މާލޭ ސަރަހައްދުގެ ކުނި ނައްތާލުމަށް ސިޓީ ކައުންސިލުން ހަވާލުކޮށްފައިވާ، އިންޑިއާގެ ޓަޓްވާ ގްލޯބަލްއާ އެއްބަސްވުމަށް އަމަލުކުރުން މަޑު ޖައްސާލުމަށް އެކަމާ ގުޅުން ހުރި ސަރުކާރުގެ އޮފީސްތަކަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އަންގައިފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ޓަޓްވާޔާ ހަވާލުކުރި 49.2 މިލިއަން ރުފިޔާގެ އެ ޕްރޮޖެކްޓްގައި މައްސަލަތަކެއް ހިމެނޭތީ އެންވަޔަރަމަންޓް މިނިސްޓްރީން ވެސް އަންނަނީ އެ ޕްރޮޖެކްޓްގެ އެއްބަސްވުން ރިވިއުކުރަމުންނެވެ.

އޭސީސީގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވީ ޓަޓްވާޔާ އެކު ސިޓީ ކައުންސިލުން ސޮއިކޮށްފައިވާ ކުނި ނައްތާލުމުގެ އެއްބަސްވުމާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ޝަކުވާތަކެއް ހުށަހަޅާފައިވާ ކަމަށާއި އެ ޝަކުވާތަކާ ގުޅިގެން އެ މައްސަލަ ބަލަމުން އަންނާތީ އެ އެގްރިމަންޓުގެ ދަށުން ތިލަފުށީ ކޯޕަރޭޝަން (ޓީސީއެލް) އާއި ސްޓެލްކޯ އިން ޓަޓްވާޔާ އެކު ސޮއި ކުރަން ޖެހޭ އެގްރިމަންޓްތަކުގައި ސޮއި ނުކޮށް މަޑުޖައްސާލުމަށް އެ ދެ ކުންފުންޏަށް މިއަދު އަންގާފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮމިޝަނުން މިބަލަނީ އެ އެގްރިމަންޓް ސިޓީ ކައުންސިލުން ކުރި އިރު ޓީސީއެލް އާ ވެސް އަދި ސްޓެލްކޯއާ ވެސް ގުޅުންހުރި ކަން އެނގިފައި ނުވާ މައްސަލަ. ހަމައެކަނި އެ އެގްރިމަންޓްގައި މި އިންނަނީ ފިނޭންސާއި ސިޓީ ކައުންސިލް އަދި ޓަޓްވާ ސޮއިކޮށްފައި. އޭގައި އެކަމަކު އެބަހުރި އެންސިލަރީ ދެ އެގްރިމަންޓް ކުރަން. އެ އެގްރިމަންޓްގެ ދަށުން އެ ކުންފުނިތަކުގެ މިލްކިއްޔާތު ވެސް އެބަ ޝާމިލްވޭ،" ލުތުފީ ވިދާޅުވި އެވެ.

ޓީސީއެލްގެ މެނޭޖިން ޑިރެކްޓާ މުހަންމަދު ލަތީފު މިއަދު ވިދާޅުވީ އެ އެގްރިމަންޓްގެ ދަށުން ސޮއި ކުރަން ޖެހޭ އެންސިލަރީ އެގަރިމަންޓްތަކުގައި ސޮއި ކުރުން މަޑުޖައްސާލުމަށް އަންގައި އޭސީސީން އެ ކުނފުންޏަށް މިއަދު ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޓަޓްވާޔާ އެކު ވެފައިވާ އެ އެގަރިމަންޓްގެ ދަށުން ދެ މިލިއަން އަކަފޫޓުގެ ސަރަހައްދެއް މޫދާއި ބިން ވެސް ހިމެނޭ ގޮތަށް 20 އަހަރު ދުވަހުގެ މުއްދަތަކަށް ހިލޭ ޓަޓްވާޔަށް ދޭން ޖެހޭ ކަމަށެވެ.

