07 Oct 2025, 12:58
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދުނިޔެއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެމުން އަންނަ އޯޕަންއޭއައި އިން ޑިވެލޮޕަރުންނަށް އަމާޒުކޮށްގެން އާ އުފެއްދުމެއް ކަމަށްވާ އޭޖެންޓްކިޓް ތަޢާރަފުކޮށްފިއެވެ.
މިއީ އޭއައި އެޖެންޓްސް ބިލްޑްކޮށް، ބޭނުންކުރުމަށް ޑިވެލޮޕަރުންނަށް އެހީތެރިވެދޭނެ ފުރިހަމަ ޓޫލްކިޓެކެވެ.
އޯޕަންއޭއައިގެ ސީ.އީ.އޯ ސެމް އޯލްޓްމަން، ކުންފުނީގެ ޑެވް ޑޭ އިވެންޓްގައި މިކަން ހާމަކުރައްވަމުން ވިދާޅުވީ، އޭޖެންޓްކިޓަކީ އޯޕަން އޭއައި ޕްލެޓްފޯމްގައި ލިބެންހުރި ބިލްޑިންގ ބްލޮކްސްގެ ފުރިހަމަ ސެޓެއްކަމަށެވެ.
"މިއީ އެޖެންޓް ވޯކްފްލޯސް ބިލްޑްކޮށް، ބޭނުންކޮށް، އަދި އޮޕްޓިމައިޒް ކުރުމަށް ބޭނުންވާ ހުރިހާ އެއްޗެއް." އޯލްޓްމަން ވިދާޅުވިއެވެ.
މި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ޑިވެލޮޕަރުންނަށް އޭއައި އެޖެންޓްސް އުފެއްދުން އަވަސްކޮށް، ފަސޭހަކޮށްދިނުމެވެ.
އޭޖެންޓްކިޓްގައި ހިމެނޭ މައިގަނޑު ބައިތަކުގެ ތެރޭގައި އެޖެންޓްސްގެ ލޮޖިކް އާއި ސްޓެޕްސް ޑިޒައިން ކުރުމަށް ބޭނުންކުރާ ވިޝުއަލް ޓޫލެއް ކަމަށްވާ އޭޖެންޓް ބިލްޑާ ހިމެނެއެވެ. އޯލްޓްމަން މިކަން ސިފަކުރެއްވީ "ކެންވާ ފޯ ބިލްޑިން އެޖެންޓްސް" ގެ ގޮތުގައެވެ.
މީގެ އިތުރުން ޑިވެލޮޕަރުންނަށް އެމީހުންގެ އެޕްލިކޭޝަންތަކަށް ޗެޓް އެކްސްޕީރިއަންސް ގެނައުމަށް ބޭނުންކުރެވޭނެ ސާދާ އިންޓަފޭސްއެއް ކަމަށްވާ ޗެޓްކިޓް ވެސް އޭޖެންޓްކިޓްގައި ހިމެނެއެވެ. އޭއައި އެޖެންޓްސްގެ މަސައްކަތްތައް ބެލެހެއްޓުމަށް ބޭނުންކުރާ ޓޫލްތަކެއް ކަމަށްވާ އިވެލްސް ފޯ އެޖެންޓްސް ވެސް މި ޓޫލްކިޓްގައި ހިމެނެއެވެ.

އޯޕަންއޭއައިން ދަނީ އިތުރު ފީޗާތައް ތައާރަފްކުރަމުން --
މީގެ ތެރޭގައި ސްޓެޕް-ބައި-ސްޓެޕް ޓްރޭސް ގްރޭޑިންއާއި، ޑޭޓާސެޓްސްއާއި، އޮޓޮމޭޓެޑް ޕްރޮމްޕްޓް އޮޕްޓިމައިޒޭޝަން، އަދި އެހެނިހެން މޮޑެލްތަކުގައި އިވެލުއޭޝަން ހިންގުމުގެ ޤާބިލިއްޔަތު ހިމެނެއެވެ. އަދި ޑިވެލޮޕަރުންނަށް އެޖެންޓްސް، އިންޓާނަލް ޓޫލްސް އަދި ތިންވަނަ ފަރާތްތަކުގެ ސިސްޓަމްތަކާ ސެކިއުރިޓީއާއެކު ގުޅުވުމަށް ބޭނުންކުރާ ވަސީލަތެއް ކަމަށްވާ ކަނެކްޓާ ރެޖިސްޓްރީ ވެސް އޭޖެންޓްކިޓްގައި ހިމެނެއެވެ.
މި އިވެންޓްގައި، އޯޕަންއޭއިގެ އިންޖިނިއަރެއް ކަމަށްވާ ކްރިސްޓީނާ ހުއާން ވަނީ އަށް މިނެޓަށްވުރެ ކުރު މުއްދަތެއްގެ ތެރޭގައި އޭއައި ވޯކްފްލޯއަކާއި ދެ އޭއައި އެޖެންޓްސް ބިލްޑްކޮށް ދައްކާލާފައެވެ. މިއީ އޭޖެންޓްކިޓް ބޭނުންކުރުމުގައި ހުރި ފަސޭހަކަން ދައްކުވައިދޭ ކަމެކެވެ.
އޭޖެންޓްކިޓް އަކީ އޯޕަންއޭއައިގެ ޑެވް ޑޭ ގައި އިޢުލާންކުރެވުނު އެތައް އުފެއްދުންތަކުގެ ތެރެއިން އެއް އުފެއްދުމެވެ. މީގެ އިތުރުން، ޗެޓްޖީޕީޓީގެ ތެރޭގައި އެޕްސް ބިލްޑްކުރުމުގެ ޤާބިލިއްޔަތު ވެސް ތަޢާރަފުކުރެވުނެވެ. ޗެޓްޖީޕީޓީއަށް މިހާރު ހަފްތާއަކު 800 މިލިއަން އެކްޓިވް ޔޫޒަރުން ލިބެއެވެ.
މި އުފެއްދުމާއެކު، އޯޕަންއޭއައި އިން އަންނަނީ އޭއައި ޑިވެލޮޕްމަންޓްގެ ދާއިރާގައި އިތުރު ކުރިއެރުންތަކެއް ހޯދަމުންނެވެ. އަދި ޑިވެލޮޕަރުންނަށް އޭއައި އެޖެންޓްސް ބިލްޑްކުރުމަށް ބޭނުންވާ ވަސީލަތްތައް ފަސޭހަކޮށްދިނުމަކީ މި ދާއިރާގެ ކުރިއެރުމަށް ވަރަށް މުހިންމު ކަމެއް ކަމަށް ބެލެވެއެވެ.