ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވުމާ ގުޅިގެން އެމްޑީޕީން 8 ފެބްރުއަރީގައި ކުރި މުޒާހަރާއާ ގުޅިގެން ހިނގައި ދިޔަ ކަންތައްތައް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ތަހުގީގު ކުރުމަށް ފަހު އެކުލަވާލާފައިވާ ރިޕޯޓް ކަމާ ބެހޭ ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.

އެޗްއާރުސީއެމުން މިހެން ބުނެ ނޫސް ބަޔާނެއް ނެރެފައި މިވަނީ 8 ފެބްރުއަރީގައި އެމްޑީޕީން ކުރި މުޒާހަރާ ކޮންޓްރޯލް ކުރުމަށް ހަރަކާތްތެރިވި ފުލުހުން މުޒާހަރާގެ ބައިވެރިންނާ މެދު އިންސާނިއްޔަތާއި ހިލާފަށް ހިނގާފައިވާ ބުނާ ލާއިންސާނީ އަމަލްތައް ބެލުމަށް ފަހު އެޗްއާރުސީއެމުން އެކަމުގެ ތަހުގީގު ރިޕޯޓް އާއްމުކޮށްފައިނުވާ ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީން އެންޓި ކޮރަޕްޝަންސް ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިފައި ވަނިކޮށެވެ.

އެޗްއާރުސީއެމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިއަހަރުގެ ތެރޭގައި އެކޮމިޝަނުން ބެލި ބޮޑު ތިން މައްސަލައެއްގެ ތެރެއިން ދެ މައްސަލައެއްގެ ތަހުގީގީ ނިންމައި ކަމާ ބެހޭ ފަރާތްތަކާ އެކު ހިއްސާކޮށްފައިވާ އިރު އޭގެ ތެރޭގައި 8 ފެބްރުއަރީގައި ހިނގައިދިޔަ ހަމަނުޖުހުންތަކުގެ މައްސަލަ ވެސް ހިމެނޭ ކަމަށެވެ.

އެކޮމިޝަނުން ބުނީ 8 ފެބްރުއަރީގެ މައްސަލަ އެކޮމިޝަނުން ބަލާފައި ވަނީ އެކޮމިޝަނަށް އަމިއްލައަށް ފެނިގެން ކަމުގައިވާ އިރު އެ މައްސަލައިގެ ތަހުގީގަށް ފަހު ރިޕޯޓެއް އެކުލަވާލައި އެ މައްސަލައާ ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކަށާއި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް ފާހަގަކޮށް އަދި އިތުރަށް ބަލަން ޖެހޭ ކަންތައްތައް ފާހަގަކޮށް އެ ރިޕޯޓް 28 މެއި 2012 ގައި އެފަރާތްތަކަށް ފޮނުވާފައިވާނެ ކަމަށެވެ.

އެޗްއާރުސީއެމުން ވަނީ އެ ދެ ރިޕޯޓާ ބެހޭ ބައެއް މައުލޫމާތުތައް މީޑިއާ ވެސް ހިއްސާކޮށްފަ އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ބައެއް މެމްބަރުން ރޭ ނެރެފައިވާ ގުޅިފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެޗްއާރުސީއެމުން ބަލަމުން ގެންދާ ބައެއް އިންސާނިއްޔަތާ ހިލާފު މައްސަލަތަކުގެ ރިޕޯޓް އެކޮމިޝަނުން އާއްމު ނުކޮށް ހިފަހައްޓަމުން ގެންދަނީ ވަކި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކަމަށާއި އެކަން އެޕާޓީން އެމްޑީޕީން ދެކޭ ކަމަށާއި އެކަން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

އެޗްއާރުސީއެމުން އެރިޕޯޓްތައް އާއްމުކޮށްފައި ނުވާތީ އާއި އެމްޑީޕީން އެރިޕޯޓްތައް ހޯދަން އެދިގެން ވެސް އެރިޕޯޓްތައް ލިބިފައިނުވާތީ އެޗްއާރުސީއެމްގެ އެ އަމަލަކީ ވަކި ފަރާތަކަށް ފައިދާ ހޯދައިދިނުމަށް ކޮމިޝަނުގެ މެމްބަރުންގެ މަގާމުގެ ނުފޫޒު ބޭނުންކުރުން ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެދި އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވަނީ އެ މައްސަލަ އޭސީސީއަށް ހުށަހަޅައިފަ އެވެ.

އެޗްއާރުސީއެމުން ބުނީ އެކޮމިޝަނުން ތަހުގީގުކުރާ މައްސަލަތަކާ މެދު އަމަލް ކުރަމުން ގެންދަނީ އެކޮމިޝަންގެ 24 ވަނަ މާއްދާގެ (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށެވެ. އަދި ކޮމިޝަނުން މައްސަލަ ބަލައި ނިންމުމަށް ފަހު ތައްޔާރު ކުރާ ރިޕޯޓް އާންމުކުރުމުގައި އަމަލު ކުރަނީ ކޮމިޝަނުގެ ޖަލްސާއަކުން ނިންމަވާ ގޮތެއްގެ މަތިން ކަމަށް ވެސް އެކޮމިޝަނުން ބުންޏެވެ.