ލޭ ހަދިޔާ ކުރާ މީހުން އެސްއެމްއެސް މެދުވެރިކޮށް ދެނެގަނެވޭނެ ޚިދުމަތެއް ދިރާގުން ތައާރަފްކޮށްފި އެވެ.

މި ޚިދުމަތް ތައާރަފް ކުރުމަށް މިއަދު ޓްރޭޑާސް ހޮޓަލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗީފް އެގްޒެކްޓިވް އިސްމާއިލް ރަޝީދު ވިދާޅުވީ މި ޚިދުމަތަކީ ޝެލްޓެކް ސޮލިއުޝަނުން އިސްނަގައިގެން ދިރާގާއި ވާހަކަދައްކައިގެން ކުރެވުނު މަޝްވަރާތަކަކަށް ފަހު ތައާރަފް ކުރެވުނު ޚިދުމަތެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިއަދު މިތައާރަފް ކުރި ޚިދުމަތުގެ ސަބަބުން ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަށް އެސްއެމްއެސް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެ އިންތިޒާމް ދިރާގުން ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކާ ވީހާ ވެސް އަވަހަކަށް ގުޅޭނެ އިންތިޒާމް މިޚިދުމަތުގެ ސަބަބުން ހަމަޖެހިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޭހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކުން ރަޖިސްޓްރީ ކުރަން ފޮނުވާ އެސްއެމްއެސްއަކަށް ޗާޖް ކުރާނީ އެއް ރުފިޔާ ކަމަށާއި އެގޮތުން އެސްއެމްއެސްތަކަށް ލިބޭ ފައިސާ ތެލެސީމިއާ ފަންޑަށް ހަދިޔާ ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިއީ އިޖުތިމާއީ ގޮތެއްގައި ކޮށްދޭ ކަމެއް. އެސްއެމްއެސް އިން ލިބޭ ފައިސާތައް ތެލަސީމިއާ ފަންޑަށް ހަދިޔާކުރާގޮތަށް ހަމަޖެހިފައި ވަނީ،" އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.

މި ޚިދުމަތް ތައާރަފް ކުރުމުގެ ގޮތުން ޝެލްޓެކާއި ދިރާގް އަދި ހެލްތު މިނިސްޓްރީއާ މެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފަ އެވެ.

އެމްއޯޔޫގައި ސޮއިކުރެއްވުމަށް ފަހު ހެލްތު މިނިސްޓަރު ޑރ. އަހުމަދު ޖަމްޝީދު މުހައްމަދު ވިދާޅުވީ މޯލްޑިވިއަން ބްލަޑް ސާވިސަސްގެ ނަމުގައި އާ މުއައްސަސާއެއް އުފައްދާ ރާއްޖޭގެ މަރުކަޒީ ބްލަޑް ބޭންކު މިހާރަށް ވުރެ ހަރުދަނާކޮށް ހިންގުމަށް ސަރުކާރުން މިހަރު ނިންމާފައިވާ ކަމަށެވެ.