07 Oct 2025, 20:12
ފޭސްބުކް ޕޯސްޓެއްގައި ފުލުހުންނަށް އިންޒާރު ދިން ކަމުގެ ތުހުމަތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަދި ހުޅުމާލެ އުތުރު ދާއިރާގެ ރައީސް ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު މިއަދު ހިފަހައްޓައިފިއެވެ.
އެމްޑީޕީގެ ގާނޫނީ ވަކީލު އަހުމަދު މައުރޫފް 'ސަން'އަށް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން ޒަހިއްޔާގެ ފޯނު ހިފެހެއްޓީ މިއަދު ކަމަށެވެ.
އެގޮތުން، ޒަހިއްޔާގެ ފޯނު ހިފެހެއްޓީ ފުލުހުންނަށް އިންޒާރުދީ، ފޭސްބުކްގައި ޒަހިއްޔާ ކުރި ޕޯސްޓަކާ ގުޅިގެން ކަމަށް، ކްރިމިނަލް ކޯޓުގެ އަމުރާ ހަވާލާދީ މައުރޫފް ވިދާޅުވިއެވެ.
އެ އަމުރުގައި ވަނީ، އެ މައްސަލަ ގުޅިފައިވަނީ މިދިޔަ ހޮނިހިރު ދުވަހުގެ 23:08ހާއިރު ޒަހިއްޔާ ކުރި ޕޯސްޓަކާ ކަމަށެވެ. އޭނާގެ ފޯނު ހިފަހައްޓަނީ އެ މައްސަލައާ ގުޅިގެން ހެކި ހޯދަން ކަމަށް އަމުރުގައިވެއެވެ.
އެ މައްސަލަ ބަލައިފައިވަނީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށާއި އަމުރު ހިނގާނީ 72 ގަޑިއިރަށް ކަމަށް ކޯޓު އަމުރުގައިވެއެވެ.
އެ އަމުރުގައިވާ ގޮތުން މައްސަލަ ބަލަނީ ފުލުހުންގެ ވައްކަމުގެ މައްސަލަތައް ބަލާ ޑިޕާޓްމެންޓުންނެވެ.
އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ފޯނު ހިފެހެއްޓިއިރު، މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ޕާޓީން ވަނީ ސަރުކާރަށް ކޮރަޕްޝަނުގެ ތުހުމަތުކޮށް ބޮޑު އެއްވުމެއް ބާއްވާފައެވެ. ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި އެއްވުމުގައި ފުލުހުންނާއި ބައިވެރިންނާ ދެމެދު ކުރިމަތިލުންތަކެއް ވެސް ހިނގިއެވެ.
އެ އެއްވުމުގެ ކުރިން ފުލުހުން ވަނީ، އެއްވުމުގައި ހަމަނުޖެހުން ހިންގަން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަމަށް ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ. އަދި އެއްވުމުގެ ބައިވެރިން ހުއްދަ ދީފައިވާ މަގު ނޫން އެހެން މަގަކުން ދާން އުޅުމުން އެ މީހުން ހުއްޓުވައި ތަކުރާރުކޮށް ޕެޕާ ސްޕްރޭ ޖަހައި، ބާރު އަޑު ފޮނުވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކޮށްފައިވެއެވެ.
ފުލުހުން އެ ފިޔަވަޅުތައް ދިފާއުކޮށްފައިވާއިރު، ރޭ އެ މުއައްސަސާއިން ވަނީ ފުލުހުންގެ ވަކިވަކި އޮފިސަރުންނަށް ބިރު ހީވާ ގޮތަށް ސޯޝަލްމީޑިއާގައި އަމަލެއް ހިންގައިފިނަމަ، އެފަދަ މީހުންނާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ދީފައެވެ.