29 Aug 2010, 19:34
00:40
އެސްޓީއޯ އިން މެރީޑިއަމަށް ދޫކޮށްފައިވާ 20 މިލިޔަން ރުފިޔާގެ ކުރެޑިޓް މިންވަރު 10 މިލިޔަން ރުފިޔާއަށް މިއަދު ކުޑަކޮށްފި އެވެ.
މެރީޑިއަމް ސާވިސަސް ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދަށް އެސްޓީއޯ އިން މިއަދު ހަވީރު މި ސިޓީ ފޮނުވައިފައި ވަނީ މާލިއްޔަތުގެ ގާނޫނު ތަސްދީގު ނުކުރައްވާ ރައީސް ނަޝީދު އަނބުރާ ފޮނުއްވާލެއްވުމުން އެ ގާނޫނު ތަސްދީގު ކުރައްވަން ރައީސަށް ލާޒިމުވާ ގޮތަށް، ރިޔާޒު ވެސް ވޯޓު ދެއްވައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރިތާ ހަތަރު ދުވަހުގެ ތެރޭގަ އެވެ.
އެސްޓީއޯގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ޝަރީފު ސޮއިކުރައްވައިފައިވާ އެ ސިޓީގައި ބުނަނީ ކުރެޑިޓަށް މުދާ ދޫކުރުމާ ބެހޭ ގޮތުން އެސްޓީއޯ އާއި މެރިޑިއަމާ ދެމެދު 31 މާޗް 2010 ގައި ކޮށްފައިވާ އެއްބަސްވުމުން އެސްޓީއޯއަށް ލިބިދޭ އިހުތިޔާރުގައި މިއަދުން ފެށިގެން، އެއްމަސް ހަމަވާ ދުވަހުން ފެށިގެން، މެރިޑިޔަމަށް ދޫކޮށްފައިވާ ކްރެޑިޓް މިންވަރު 10 މިލިޔަނަށް ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށެވެ.
މެރީޑިއަމާއި އެސްޓީއޯއާ ދެމެދު ކޮށްފައިވާ އެގްރިމެންޓަކީ އަންނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ކޮށްފައިވާ އެގްރިމެންޓެކެވެ.
ކްރެޑިޓް ބިލަށް ފައިސާ ދައްކަންޖެހޭ މުއްދަތު ބިލު ހެދޭ ތާރީހުން ފެށިގެން ލަސްވެގެން 30 ދުވަހަށް ބަދަލުކޮށް، ބިލު ހެދޭ ތާރީހުގައި އެ ތާރީހުން ފެށިގެން 30 ދުވަހަށް ހަދައިފައިވާ ޑޭޓެޑް ޗެކް ހުށަހަޅަން ވާނެ ކަމަށް ވެސް އެސިޓީގައި އެސްޓީއޯ އިން އަންގައިފައިވެ އެވެ.
