އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ބާރްތީ ސިންގް ދެވަނަ ދަރިފުޅަށް ބަލިވެއިންކަން އިއުލާނުކޮށްފިއެވެ.

ބާރްތީ އާއި ފިރިމީހާ ހާޝް ލިމްބާޗިއާ އެކަން އިއުލާނުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައި އިންސްޓަގްރާމް މެދުވެރިކޮށް ކުރި ޕޯސްޓެއްގައެވެ.

މިވަގުތު ސުވިޒަލޭންޑްގައި ޗުއްޓީ ހޭދަކުރަމުން އަންނަ ދެމަފިރިން އިންސްޓަގްރާމްގައި ހިއްސާކުރި ފޮޓޯއެއްގައި ބާރްތީ ފެންނަނީ ވެސް ބަނޑުބޮޑުކޮށެވެ.

ބާރްތީގެ ދެމަފިރިންނަށް ދެވަނަ ކުއްޖަކު ލިބެން އުޅޭކަން އިއުލާނު ކުރުމާ އެކު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ ދެ ތަރިންނަށް މަރުހަބާގެ މެސެޖުތައް ފޮނުވާފައެވެ. އޭގެތެރޭގައި އަލަތު ދަރިފުޅަށް ބަލިވެއިން ބަތަލާ ޕަރިނީތީ ޗޯޕްރާ، އީޝާ ގުޕްތާ، ޓެލެވިޒަން ތަރިން ކަމަށްވާ ދްރަޝްތީ ދަމީ، ޖަންނަތު ޒުބައިރު، އަބީޝެކް މަލްހަން އަދި އަންޖަލީ އާނަންދު ހިމެނެއެވެ.

ބާރްތީ އާއި ފިރިމީހާ ހާޝް ސުވިޒަލޭންޑްގައި--ފޮޓޯ/ހިންދުންސްތާންޓައިމްސް

އިންޑިއާގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު އަންހެން ކޮމީޑިއަންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ބާރްތީ، ހާޝް ލިމްބާޗިއާއާ ކައިވެނިކޮށްފައި ވަނީ 2017 ވަނަ އަހަރުއެވެ. އެ ކައިވެންޏަށް ފިރިހެން ކުއްޖަކު ވަނީ ލިބިފައެވެ.

އަލަތު ދަރިފުޅު ލިބުމަށްފަހު މަންމައަކަށް ވުމުން ކުރެވޭ އިހުސާސަކީ ބުނެދޭން ވެސް ނޭނގޭހާ އުފާވެރި، ހިތްގައިމު އެހާމެ ޖަޒުބާތީ އިހުސާސްތަކެއް ކަމަށާއި ކައިވެންޏަށްފަހު ބާރްތީގެ ދިރިއުޅުން ދެކެ އިހުނަށްވުރެ ބޮޑަށް ލޯބިޖެހި އުފަލުގައި ދިރިއުޅެން ބޭނުންވާ ކަމަށް ވަނީ ބުނެފައެވެ.

ދާދިފަހުން ބާރްތީ ބައިވެރިވި ޕޮޑްކާސްޓެއްގައި ވެސް ބުނެފައި ވަނީ ދެވަނަ ކުއްޖަކު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި އުއްމީދުކުރަނީ ދެވަނައަށް ލިބޭ ކުއްޖަކީ އަންހެން ކުއްޖަކަށް ވުން ކަމަށެވެ.

ކޮމެޑީ ޝޯތަކުން ލިބުނު މަގުބޫލުކަމާ އެކު ބާރްތީ އަކީ މިހާރު ކުޅަދާނަ ޓީވީ ހޯސްޓެއް ވެސް މެއެވެ. ބާރްތީ އާއި ފިރިމީހާ ހާޝް އަންނަނީ އަމިއްލަ ޔޫޓިއުބް ޗެނަލެއް ވެސް ހިންގަމުންނެވެ. ބެލުންތެރިންގެ ލޯބި ހޯދާފައިވާ ކުޅަދާނަ ކޮމީޑިއަން ވަނީ ބޮލީވުޑްގެ ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައެވެ.