ރަޝިޔާގެ ޤައުމީ ޓީމުގެ ކޯޗްކަމާއި ދާދި ފަހުން ހަވާލުވި އިޓަލީގެ ފަބިއޯ ކަޕެއްލޯގެ އިރުޝާދުގެ ދަށުން ރަޝިޔާ ކުޅޭ ފުރަތަމަ މެޗްގައި މިރޭ އައިވަރީ ކޯސްޓާއި ދެކޮޅަށް ނިކުންނާނެއެވެ.

އައިވަރީ ކޯސްޓާއި ދެކޮޅަށް ކުޅޭ މެޗަށް ތައްޔާރުވުމުގެ ގޮތުން އިއްޔެ އެޓީމުން ބޭއްވި ފަރިތަކުރުންތަކަށްފަހު ކަޕެއްލޯ ބުނެފައިވަނީ މިމެޗުގެ ސަބަބުން އޭނާއަށް ކުޅުންތެރިން ދަސްވާނެކަމަށާއި އަދި ކުޅުންތެރިންނަށްވެސް އޭނާ އެނގިގެންދާނެކަމަށެވެ. އަދި ފުޓްބޯޅަ ކުޅޭއިރު އެކަކު އަނެކަކު ދަސްވެފައިތިބުމަކީ ވަރަށް މުހިންމު ކަމެއްކަމަށާއި އެހެންކަމުން އޭނާ މަސައްކަތް ފަށާފައިވަނީ ގުޅިގެން މަސައްކަތް ކުރާ ޓީމެއް އެކުލަވާލުމަށްކަމަށެވެ.

"މިމެޗުގެ ބެލެވިގެންދާނީ ކުޅުންތެރިންގެ ފެންވަރު ބެލުމުގެ މެޗަކަށް. މިމެޗުގެ ސަބަބުން ކުޅުންތެރިން ވަރަށް ރަނގަޅަށް ދަސްވެގެންދާނެ. ރަޝިއާގައި މޮޅެތި ކުޅުންތެރިންތަކެއް އެބަތިބި. ނަމަވެސް އޭގެ ތެރެއިން އެންމެ ރަނގަޅު ކުޅުންތެރިން ފާހަގަކުރުމަކީ އުނދަގޫކަމެއް." ކަޕެއްލޯ ބުންޏެވެ.

ކަޕެއްލޯ އިތުރަށް ބުނެފައިވަނީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ވޯލްޑް ކަޕަށް ރަޝިޔާ ކޮލިފައިކޮށްދިނުން ކަމަށާއި ނަމަވެސް އަދި މިވަގުތު ނަތީޖާ ނުފެންނާނެކަމަށާއި އެކަމަށް ވަގުތު ބޭނުންވާކަމަށްވެސް ކަޕެއްލޯވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގެ ގައުމީ ޓީމަށް ކުރިން އިރުޝާދު ދިން އުމުރުން 66 އަހަރުގެ ކަޕެއްލޯ ރަޝިޔާގެ ގައުމީ ޓީމާއި ހަވާލުވެފައިވަނީ އެމަޤާމުގައި ކުރިން ހުރި ޑިކް އެޑްވޮކާޓް މަޤާމުން އިސްތިއުފާ ދިނުމުން ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.