އެސްޓީއޯގެ މި ނިންމުމާ ގުޅިގެން ސަންއެފްއެމް އޮންލައިނަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރިޔާޒު މިރޭ ވިދާޅުވީ، އޭނާގެ ކުންފުންޏަށް ދީފައިވާ 20 މިލިޔަން ރުފިޔާގެ ކްރެޑިޓް ލިމިޓް 10 މިލިޔަނަށް ދަށްކޮށް، ފައިސާ ދައްކަންޖެހޭ މުއްދަތު 45 ދުވަހުން 30 ދުވަހަށް ބަދަލުކުރީ ރައްޔިތުންގެ މަޖިލީހުގައި މާލިއްޔަތުގެ ގާނޫނަށް އޭނާ ވޯޓު ދެއްވި ގޮތުގެ މައްޗަށް ބައްލަވައިގެން ދަތިކުރުމުގެ ފިޔަވަޅެއް އެޅުމުގެ ގޮތުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
"ރަމަޟާން މަހު އަޅުގަނޑު ރޯދަ ހިފާތީ އެކަމެއް (ކްރެޑިޓް ލިމިޓް 10 މިލިޔަނަށް ދަށެއް) އެމީހުން ނުކުރާނެ. އެމްޑީޕީއާ އެއްކޮޅަށް މިހާތަނަށް ވޯޓު ދިނީތީވެސް އެމީހުން އެކަމެއް ނުކުރާނެ. ހަމައެކަނި މައްސަލައަކީ މި ވޯޓް،" ރިޔާޒު ވިދާޅުވި އެވެ. "އެ ދުވަހު މަޖިލީހުގެ ތެރޭގައި ވެސް އެމީހުން (އެމްޑީޕީގެ މެންބަރުން) ވިދާޅުވި ދެން އެންމެ ތެޔޮ ލިޓަރެއް ވެސް ނުކެރޭނޭ އެސްޓީއޯއިން ނަގާކަށް. އެ އިނޒާރު އަޅުގަނޑަށް ދީފައި އޮތީ. އެދިން އިންޒާރާ ބަލާއިރު ކުޑަ މިންވަރެއް. މިއީ އަޅުގަނޑު ހީކޮށްގެން ހުރީ އެންމެ ތެޔޮ ލިޓަރެއް ވެސް ނުދޭނެ ކަމަށް."
މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ދެއްވި އިންޒާރުތަކުގެ ރިކޯޑިން މަޖިލީހުގެ މެންބަރުންގެ އަތްޕުޅުގައި އެބަހުރި ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
ނަމަވެސް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝާހިދު މިރޭ ވިދާޅުވީ މެރީޑިއަމްގެ ކްރެޑިޓް ލިމިޓް 10 މިލިޔަނަށް ބަދަލުކުރީ ސިޔާސީ ފިކުރުގައި މަޖިލީހުގެ ވޯޓާ ގުޅިގެން ނޫން ކަމަށާއި އެކަން ކުރައްވާފައި ވަނީ ކޮމާޝަލް ވިސްނެވުމެއްގެ ތެރެއިން ކަމަށެވެ.
ރިޔާޒު ވިދާޅުވީ މިއީ މި ކަމުގެ ފެށުން ނޫން ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވިލުފުށީ ދާއިރާއަށް ކުރިމަތިލެއްވި ހިސާބުން ފެށިގެން މިކަން ފެށިއްޖެ ކަމަށެވެ. އިންތިހާބުގައި އޭނާ ވާދަކުރުމަށް ނިންމެވުމާއެކު އެސްޓީއޯގެ ޗެއާމަން ފާރޫގު އުމަރު އޭނާއާ ބައްދަލުކުރައްވައި ނަން އަނބުރާ ގެންދެވުމަށާއި "އެހެން ނޫންނަމް ތެލުގެ ވިޔަފާރި ހުއްޓާލަން ރިޔާޒަށް ޖެހޭނެ" ކަމަށް ވިދާޅުވެ ފާރޫގު އިންޒާރު ދެއްވާފައިވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ވިޔަފާރި ހުއްޓައިލަން ބޭނުންނުވާ ކަމަށާއި އެކަމުގައި އިތުރު ވިސްނުމަކަށް ދާން ބޭނުން ކަމަށް އޭރު ދަންނަވާފައި ވަނިކޮށް އެގްރިމެންޓް އުވާލުމުން ފިނޭންސް މިނިސްޓްރީން ތެރެއިން ފާރޫގާ ބައްދަލުވުމުން ދެވަނަ ވިސްނުމަކަށް ފުރުސަތު ނުދެއްވައި އެގްރިމެންޓް އުވައިލެއްވުމުން ވިލުފުށީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައި ނޫނީ ހުއްޓާނުލާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ. ރިޔާޒު ވިދާޅުވީ އޭގެ ފަހުން ކްރެޑިޓް 12 މިލިޔަން ރުފިޔާ އަށް ބަދަލުކޮށްދެއްވުމަށްފަހު، އޭނާއަށް މަޖިލީހުގެ ވިލިފުށީ ދާއިރާގެ ގޮނޑި، ކާމިޔާބުވި ފަހުން އެ މިންވަރު 20 މިލިޔަނަށް ބަދަލުކޮށްދެއްވި ކަމަށެވެ.
