ސްކޫބާ ޑައިވިންގްއަށް ގޮސް އުޅުމުގެތެރޭ ދިމާވި ހާދިސާއެއްގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު މަރުވި އިންޑިއާގެ ލަވަކިޔުންތެރިޔާ ޒުބީން ގާގް މަރުވުމުގެ ކުރިން އޭނާއަށް ޒަހަރު ދީފައިވާ ކަމަށް ޒުބީންގެ ބޭންޑުގެ މެމްބަރަކު ބުނެފިއެވެ.

ޒުބީން ސްކޫބާ ޑައިވިންގްއަށް ދިއުމުގެ ކުރިން ސިންގަޕޫރުގައި އޭނާއަށް ޒަހަރު ދެވިފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވާ މަރުގެ ރިޕޯޓުތަކުން އެނގޭ ކަމަށް ލަވަކިޔުންތެރިޔާގެ ބޭންޑުގައި މަސައްކަތް ކުރަމުން އަންނަ ޝޭކަރު ޖްޔޯތީ ގޮސްވާމީ ވަނީ ބުނެފައެވެ.

އެކުވެރިޔާ ޒުބީންއަށް ޒަހަރު ދިން ކަމަށް ތުހުމަތު ކުރަނީ ލަވަކިޔުންތެރިޔާގެ މެނޭޖަރު ސިދާތު ޝަރުމާ ކަމަށް ޝޭކަރު ޖްޔޯތީ ވަނީ ބުނެފައެވެ. އަދި މެނޭޖަރާ އެކު އެކަމުގައި ޒުބީން ޝޯ ހުށަހަޅައިދޭން ދިޔަ ފެސްޓިވަލު އިންތިޒާމުކުރުމުގައި އިސްކޮށް ހުރި ޝްޔާމްކަނޫ މަހަންތާ ވެސް ބައިވެރިވެފައިވާ ކަމަށް ޝޭކަރު ވަނީ ތުހުމަތުކޮށްފައެވެ.

ޒުބީންގެ މެނޭޖަރު ސިދާތު ޝަރުމާ އަދި އިވެންޓު މެނޭޖަރު ޝްޔާމްކަނޫ މަހާންތާ--ފޮޓޯ/ހިންދުންސްތާންޓައިމްސް

ޒުބީންގެ މަރުގެ މައްސަލައިގައި ލަވަކިޔުންތެރިޔާގެ މެނޭޖަރާއި ފެސްޓިވަލް އިންތިޒާމުކުރުމުގައި އިސްވެ ހުރި މީހާގެ އިތުރުން ބޭންޑުގެ އިތުރު ދެ މެމްބަރަކު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފައެވެ. އަދި އެމީހުންގެ ބަންދުގެ މުއްދަތަށް 14 ދުވަސް އިތުރުކޮށްފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ޒުބީން ސިންގަޕޫރަށް ކުރި ދަތުރަކީ އެ ޤައުމުގައި ބާއްވަން ހަމަޖެހުނު ނޯތުއީސްޓް އިންޑިއާ ފެސްޓިވަލްގެ ހަތަރު ވަނަ އެޑިޝަންގައި މިއުޒިކް ޝޯއެއް ދިނުމަށެވެ. ޒުބީން މަރުވެފައި ވަނީ މިއުޒިކް ޝޯ ދިނުމުގެ ކުރިން ސިންގަޕޫރު ކައިރީގައި އޮންނަ ރަށެއްގައި ސްކޫބާ ޑައިވިންގް ކުރަން ގޮސް އުޅުމުގެތެރޭ ގެނބިގެންނެވެ.

ޒުބީންގެ ބޭންޑު މެމްބަރު ޝޭކަރު މީޑިއާގައި ބުނެފައި ވަނީ ޒުބީން އަކީ ވަރަށް މޮޅަށް ފަތަން ދަންނަ މީހެއް ކަމަށާއި ޒުބީން ސްކޫބާ ޑައިވިންގްއަށް ދިޔަ ރަށަށް ލަވަކިޔުންތެރިޔާ ގެންދިޔައީ ވެސް މެނޭޖަރުގެ ރޭވުންތެރިކަމުގެ ދަށުން ކަމަށާއި ޒުބީން ދަތުރުކުރި ޔޮޓުގެ ވީޑިއޯތައް އާއްމު ނުކުރުމަށް ވެސް މެނޭޖަރު އެދިފައިވާ ކަމަށް ޝޭކަރު ވަނީ ބުނެފައެވެ.

މި މައްސަލައިގެ ތަހުގީގު ވަރަށް ސީރިއަސްކަމާ އެކު ޒުބީން ނިސްބަތްވާ އިންޑިއާގެ އައްސާމީ ސަރުކާރުން ކުރިއަށްގެންދާއިރު މި މައްސަލައިގައި ހައްޔަރުކުރެވުނު ޝްޔާމްކާނޫ އަކީ އައްސާމް ސްޓޭޓްގެ އިންފޮމޭޝަން ކޮމިޝަންގެ ޗީފް އިންފޮމޭޝަން އޮފިސަރުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.

ފިލްމު "ގޭންގްސްޓާ"ގެ މަޝްހޫރު ލަވަ 'ޔާ އަލީ'އިން ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ލަވަކިޔުންތެރިޔާ އަކީ އައްސާމް ސްޓޭޓްގެ އިތުރުން ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމް ހޯދާފައިވާ މިއުޒީޝަނެކެވެ.