07 Oct 2025, 08:57
އަންނަ އަހަރު ބާއްވާ 98ވަނަ އޮސްކާ އެވޯޑްސްއަށް އިންޑިއާއިން ނޮމިނޭޓްކޮށްފައިވާ ފިލްމު "ހޯމްބައުންޑް"ގައި ކިޔައިދޭ ވާހަކަ ނިސްބަތްވާ އިންޑިއާގެ އާއިލާއަށް ކުޑަ އަގެއް ދިން ކަމަށް ބުނާ ވާހަކަ ފިލްމުގެ ޑައިރެކްޓަރު ނީރަޖު ގިއަވަން ދޮގުކޮށްފިއެވެ.
އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ ފިލްމު "ހޯމްބައުންޑް"ގައި ގެނެސްދިން ވާހަކަ ނިސްބަތްވާ އާއިލާއަށް ޑައިރެކްޓަރު ނީރަޖް ދީފައި ވަނީ އެންމެ 10،000 ރުޕީސް ކަމަށެވެ.
ނަމަވެސް ސޯޝަލް މީޑިއާގައި ނީރަޖު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ، އެއީ ފިލްމުގައި ގެނެސްދޭ ކެރެކްޓަ އަމްރިތުގެ ބައްޕަ ރާމް ޗަރަންއަށް ނީރަޖް ހަދިޔާއެއްގެ ގޮތުގައި ދިން އަދަދެއް ކަމަށެވެ.

ފިލްމު "ހޯމްބައުންޑް"ގެ ލީޑް ތަރިން ކަމަށްވާ އިޝާން ހައްތަރު އަދި ވިޝާލް ޖެތުވާ--ފޮޓޯ/ޓެލެގްރާފްއިންޑިއާ
އެއީ މީގެ އަހަރުތަކެއް ކުރިން ފިލްމާ ގުޅޭ ދިރާސާތަކެއް ކުރުމަށް އެ އާއިލާއަށް ޒިޔާރަތްކުރިއިރު ހިނގި މުއާމަލާތެއް ކަމަށާއި އެކަމާ ފިލްމުގެ ޕްރޮޑަކްޝަން ކުންފުންޏާ އެއްވެސް ގުޅުމެއް ނޯންނާނެ ކަމަށެވެ.
އަމްރިތުގެ ބައްޕައަށް އިހުތިރާމް ކުރުމުގެ ގޮތުން ނީރަޖް ހަދިޔާއަކަށް އަމިއްލައަށް ދިން ފައިސާގެ ކުޑަ އަދަދެއް އެ ވާހަކަ ނިސްބަތްވާ އާއިލާއަށް ދިން ކަމަށް ބުނުމަކީ ވެސް ވަރަށް ލަދުވެތި ކަމެއް ކަމަށް ނީރަޖް ވަނީ ސިފަކޮށްފައެވެ.
އެ އާއިލާއަށް ދިން އަސްލު އަގުގެ އަދަދު ހާމަކުރަން ބޭނުންނުވާ ކަމަށާއި އެއީ އެ އާއިލާއަށްވެސް އިހުތިރާމް ކުޑަކުރުން ކަމަށް އެފަދަ ކަންކަމަކީ ވަރަށް ޒާތީ މައުލޫމާތު ކަމަށް ނީރަޖް ވަނީ ސިފަކޮށްފައެވެ.
ފިލްމު "ހޯމްބައުންޑް"ގެ ޕްރޮޑަކްޝަން ކުންފުނިން އެ އާއިލާއަށް ދިން އަގަށް ވުރެ ބޮޑަށް ނީރަޖްގެ ޓީމަށް އެ އާއިލާއިން ވެދިން އެހީތެރިކަން އަގުނުކުރެވޭނެ ކަމަށް ނީރަޖް ވަނީ ބުނެފައެވެ.
ފިލްމު "ހޯމްބައުންޑް" ގެނެސްދެވުނު ގޮތާ މެދު އެ އާއިލާއިން ވެސް ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށާއި ނީރަޖުގެ ޓީމުން އެ އާއިލާއަށް ދިން ފައިސާގެ އަދަދު ހާމަ ނުކުރަން އާއިލާއިން އެދިފައިވާތީ އެކަމަށް އިހުތިރާމް ކުރާ ކަމަށް ކުޅަދާނަ ޑައިރެކްޓަރު ވަނީ ބުނެފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ގައި ސިނަމާތަކުގައި ރިލީޒްކުރި "ހޯމްބައުންޑް"ގެ ލީޑް ތަރިންނަކީ އިޝާން ހައްތަރު، ވިޝާލް ޖެތުވާ އަދި ޖާންވީ ކަޕޫރެވެ. މި ފިލްމަކީ ދަރުމާ ޕްރޮޑަކްޝަންސްއާ ގުޅިގެން ނީރަޖް ގެނެސްދިން ފިލްމެކެވެ.