08 Oct 2025, 09:23
އާރްޔަން ޚާންގެ ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގައި އެކްޓަރު ލަކްޝްޔަ ލަލްވާނީގެ މެނޭޖަރުގެ ރޯލް ކުޅުނު ބަތަލާ އާންޔާ ސިންގް ކަހަލަ މެނޭޖަރެއް ކޮންމެ ފިލްމީ ތަރިއަކަށް ވެސް މުހިއްމު ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ވަނީ ފެށިފައެވެ.
ފިލްމީ ތަރިންގެ އިތުރުން ވެސް ބެލުންތެރިންގެ ގިނަ ބަޔަކު ބުނެފައިވަނީ މަސައްކަތުގެ މާހައުލުގައި އެކަހަލަ މެނޭޖަރެއް ހުރެއްޖެނަމަ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ލިބޭނެ ކަމަށެވެ.
ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ފިލްމު ޑައިރެކްޝަނަށް ތައާރަފުވުމުގެ ގޮތުން ގެނެސްދިން ވެބް ސީރީޒަށް ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ސީރީޒްގެ ކާސްޓުންނަށް ވެސް ވަރަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.
އޭގެ ތެރޭގައި އެއްވެސް ކަހަލަ ފިލްމީ އާއިލާއަކާއި އަދި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ބަޔަކާ ގުޅުމެއް ނެތި ބޭރުން އިންޑަސްޓްރީއާ ގުޅުނު އާންޔާ ސިންގްގެ ކެރެކްޓާއަށް ވެސް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.

އާންޔާ އެކްޓަރު ލަކްޝްއާ އެކު "ދަ ބޭޑްސް އޮފް ބޮލީވުޑް"ގެ މަންޒަރެއްގައި--ފޮޓޯ/މިޑްޑޭ
އުމުރުން ފަސް އަހަރު ވަންދެން އިނގިރޭސިވިލާތުގެ ލަންޑަންގައި ދިރިއުޅުމަށް ފަހު އާންޔާ އެންމެ ބޮޑު އިސްކަމެއް ދިނީ މަތީ ތައުލީމު އުނގެނުމަށެވެ.
އެހެންނަމަވެސް، ކުޑައިރުއްސުރެ ހިތުގައި އާޓްސްއަށް ޚާއްސަ ލޯތްބެއް އޮތް ކަމަށް އާންޔާ ވަނީ ބުނެފައެވެ.
އެކްޓިން ދާއިރާއަށް އޭނާގެ ޝައުގުވެރިކަން އުފެދުނީ ކްލެސިކަލް ޑާންސިންގްގެ ތަމުރީނުތަކާ އެކު ކަމަށާއި ނެށުމުގެ ތެރެއިން އެކްޓިންގް ދާއިރާއަށް ވަދެވުނީ ކުއްލިއަކަށް ކަމަށް ބަތަލާ ވަނީ މީޑިއާއަށް ދިން އިންޓަވިއުގައި ބުނެފައެވެ.
އާންޔާ އެންމެ ފުރަތަމަ އެކްޓިންގް ކެރިއަރު ފެށީ 2017 ވަނަ އަހަރު ކުޅުނު މިއުޒިކަލް ޑްރާމާ "ގައިދީ ބޭންޑް"އިނެވެ. ޔަޝް ރާޖް ފިލްމްސްއިން ގެނެސްދިން އެ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް އާންޔާގެ އެކްޓިން ހުނަރު ވައިއާރްއެފްގެ ޓީމަށް ފާހަގަކުރެވި އެ ޕްރޮޑަކްޝަންގެ އިތުރުން ތިން ޕްރޮޖެކްޓަކުން އޭނާއަށް އޭރު ފުރުސަތު ލިބުނު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.
ނަމަވެސް، އެ ފިލްމުތަކުން ވެސް މާބޮޑު މަޝްހޫރު ކަމެއް އާންޔާއަށް ނުލިބި ބެލުންތެރިންގެ ލޮލުގައި އަޅައިގަންނަ ކަހަލަ ބަތަލާއަކަށް އޭނާ އޭރު ނުވި ކަމަށް އާންޔާ ވަނީ ބުނެފައެވެ. ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގައި އާންޔާ ކުޅުނު ރޯލަށް އާއްމުންގެ ތަރުހީބު އެވަރަށް ލިބޭނެ ކަމަށް އެއްވެސް ވަރަކަށް އުންމީދު ނުކުރާ ކަމަށް އާންޔާ ވަނީ ބުނެފައެވެ.
އެ ސީރީޒްއިން ލިބުނު މަޝްހޫރުކަމާ އެކު އާންޔާ ވަނީ އައިއެމްޑީބީގެ އެންމެ މަޝްހޫރު ސެލެބްރިޓީން ލިސްޓުގެ ކުރިން ޖާގަ ހޯދާފައެވެ.
ވެބް ސީރީޒް "ދަ ބޭޑްސް އޮފް ބޮލީވުޑް"އިން ލިބުނު މަޝްހޫރުކަމާ އެކު ކުރިމަގުގައި ގިނަ ފިލްމީ ހުށަހެޅުންތަކެއް އާންޔާއަށް ލިބޭނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާއިރު އޭނާގެ އިތުރު ފިލްމުތަކެއްގެ އިންތިޒާރުގައި ބެލުންތެރިން ތިބި ކަމަށް ބަތަލާގެ ސަޕޯޓަރުން ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.