އަތޮޅުތެރޭ ކުދި ރަށްރަށަށް މައުލޫމާތާއި މުވާސަލާތީ ޓެކްނޮލެޖީގެ ފައިދާ، ކޮމިއުނިޓީ އީ ސެންޓަރު (ސީއީސީ)ގެ ހިދުމަތް ފޯރުކޮށް ދިނުމުގެ އެއްބަސްވުމެއްގައި ޓްރާންސްޕޯޓް މިނިސްޓްރީ އާއި ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޯލޮޖީގެ އިތުރުން ނަވާރަ ރަށެއްގެ ކައުންސިލާ ދެމެދު ސޮއިކޮށްފި އެވެ.

މިއަދު ނޭޝަނަލް ސެންޓާ ފޮ އިންފޮމޭޝަން ޓެކްނޯލޮޖީގައި ބޭއްވެވި ހަފްލާއެއްގައި އެ އެމްއޯޔޫގައި ސޮއިކުރި ކައުންސިލްތަކަކީ ލ. މާބައިދޫއާއި ލ. ކުނަހަންދޫއާއި ފ. މަގޫދޫއާއި ޅ. ކުރެންދޫގެ އިތުރުން ތ. މަޑިފުށިއާއި ތ. އޮމަދޫއާއި ތ. ދިޔަމިގިލީއާއި ށ. ޅައިމަގުއާއި ނ. ހެނބަދޫއާއި ނ. ޅޮހީއާއި ނ. ކުޑަފަރީއާއި ރ. ރަސްމާދޫ އިތުރުން ވ. ފުލިދޫއާއި ހދ. ނޮޅިވަރަންފަރާއި ގއ. ނިލަންދޫއާއި ގއ. ކަނޑުހުޅުދޫއާއި ހއ. ފިއްލަދޫއާއި ޏ. ފުވައްމުލަކު ދޫނޑިގަން އަދި އއ. މަތިވެރި ކައުންސިލް އެވެ.

ރަށްތަކުގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ ކޮންމެ ރަށެއްގެ ވެސް ކައުންސިލުގެ މެންބަރެކެވެ. މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަހުމަދު ޝަމްހީދެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން 19 ރަށުގައި ކޮމިއުނިޓީ އީ-ސެންޓަރު (ސީއީސީ)އެއް ޤާއިމުކުރާނެ ކަމަށާއި އަދި ސީއީސީގެ ޒަރިއްޔާ އިން އަތޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، ދިރިއުޅުމުގެ އެކިއެކި ކަންކަމުގައި ޒަމާނީ ޓެކްނޯލޮޖީގެ ބޭނުން ހިފައި އޭގެ މަންފާ ފޯރުކޮށް ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "އީ-ސިޓިޒަން" ނަމުގައި ތަމްރީނު ޕްރޮގްރާމްތަކެއް ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވާ ފަރާތްތަކަށް ކޮމްޕިއުޓަރާއި އިންޓަނެޓް ބޭނުންކުރުމުގެ އަސާސީ ހުނަރުތައް އުގަންނައިދީ އަދި ސީއީސީގެ ޒަރީއާ އިން ސަރުކާރުން އޮންލައިންކޮށް ދޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެ އެވެ.