ވިލިފުށީ ދާއިރާގެ ގޮނޑިއަށް ރިޔާޒާއެކު ވާދަކުރެއްވެވީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރުގެ މަގާމުގައި ހުންނެވި ކުރީގެ ޕާލަމެންޓް މެންބަރު ހަސަން އަފީފެވެ.
ގައުމީ ޕާޓީގެ ނައިބު ރައީސް އަދި ޕާލިމެންޓްރީ ގްރޫޕުގެ ރައީސް ރިޔާޒު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީއާ ދެކޮޅަށް މާގިނަ ކަންތައްތަކެއް އޭނާ ނުކުރައްވާ ކަމަށާއި އޭގެ ބަދަލުގައި މުހިންމު ކަންތައްތަކުގައި އެމްޑީޕީއަށް އެއްބާރުލުން ވެސް ދެއްވާ ކަށެވެ. އަދި ވިދާޅުވީ މާލިއްޔަތުގެ ގާނޫނަކީ މުޅި ގައުމުގެ މަސްލަހަތާ ގުޅިފައިވާ ގާނޫނެއް ކަމަށާއި އޭނާއަކީ ޕާޓީއެއްގެ މެންބަރަކަށް ވުމުން ޕާޓީގެ ވިސްނުމާ ދެކޮޅަށް ހުރިހާ ކަމެއް ނުކުރެއްވޭނެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ ގައުމުގެ ހަރު މުދާ އެއްވެސް ފަރާތަކަށް ދޫކުރެވެން ވާނީ ހަރުދަނާ ރަނގަޅު ނިޒާމެއްގެ ތެރެއިން ކަމަށާއި މާލިއްޔަތުގެ ގާނޫނުގެ ވޯޓުގައި އޭނާ ބައިވެރިވެވަޑައިގަތީ ރައްޔިތުންނަށް ލިބެންޖެހޭ އެއްޗަކަށް ހުރަސް ނޭޅުއްވުމުގެ ގޮތުން ކަމަށެވެ. އަދި ވިދާޅުވީ އެ ގާނޫނުގެ ސަބަބުން ސަރުކާރު ހިންގުމަށް ދަތިވެދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑު ވޯޓު ދިނީ ގައުމީ މަސްލަހަތު އިސްކޮށްގެން އަބަދުވެސް އަޅުގަނޑު ކަންކުރަނީ އެގޮތަށް އޭގެ ސަބަބުން އަޅުގަނޑުގެ ވިޔާފާރި ފުނޑާލަންޖެހޭނެ ކަމަކަށް ގަބޫލެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ މަޖިލީހުގައި އޭނާ ކުރައްވާ މަސައްކަތްތަކާ ގުޅިގެން ކުރިމަތިކުރުވާ ޕްރެޝަރުތަކުގެ ސަބަބުން ނުކޮށް ދޫކޮށްލާފައިވާ ވަރަށް ގިނަ ކަންތައްތައް ހުންނާނެ ކަމަށެވެ. އެކަމަކު ސަރުކާރުން މިއަދު އެޅުއްވި ފިޔަވަޅުގެ ސަބަބުން މަޖިލީހުގައި ދެން އޭނާއަށް މަސައްކަތް ކުރައްވަން ފަސޭހަވާއިރު، ސަރުކާރަށް ނިސްބަތްވާ ފަރާތްކަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ.
