ސައުތު ސިނަމާގެ މަގުބޫލު އެކްޓަރު ޕްރަބާސްގެ ކުރިއަށް އޮތް ފިލްމު "ދަ ރާޖާ ސާބް"ގެ ޓްރެއިލާ ބެލުންތެރިންނަށް ދައްކާލައިފިއެވެ.

ޕްރަބާސްގެ ކެރިއަރުގެ ފުރަތަމަ ހޮރޯ ކޮމެޑީ ފިލްމު "ދަ ރާޖާ ސާބް"ގެ ޓްރެއިލާ އާންމުކުރިއިރު ބެލުންތެރިންނަށް މާޔޫސްކަން ގެނުވައިދިނީ މީގެ ކުރިން ވެސް ރިލީޒްކުރުން ފަސްކުރެވިފައިވާ ފިލްމު ސިނަމާތަކަށް ގެންނަ ތާރީޚު އަނެއްކާ ވެސް ބަދަލުވެފައިވާކަން އެނގުމުންނެވެ.

މި އަހަރުގެ ޑިސެންބަރު މަހުގެ ފަސްވަނަ ދުވަހު ސިނަމާތަކަށް ގެންނާނެކަން ކުރިން އިއުލާނުކުރި ފިލްމު ރިލީޒްކުރާނެ ކަމަށް ބުނެފައިވާ އާ ތާރީޚަކީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނުވަވަނަ ދުވަހެވެ.

ފިލްމު "ދަ ރާޖާ ސާބް" ޓްރެއިލާގެ މަންޒަރެއްގައި ޕްރަބާސް އަދި އެކްޓަރު ސަންޖޭ ދަތު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޕްރަބާސްގެ އިތުރުން ފިލްމީ ތަރިން ކަމަށްވާ މަލްވިކާ މޯހަނަން، ނިދީ އަގަރުވާލު، ރިދީ ކުމާރު، މުރާލީ ޝަރުމާ، ސަންޖޭ ދަތު، އަނޫޕަމް ހޭރު، ޒަރީނާ ވައްހާބް، ޔޯގީ ބަބޫ، ވަރަލަކްޝްމީ ސަރަތު ކުމާރު އަދި ޖިއްޝޫ ސެން ގުޕްތާ މުހިއްމު ރޯލްތަކުން ފެންނާނެ "ދަ ރާޖާ ސާބް" ފިލްމަކީ މަރޫތީ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

މި ފިލްމުގެ ވަރަށް ޚާއްސަ ލަވަޔަކުން ސައުތު ސިނަމާގެ މަގުބޫލު ބަތަލާ ނަޔަންތާރާ ވެސް ބެލުންތެރިންނަށް ފެންނާނެކަން ވަނީ ކަށަވަރުވެފައެވެ.

ސައުތު ސިނަމާގެ ނުފޫޒުގަދަ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ ފިލްމު "ބާހޫ ބަލީ"އިން ބޮޑު މަޝްހޫރުކަމެއް ހޯދި ޕްރަބާސް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ ޑައިރެކްޓަރު ނާގް އަޝްވިންގެ ފިލްމު "ކަލްކީ: 2898 އޭޑީ"އެވެ. މި ފިލްމުގެ ދެވަނަ ބައެއް އިއުލާނުކޮށްފައިވާއިރު ދެވަނަ ފިލްމުން ވެސް ޕްރަބާސް ފެންނާނެއެވެ.

ބޮލީވުޑަށް ވެސް ތައާރަފުވެފައިވާ އެކްޓަރުގެ ކުރިއަށްހުރި ފިލްމުތަކުގެ ތެރޭ ޑައިރެކްޓަރު ސަންދީޕް ރެޑީގެ ފިލްމު "ސްޕިރިޓް"، "ސަލާރު"ގެ ދެވަނަ ބައިގެ އިތުރުން "ފައުޖީ" ހިމެނެއެވެ.