15 Aug 2012, 16:27
ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބެލުމަށް އުފައްދާފައިވާ ނެޝަނަލް އިންކުއިރީ ކޮމިޝަން (ކޯނީ)ގެ ރިޕޯޓް ނެރުމުގެ ކުރިން ރާއްޖޭގެ އެކިކަންކޮޅުތަކުން އެމްޑީޕީގެ މެންބަރުން މާލެ ގެނެސް ބޮޑު ޖަލްސާއެއް ބޭއްވުމަށް ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ނިންމައިފި އެވެ.
އެމްޑީޕީގެ ސްޕޯސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އިންތިޔާޒު ފަހުމީ މިއަދު ވިދާޅުވީ މިޖަލްސާގައި ރާއްޖޭގައި އެމްޑީޕީގެ ސަޕޯޓަރުން އުޅޭ ހުރިހާ ރަށަކުން މީހުންނަށް ދައުވަތުދީގެން ބާއްވާ ޖަލްސާއެއް ކަމަށެވެ. ނަމަވެސް ޖަލްސާ ބާއްވާނެ ވަކި ތަނަކާއި ތާރީހެއް އަދި ކަނޑައަޅާފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ބުނިގޮތުގައި މިފަދަ ޖަލްސާއެއް ބޭއްވުމުގެ ބޭނުމަކީ ކޯނީގެ ރިޕޯޓްގައި ބަޔާން ކުރާނެ ކަންކަން ތަންފީޒު ކުރުމަށް ބާރު އަޅައި ދިނުމުގެ ގޮތުން ޕާޓީގެ ފަރާތުން އަމަލު ކުރާނެ ގޮތްތައް ނިންމުމެވެ.
މީގެއިތުރުން އެމްޑީޕީގެ ސީދާ ހަރާކާތްތައް މިހާރު މެދުކަނޑާލައިފައި ވަނީ ރޯދަ މަހުގެ ފަހު 10 އަކަށް ކަމުގައިވާތީ ރޯދަ މަސް ނިމުމުން އެހަރަކާތްތައް އަލުން ފެށުމަށާއި އެމްޑީޕީން އަނިޔާއާ ދެކޮަޅަށް އޮގަސްޓް 12،13 ގައި ފާހަގަކުރަމުން އަންނަ "ކަޅުހުކުރު" ގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރުމުގެ ބަދަލުގައި "ހިތްވަރުގެ ހޯދުމުގެ ދުވަސް" މިނަމުގައި ފާހަގަ ކުރާ ގޮތަށް ރައީސް ނަޝީދު ހުށަހުއްވާފައިވާތީ އެދުވަސް އެނަމުގައި ފާހަގަ ކުރުމަށް ނިންމާފައިވާ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.