"ދެން ބަލަމާ ހިނގާ އަޅުގަނޑުގެ ފަރާތުން ދުވާލަކު ކިތައް ބިލު އާދޭތޯ ކިތައް ކަންތައް އާދޭތޯ އެ ކަންތައްތަކަށް ކުރިމަތިލައްވަން އެބޭފުޅުން ތިއްބަވާ. އަޅުގަނޑުގެ ވިޔާރި ފުނޑާލީމާ ވިޔަފާރިތާ އަޅުގަނޑު ނުކުރާނީ،" އޭނާ ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވީ އެސްޓީއޯ އިން މިއަދު ފިޔަވަޅު އެޅިއިރު ޑޭޓެޑް ޗެކް ހުށަހަޅާ ގޮތަށް ހަދައިފައި ވަނީ ވެސް ގާނޫނީ ގޮތުން އޭނާ މަޅިއެއްގެ ތެރެއަށް ލެއްވުމަށް ކަމަށާއި އޭގެ މަގުސަދު ވެސް ވަރަށް ސާފު ކަމަށެވެ. އަދި ވިދާޅުވީ އޭނާއަށް ފޮނުވި ސިޓީއަކީ އެހެން ބަޔަކަށް ވެސް ފެނިދާނެތީ އެކަމަށް ވިސްނައިގެން ލިޔެފައިވާ ސިޓީއެއް ކަމަށާއި ސިޓީގައި މަޝްވަރާ ކުރެވިދާނެ ކަމަށް އޮންނަ އޮތުމަކީ އޭނާގެ މައްޗަށް ހަމްދަރުދީ އޮތްކަން ދެއްކުމަށް ހިމަނާފައިވާ ޕެރެގްރާފެއް ކަމަށެވެ. އެއިން އިތުރު މާނައެއް ނެގުމުގެ ޖާގައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ. "ސިޓީގައި ތިބުނަނީ އެވޯޓާ ގުޅިގެން ތިހެން ހަދާފައޭ ތިއޮތީ އަދިވެސް ބޭނުން ގޮތެއް ހަދާނަމޭ. ތިމަންނާމެންގެ ޕާޓީއަށް (އެމްޑީޕީ އަށް) ސޮއިކުރުން ފިޔަވާ އިތުރު ގޮތެއް ނެތޭ، އެއީ އަޅުގަނޑު އެ ސިޓީ މާނަކުރެވޭ ގޮތް."
ރިޔާޒު ވިދާޅުވީ މި ބަދަލުގެ ސަބަބުން މަޖިލީހުގައި އޭނާގެ ސްޓޭންޑަށް ބަދަލެއް ނުގެންނަވާނެ ކަމަށާއި މަޖިލީހުގައި ކުރިޔަށްވުރެ ވެސް ސާބިތުވެވަޑައިގަންނަވާނެ ކަމަށެވެ.
"ސަރުކާރުން ކުރިމަތިކުރުވާނެ ފިއްތުމަކަށް ދެން ބަލާކަށްނުޖެހޭ. އެސްޓީއޯގެ ތެރެއިން އަޅުގަނޑުގެ ވިޔަފާރިޔަށް ފިއްތާފާނެތީ ނުކޮށް ދޫކޮށްލި ކިތަންމެ ކަމެއް ހުންނާނެ. އެކަމަކު ދެން ފިއްތަފާނެތީ ގަންނަންޖެހޭ ބިރެއް ނެތް، ބިރު ފިލައިފި،" ރިޔާޒް ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ އޭނާގެ ވިޔަފާރި ބައްޓަންކުރާނެ ގޮތަކާ މެދު ވިސްނަވަމުން ގެންދަވާ ކަމަށާއި އެކަމަކު އެސްޓީއޯއާކު މަޝްވަރާއަކަށް ވަޑައިނުގަންނަވާނެ ކަމަށެވެ.
"އެމީހުންނާއެކު ކުރަން އޮންނާނީ ކޮން މަޝްވަރާއެއް؟ ކުރަން އޮންނާނެ މަޝްވަރާއަކީ އެމްޑީޕީއަށް ސޮއިކުރުން. އެކަމެއް އަޅުގަނޑު ނުކުރާނެ، އަޅުގަނޑު ފުނޑާލިޔަސް މައްސަލައެއް ނެތް އެމްޑީޕީއަކަށް ސޮއެއް ނުކުރާނަން."