނުން ބަލާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ ވިދާޅުވެއްޖެ އެވެ.
ސަން އޮންލައިންއާ މިއަދު ވާހަކަ ދަކައްކަވަމުން ލުތުފީ ވިދާޅުވީ އެ ރިޕޯޓުގައި ކަންބޮޑުވާ ވަރަށް ގިނަ މައްސަލަތަކެއް އޮޑިޓާ ޖެނެރަލް ފާހަގަ ކުރައްވާފައިވާ ކަމަށާއި މާދަމާ ބާއްވާ ކޮމިޝަންގެ ޖަލްސާއަށް އެ ރިޕޯޓު ހުށަހަޅައި ބަލާނޭ މައްސަލަތައް ފައިލް ކުރާނެ ކަމަށެވެ.
"އަޅުގަނޑުމެން އެ މައްސަލަތައް ބަލާނެ. މީގައި އެބަހުރި ވަރަށް ބޮޑަތި މައްސަލަތައް. ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހޭ މައްސަލަތައް،" ލުތުފީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހޯމް މިނިސްޓްރީގެ ރިޕޯޓުން ފާހަގަވެފައިވާ ބައެއް މައްސަލަތަކަކީ އެ ކޮމިޝަނުން ބަލަމުން އަންނަ ބައެއް މައްސަލަތަކާ ވެސް ގުޅުން ހުރި ކަންތައްތައް ކަމަށާއި އެކަމުގެ ސަބަބުން ކޮމިޝަންގެ ތަހުގީގަށް ވެސް ފަސޭހަކަމެއް ލިބިގެން ދާނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު އޮޑިޓާ ޖެނެރަލް ނެރުއްވި ހޯމް މިނިސްޓްރީގެ 2010ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގަވަނީ އެ މިނިސްޓްރީގެ ދަށުން ހިންގާ ގިނަ އޮފީސްތަކަކުން ގާނޫނާއި ގަވާއިދާއި ހިލާފަށް ކޮށްފައިވާ ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ. އެގޮތުން ބައެއް ސްޓޭޓް މިނިސްޓަރުން އޮޅުވާލައިގެން ބަޖެޓުން ފައިސާ ނަގައި ހަރަދުކޮށްފައި ވުމާއި ބައެއް ޕްރޮޖެކްޓްތައް ގަވާއިދާއި ހިލާފަށް އެކި ފަރާތްތަކަށް ދީފައިވާ މައްސަލަތައް ވަނީ ފެންމަތިވެފަ އެވެ. އަދި ބޭކާރު އެތައް މިލިއަން ރުފިޔާއެއްގެ ހަރަދެއް ކޮށްފައިވާކަން ވެސް އެ ރިޕޯޓުން ހާމަވެ އެވެ.