07 Oct 2025, 09:25
ބޮލީވުޑްގެ މަގުބޫލު ފިލްމު ޑައިރެކްޓަރު ރާޖްކުމާރު ހިރާނީގެ ދަރިފުޅު ވީރު ހިރާނީ ފިލްމު އިންޑަސްޓްރީއަށް ނުކުންނަން ތައްޔާރުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕިންގްމޫންގައި ބުނެފައިވާ ގޮތުން ވީރު ފިލްމީ ދާއިރާއަށް ތައާރަފް ކުރާނީ މަޝްހޫރު ފިލްމު ޑައިރެކްޓަރު ހަންސަލް މެހެތާގެ ޕްރޮޑަކްޝަން ކުންފުނި ޓްރޫ ސްޓޯރީ ފިލްމްސްއިނެވެ.
ރިޕޯޓުތައް ބުނާގޮތުން ފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރާނީ މަޅަޔާލަމް ފިލްމުތައް އުފެއްދުމަށް މަޝްހޫރު ލީޖޯ ޖޯސް ޕެލިސެއްރީއެވެ. މި ފިލްމަކީ ލީޖޯ ޖޯސް ޑައިރެކްޓަރެއްގެ ގޮތުގައި ބޮލީވުޑަށް ވެސް ތައާރަފްވާނެ ފިލްމު ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފިލްމަށް ބަތަލާއިންގެ ގޮތުގައި ގެންނާނެ ތަރިން ހޮވުމުގެ މަޝްވަރާތައް ކުރިއަށްދާއިރު އަންނަ އަހަރުގެ ފެބްރުއަރީ މަހު ފިލްމުގެ މަސައްކަތް ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ޕީޕީންގްމޫންގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

ޑައިރެކްޓަރު ހަންސަލް މެހެތާ، ވީރު ހިރާނީ އަދި ރާޖްކުމާރު ހިރާނީ--ފޮޓޯ/ބޮލީވުޑްހަންގާމާ
ވީރު ހިރާނީ އަކީ އިނގިރޭސިވިލާތުގެ ލަންޑަންގެ ރޯޔަލް އެކަޑެމީ އޮފް ޑްރެމެޓިކް އާޓްއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ޒުވާނެކެވެ. ބޮލީވުޑަށް ތައާރަފްވުމަށް ވީރު ތައްޔާރުވަމުން އަންނައިރު އޭނާ އަންނަނީ ޖިއޯ ހޮޓްސްޓާއަށް ބައްޕަ ރާޖްކުމާރު ހިރާނީ އުފައްދާ ވެބް ސީރީސްގެ ރޯލަކަށް ވެސް ތައްޔާރުވަމުންނެވެ.
"ޕްރީތަމް ޕެޑްރޯ" ކިޔާ އެ ސީރީސްގެ ލީޑް ތަރިންނަކީ އަރުޝަދު ވަރުސީ އާއި ވިކްރާންތު މަސޭއެވެ. ނަމަވެސް ބޮޑު ސްކްރީނަށް ވީރު ލޯންޗު ކުރުމުގެ ޒިންމާ ޑައިރެކްޓަރު ހަންސަލް މެހެތާގެ ޕްރޮޑަކްޝަން ކުންފުނިން ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސްދީފައިވާ ޑައިރެކްޓަރު ހަންސަލް މެހެތާގެ މަގުބޫލު ފިލްމުތަކުގެތެރޭ "ސިޓީ ލައިޓްސް"، "ފަރާޒް" އަދި "ދަ ބަކިންގްހަމް މާޑާސް" ހިމެނެއެވެ.