"މިއީ ހަގީގަތުގައި އަޅުގަނޑުމެންގެ ވެސް ކޮންސާން އޮތްކަމެއް. ގާތްގަނޑަކަށް އެއް ބިލިއަނެއްހާ ރުފިޔާގެ ގެއްލުމެއް އަޅުގަނޑުމެން ކުންފުންޏަށް ވެސް މި އެގްރިމަންޓުގައި ސޮއިކޮށްފި ނަމަ ލިބޭނެ. އަޅުގަނޑަށް ގަބޫލެއް ނުކުރެވޭ މިއީ އަޅުގަނޑުމެން ބިން މިހެން ދީގެން ކުރަންވާ ވަރުގެ އެގްރިމަންޓެއް ހެނެއް،" ލަތީފު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މަޝްރޫއު އެގްރިމަންޓަށް ބަދަލެއް ނުގެނެސް އެ މަޝްރޫއު ފެށުމަށް ސަރުކާރަށް އަންނަނީ ފިއްތުންތައް ކުރިމަތިވަމުންނެވެ.

ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައި ވަނީ އެ މަޝްރޫއު ފަށަން ޓަޓްވާ ގްލޯބަލްއިން އޮތީ ތައްޔާރަށް ކަމަށާއި ނަމަވެސް މަޝްރޫއު ނުފެށި ލަސްވަނީ ސަރުކާރުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށްގެން ކަމަށެވެ. ޓަޓްވާގެ ޓީމަކުން ރާއްޖޭގަިއ ހަރަކާތްތެރިވަމުން އަންނަކަން ވަނީ އެނގިފަ އެވެ.

މީގެ ކުރިން ސަރުކާރުން ބުނެފައި ވަނީ އެ އެގްރިމަންޓްގެ ސަބަބުން ސަރުކާރަށް އެކަނި ވެސް އެއްބިލިއަން ރުފިޔާގެ ގެއްލުމަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ.

އެގްރިމަންޓްގެ ދަށުން ޔޫއީއީއެލް އަށް 200 ޓަނުގެ ކުނީގެ ގެރެންޓީ ދީފައިވާތީ ސަރުކާރުން އެ ކުންފުންޏަށް 2.5 މިލިއަން ރުފިޔާއަށް ވުރެ ބޮޑުއެއްޗެއް ދައްކަންޖެހެ އެވެ. އަދި ކުނީގެ ސަބްސިޑީގެ ގޮތުގައި ދައުލަތުން އެ ކުންފުންޏަށް 8 މިލިއަނާއި 10 މިލިއަން ޑޮލަރުގެ ފައިސާ ދައްކަން ޖެހޭ އިރު އިންޓަރިމްގެ މުއްދަތުގައި (2012-2014) ދެމެދު އެ ކުންފުންޏަށް ސަރުކާރުން ފަސް މިލިއަން ޑޮލަރު ދޭން ޖެހެ އެވެ. ހިދުމަތް ދޭން ރާވާފައި ވަނީ ކޮންމެ ކަރަންޓް މީޓަރަކުން 70ރ. ނަގައިގެނެވެ.

ތިލަފުށީގައި ކުނިނައްތާލުމުގައި ރައްކާތެރި ނިޒާމެއް ނެތުމުގެ ސަބަބުން މާލޭ ސަރަހައްދުގެ ތިމާވެށީ ތަޣައްޔަރުވުމުގެ މައްސަލަ ވަނީ ކުރިމަތިވެފަ އެވެ. އަދި ރާއްޖޭގެ ކުނި ނައްތާލުމުގެ ރަނގަޅު ނިޒާމެއް މިހާތަނަށް ގާއިމް ކުރަން އެކި ފަހަރު މަސައްކަތް ކުރި ނަމަވެސް އެކަން އަދި ވަނީ ކާމިޔާބުނުވެފަ އެވެ.