07 Oct 2025, 20:33
ސަރުކާރާ ދެކޮޅަށް އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުން ހައްޔަރުކުރި ހަ މީހުންނަށް ސިއްހީ ފަރުވާ ނުލިބޭ ކަމަށް ބުނެ، ހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޕާޓީގެ އެއްވުމުން ހައްޔަރުކުރި މީހުންނަށް ސިއްހީ ފަރުވާ ނުލިބުމުގެ އިތުރަށް، އެ މީހުންގެ ތަހުގީގު ދިގުލައިގެން ދިޔުމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.
އެހެންވެ، އެ މީހުން މިހާރު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ މީހުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް، ކަމާ ބެހޭ ފަރާތްތަކަށް ފައްޔާޒު ގޮވާލެއްވިއެވެ.

އެމްޑީޕީގެ އެއްވުމުން ހައްޔަރުކޮށް، ބަންދު ޖަހައިފައިވާ މީހުން: ބޭސް ފަރުވާ ނުލިބޭ ކަމަށް ބުނެ، އެ މީހުން ވަނީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފައި -- ފޮޓޯ/ އެމްޑީޕީ
ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި އެމްޑީޕީން ބޭއްވި އެއްވުމުގައި ހައްޔަރުކުރި މެންބަރުންގެ ތެރޭ ބައެއް ރަށްރަށުގެ ކައުންސިލަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ހިމެނެއެވެ. އެގޮތުން އެ ރޭގެ އެއްވުމުން ދާންދޫ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔައުގޫބު އަބްދުالله އާއި ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު ޔާސިރު އަބްދުއްލަތީފާއި، މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހާއި އައްޑޫ ހިތަދޫ ރަސްގެދަރަ ކައުންސިލަރު ހަސަން ޒަރީރު ހައްޔަރުކުރިއެވެ.

އެމްޑީޕީ ލޫޓުވައިފި މުޒާހަރާގެ ތެރެއިން މީހަކު ހައްޔަރުކުރުން: އެ މުޒާހަރާއިން ހައްޔަރުކޮށް، މިހާރު ބަންދުގައި ތިބި މީހުން ވަނީ ހައިހޫނުކަމުގެ ހަޅުތާލެއް ފަށައިފައި --- ސަން ފޮޓޯ/ އަހުމަދު ފިރްޔާލް
އެ އެއްވުމުގެ ތެރެއިން އަށް މީހަކު ހައްޔަރުކުރި އިރު، އެ ތަނުން ޒަރީރާއި، މުހައްމަދު ޚަލަފް އިބްރާހީމް ވަނީ ދޫކޮށްލައިފައެވެ.
އޭގެ ތެރެއިން ޚަލަފް ދޫކޮށްލިއިރު، އޭނާވަނީ އޭނާ ހައްޔަރުކުރީ ކޮލެޖު ނިންމައި ގެއަށް ދަނިކޮށް މުޒާހަރާގެ ތެރޭގައި ތާށިވެފައި ހުއްޓައި ކަމަށް ބުނެފައެވެ.
ހައްޔަރުކުރި މީހުން ތިބީ މިހާރު 15 ދުވަހުގެ ބަންދެއްގައި ދޫނިދޫގައި ކަމަށްވާއިރު އެމްޑީޕީން ވަނީ، އެ މީހުންނަށް މީގެ ކުރިން ވަކީލުންގެ ލަފާ ހޯދުމުގެ ފުރުސަތެއް ނުދޭ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.