15 Aug 2012, 16:15
ފިލްމު އާތުމާގެ މަންޒަރުތައް ނަގަމުން ދިޔަ އިރު، ހަގީގީ އާތުމާއެއް ނުވަތަ ރޫޙެއް ފެނިފައި ވާ ކަމަށް ފިލްމުގެ ޕްރޮޑިއުސަރު އަބީޝެކް ޕާތަކް ބުނެފިއެވެ.
މީގެ ކުރިން ވެސް ބިރުވެރި ފިލްމުތަކުގެ މަންޒަރުތައް ނަގަމުން ދާ އިރު، ގޮތް ނޭނގޭ ފަދަ ހާދިސާތައް ދިމާ ވުމަކީ އާންމު ކަމެއް ކަމަށް އަބަދު ވެސް އަޑުތައް ފެތުރެއެވެ.
ސުޕާން ވަރުމާ ޑައިރެކްޓު ކުރާ އަދި ބިޕާޝާ ބާސޫ އާއި ނަވާޒުއްދީން ޞިއްދީޤު ހަރަކާތްތެރި ވާ މި ފިލްމުގެ މަންޒަރުތައް ނަގަމުން ދިޔަ އިރު، ނަވާޒުއްދީނުގެ ފުރަގަހުގައި ހުރި ފާރުގައި އެލުވައިފައި ހުރި ފޮޓޯ ލޯގަނޑެއް ކުއްލިޔަކަށް ވެއްޓި ތަޅައިގެން ދިޔަ ކަމަށާއި، އެ ތަނުގައި އެއްމެ ވައި ރޯޅިއެއް ވެސް ނެތް ކަމަށް ޕާތަކް ބުންޏެވެ. މީގެ އިތުރުން ވާޝީގައި މަންޒަރުތައް ނަގަމުން ދިޔަ އިރު ސުޕާން ދިޔައީ ހެޑްފޯނު އަޅައިގެން ތަރީންގެ ޑައިލޮގުތައް އަޑު އަހަމުން ކަމަށާއި އެ ވަގުތު މާ ދުރުން އަންހެނަކު ލަވަ ކިޔަމުން ދިޔަ އަޑު އޭނާއަށް އިވުނު ކަމަށް ވެސް ޕާތަކް ބުންޏެވެ. އަދި މި އަޑު ފިލްމުގެ ކުރޫގައި ހިމެނޭ އެހެން މީހަކަށް އަޑު ނީވޭތީ، އެއީ ޑައިލޮގު ތެރެއަށް ރެކޯޑު ކުރެވިފައި ހުރި އެއްޗެއް ކަމަށް ހީ ކޮށް، ރެކޯޑު ކޮށްފައި ހުރި ޑައިލޮގުތައް އަލުން އަޑު އެހި އިރު، އެ ރެކޯޑިންގ ގައި އެފަދަ އެއްވެސް އަޑެއް ނެތެވެ.
އެހެން ކަމުން ފިލްމު އާތުމާއަކީ "އާތުމާތަކުގެ" ޝައުގުވެރިކަން ވެސް ލިބުނު ފިލްމެއް ކަމަށް ބުނެވިދާނެއެވެ.