08 Oct 2025, 09:19
ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު މަދޫރު ބަންޑާކަރުގެ އާ ފިލްމު "ދަ ވައިވްސް"ގެ ރޯލެއް ބަތަލާ ފާތިމާ ސަނާ ޝައިހަށް ހުށަހަޅާފައި ނުވާނެ ކަމަށް މަދޫރު ބުނެފިއެވެ.
މި ފިލްމުގެ ޝޫޓިންގް މިހާރު ނިމިފައިވާއިރު ފިލްމުގެ ލީޑް ބަތަލާއިންގެ ގޮތުގައި ފެންނާނީ ސައުތު ސިނަމާގެ ތެލުގޫ އަދި ތަމަޅަ ފިލްމުތަކުން ފެނިފައިވާ ބަތަލާ ރެޖީނާ ކަސަންދްރާ އާއި ބޮލީވުޑްގެ ބަތަލާ ސޮނާލީ ކުލްކަރުނީގެ އިތުރުން ޓެލެވިޒަން ބަތަލާ މޯނީ ރޯއި ކަމަށް މަދޫރު ވަނީ ބުނެފައެވެ.
ހިންދުންސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި މަދޫރު ބުނެފައިވަނީ، އެއްވެސް އިރަކު ފާތިމާއަށް ފިލްމު ހުށަހަޅާފައިނުވާނެ ކަމަށާއި ފިލްމުގެ ލީޑް ރޯލަކުން ފާތިމާ ފެންނާނެ ކަމަށް ދެކެވެމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް އެކުލެވިފައިނުވާ ކަމަށެވެ.

ޑައިރެކްޓަރު މަދޫރު ފިލްމު "ދަ ވައިވްސް"ގެ ލީޑް ބަތަލާއިންނާ އެކު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
"ފެޝަން"، "ޗާންދުނީ ބާ" އަދި "ޕޭޖް 3" ފަދަ ފިލްމުތައް ޑައިރެކްޓްކޮށްފައިވާ މަދޫރުގެ "ދަ ވައިވްސް" އަކީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ މަޝްހޫރު އެކްޓަރުންގެ އަނބިންގެ މުއްސަނދި ދިރިއުޅުމާއި ދިރިއުޅުމުގެ ވަށްޓަފާޅި ދައްކުވައިދޭނެ ފިލްމެކެވެ. ހަމައެއާއެކު އެ ތަރިންގެ ދިރިއުޅުމުގެ އަނދިރި ސަފުހާތައް ވެސް މި ފިލްމު މެދުވެރިކޮށް ބެލުންތެރިންނަށް ގެނެސްދޭނެއެވެ.
ކަރަން ޖޯހަރުގެ ދަރުމެޓިކް އެންޓަޓެއިންމަންޓްއިން ނެޓްފްލިކްސްއަށް އުފައްދައިދިން ރޮމޭންޓިކް ކޮމެޑީ ޑްރާމާ "އާޕް ޖޭސާ ކޮއީ"ގެ ބަތަލާގެ އިތުރު ފިލްމެއް މި އަހަރު ރިލީޒްވެފައިވާއިރު ފާތިމާ އަންނަނީ ދެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ.
އޭގެ ތެރޭގައި އިންޑިއާގެ ފެޝަން ޑިޒައިނަރު މަނިޝް މަލްހޯތުރާގެ އަމިއްލަ ފިލްމު ކުންފުނިން ފުރަތަމަ ފަހަރަށް ގެނެސްދޭ ފިލްމު "ގުސްތާކް އިޝްޤް" ހިމެނެއެވެ.
މަދޫރުގެ "ދަ ވައިވްސް"ގެ މަސައްކަތް މިދިޔަ ސެޕްޓެންބަރު މަހުތެރޭ ނިންމާލާފައިވީ ނަމަވެސް ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީޚެއް އަދި އިއުލާނު ނުކުރެއެވެ.