ބަތަލާ ޓުވިންކަލް ކަންނާ ފިލްމު އިންޑަސްޓްރީއަށް ތައާރަފްވި ރީތި ލޯބީގެ ފިލްމު "ބަރުސާތު" ރިލީޒްކުރިތާ 30 އަހަރު އިއްޔެ ފުރުނުއިރު އެކަން ގަބޫލުކުރަން ދަތި ކަމަށް ޓުވިންކަލް ވަނީ ބުނެފައެވެ.

ރާޖްކުމާރު ސަންތޯޝީ ޑައިރެކްޓްކޮށް 1995 ވަނަ އަހަރު ގެނެސްދިން ފިލްމު "ބަރުސާތު"އިން ޓުވިންކަލްއާ އެކު އެކްޓަރު ބޮބީ ޑިއޯލް ވެސް ފިލްމީ ދާއިރާއަށް ތައާރަފްވިއެވެ.

ބޮބީގެ ބައްޕަ ކުރީގެ ލެޖެންޑު އެކްޓަރު ދަރުމެންދްރަ ޕްރޮޑިއުސްކޮށް ވިޖޭތާ ފިލްމްސްއިން ގެނެސްދިން "ބަރުސާތު"އަކީ އެ ދުވަސްވަރު ވަރަށް ބޮޑު މަޝްހޫރު ކަމެއް ހޯދި ފިލްމެކެވެ.

ފިލްމު "ބަރުސާތު"ގެ ލީޑް ތަރިން ކަމަށްވާ ޓުވިންކަލް ކަންނާ އާއި ބޮބީ ޑިއޯލް--ފޮޓޯ/އިންޑިއަންއެކްސްޕްރެސް

ބޮބީ އާއި ޓުވިންކަލްގެ އޮން ސްކްރީން ކެމިސްޓްރީ ބެލުންތެރިންނަށް ކަމުދިޔައިރު ދެ ތަރިން އެކީގައި އިތުރު ފިލްމަކުން ފެންނާނެ ކަމަށް ވެސް ގިނަ ބަޔަކު އުއްމީދުކުރިއެވެ. ނަމަވެސް ފިލްމު "ބަރުސާތު"ވީ ދެ ތަރިން އެކީގައި މަސައްކަތްކުރި ހަމައެކަނި ފިލްމަށެވެ.

ފިލްމު "ބަރުސާތު"ގައި ގެނެސްދިން ލޯބީގެ ވާހަކައަށް ލިބުނު މަގުބޫލުކަމާ އެކު ފިލްމުގެ މިއުޒިކަށް ވެސް ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ. ބޮލީވުޑްގެ މަޝްހޫރު މިއުޒިކް ކޮމްޕޯސަރުން ކަމަށްވާ ނަދީމް-ޝްރަވަން މިއުޒިކް ތައްޔާރުކޮށްދިން ލަވަތަކަކީ 90ގެ އަހަރުތަކުގެ މިއުޒިކަށް ލޯބިކުރާ މީހުންގެ ލަވަ ލިސްޓުން ޖާގަ ހޯދާފައިވާ ލަވަތަކެކެވެ.

ފިލްމަށް 30 އަހަރު ފުރުމާ ދިމާކޮށް ބޮބީ ޑިއޯލް ސޯޝަލް މީޑިއާގައި ކުރި ޕޯސްޓުގައި ބުނެފައި ވަނީ، ފިލްމު "ބަރުސާތު"އަކީ ހުރިހާ ގޮތަކުންވެސް އޭނާއަށް ވަރަށް ހާއްސަ ފިލްމެއް ކަމަށެވެ.

ފިލްމު އިންޑަސްޓްރީއަށް ތައާރަފްވިތާ 30 އަހަރުވެފައި ވާއިރު ދާދި ފަހުން ބޮބީ ވަނީ އަލުން ފިލްމީ ދާއިރާގައި ހަރަކާތްތެރިވާން ފަށާފައެވެ. ފިލްމީ ދާއިރާއަށް އެނބުރި އާދެވުނީ ބެލުންތެރިންގެ ފަރާތުން މިހާތަނަށް ލިބެމުން އައި ލޯތްބާއި ތަރުހީބުގެ ސަބަބުން ކަމަށާއި އިންޑަސްޓްރީގައި ދެން ކުރިއަށްދާނީ ފަސް އެނބުރި ބެލުމެއްނެތި ކަމަށް ބޮބީ ވަނީ ބުނެފައެވެ.

ބަތަލާ ޓުވިންކަލް ކަންނާ އެކްޓަރު އަކްޝޭ ކުމާރުއާ ކައިވެނި ކުރުމަށްފަހު ފިލްމު އިންޑަސްޓްރީއާ ދުރަށް ޖެހިލިއިރު ކެރިއަރުގައި މާބޮޑު ކާމިޔާބީއެއް ހޯދިފައެއް ނުވެއެވެ.

ބޮބީއަށް ވެސް ފިލްމީ ދާއިރާގައި ނާކާމިޔާބީއާ ކުރިމަތިވިއިރު މިފަހުން އެކްޓަރު ކުޅެފައިވާ ފިލްމުތަކަކީ ބެލުންތެރިންގެ ވަރަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ފިލްމުތަކެވެ.

ހާއްސަކޮށް ފިލްމު "ހައުސްފުލް 4"، "ކްލާސް އޮފް 83"، "އާޝްރަމް"، "އެނިމަލް" އަދި ދާދިފަހުން ކުޅުނު ވެބް ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް"ގައި ބޮބީ ކުޅެފައިވާ ކެރެކްޓާއަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.