15 Aug 2012, 14:38
ރައީސް މުހަންމަދު ނަޝީދުގެ ސަރުކާރުން ބަޖެޓުން ބޭރުން ފުލުހުންނަށް ހަރަދުތަކެއް ކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުގެ ވެބް ސައިޓުގައި އިއްޔެ އާންމު ކޮށްފައިވާ ހޯމް މިނިސްޓްރީގެ 2010 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުން ދައްކާ ގޮތުން ރައްޔިތުންގެ މަޖިލީހުން 2010ވަނަ އަހަރު ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް 73.2 މިލިއަން ރުފިޔާ ވަނީ ފުލުހުންނަށް ހަރަދުކޮށްފަ އެވެ.
ފުލުހުންނަށް 2010 ވަނަ އަހަރު މަޖިލީހުން ފާސްކޮށްފައި ވަނީ 627.7 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އެގޮތުން ފުލުހުންނަށް ބަޖެޓުގެ ބޭރުންނާއި މާލިއްޔަތު ގާނޫނާއި ހިލާފަށް ކޮށްފައިވާ ބައެއް ހަރަދުތައް އޮޑިޓް ރިޕޯޓުގައި ވަނީ ތަފްސީލްކޮށް ފާހަގަކޮށްފަ އެވެ. އެގޮތުން ޕޮލިސް ކްލަބުގެ އެކި ހަރަދުތަކަށް ބަޖެޓުން ވަނީ ހަރަދުކޮށްފަ އެވެ. އެ ހަރަދުތަކަކީ ބަޖެޓްގައި ހިމެނިފައި ނުވާ ހަރަދުތަކެއް ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ. އެ ހަރަދުތަކަށް ތަފްސީލަށް ބަލާއިރު 2010 ވަނަ އަހަރު ކުޅިވަރު ޓްރެއިނިންއަށް ޕޮލިސް ކްލަބަށް ގެނެވުނު ފަރާތްތަކަށް 195،000ރ. ވަނީ ހަރަދުކޮށްފަ އެވެ. އަދި 2009 ވަނަ އަހަރުވެސް 21400ރ. ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ.
ފުލުހުންގެ ބޭނުމަށް ކަމަށް ބުނެ 1.4 މިލިއަން ރުފިޔާ ހަރަދުކޮށްގެން ފުލުސް އޮފީހަށް ބައިސްކަލްތަކެއް ގަނެފައިވާ މައްސަލަ ވެސް އޮޑިޓާ ޖެނެރަލް ވަނީ ފާހަގަކުރައްވައިފަ އެވެ. އެ ބައިސްކަލްތައް ގަތީ 2009ވަނަ އަހަރު ކަމުގައި ވިޔަސް އެ ބައިސްކަލްތަކަށް އަގުދައްކާފައި ވަނީ 2010ވަނަ އަހަރުގެ ބަޖެޓުން ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރެއިން ގިނަ ބައިސްކަލްތަކެއް ފޮށިގަނޑުން ނުވެސް ކަނޑައި ގުދަންތަކުގައި ހުރި ކަމަށާއި އެތަކެއްޗަކީ ބޭނުން ކުރާ ތަކެއްޗެއް ނޫން ކަމަށް ވެސް އޮޑިޓަށް ފާހަގަވެފައިވެ އެވެ. އޮޑިޓާ ޖެނެރަލް ވިދާޅުވެފައި ވަނީ އެ ތަކެއްޗަކީ ފުލުހުންގެ ބޭނުމަށް ގަނެފައިވާ ތަކެތި ކަމަށް ބެލެވެން ނެތް ކަމަށެވެ.
ފުލުހުންގެ ވެލްފެޔާ ފަންޑުންވެސް އުސޫލެއްނެތި އެހީދޫކޮށްފައިވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ޑޮކްޓަރުގެ ލިޔެކިޔުމެއްނެތި އޭރު ފުލުހުންގެ އިސްކޮށް ހުންނެވި ބޭފުޅަކު 1200ޑޮލަރު ނަގާފައިވާ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ. އަދި ވެލްފެއާ ފަންޑުން ފައިސާ ދޫކުރާ ގޮތަށް އޮންނަނީ ބަލީގެ ކުޑަބޮޑުމިނަށް ކަމުގައިވީ ނަމަވެސް ފައިސާ ދޫކުރަމުން ގެންގޮސްފައި ވަނީ މަގާމުތަކަށް ބަލައިގެން ކަމަށް ވުމުން އެކަމުގައި ހަމަހަމަކަން ގެއްލިފައިވާ ކަމަށެވެ. އެ ފަންޑުގައި ހަރުދަނާ އުސޫލުތަކެއް ކަނޑައަޅަން ޖެހޭކަމަށް ވަނީ ވިދާޅުވެފަ އެވެ.
އަދި ފުލުހުންގެ ބައެއް ކަރަންޓް ބިލުތަކަށް ފައިސާ ނުދައްކައިގެން ޖޫރިމަނާގެ ގޮތުގައި 43803ރ. އަރާފައިވާ ކަމަށާއި އެ ފައިސާ ހަރަދުކޮށްފައި ވަނީ ފުލުހުންގެ ބަޖެޓުން ކަމަށެވެ. އަދި އެއީ މުވައްޒަފުންގެ އިހުމާލުން ވެފައިވާ ކަމަކަށް ވުމުން އެ ފައިސާ ބަޖެޓުން ހަރަދުކުރަން ނުޖެހޭނެ ކަމަށް ދެކޭކަމަށް އޮޑިޓާ ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.
އަދި ފުލުސް އޮފީހުން ހިންގާފައިވާ ބައެއް ޕްރޮޖެކްޓްތައް މާލިއްޔަތު ގާނޫނާއި ހިލާފަށް ބައެއް ފަރާތްތަކާ ހަވާލުކޮށް މަސައްކަތްތައް ކުރުވާފައިވާކަމަށް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން އިސްކަންދަރުކޮށީގައި އަޅާފައިވާ ނުވަ ބުރީގެ އިމާރާތެއްގެ މަސައްކަތް 2006 ވަނަ އަހަރު ކުންފުންޏަކާއި ހަވާލުކޮށްފައިވަނީ 67.2 މިލިއަން ރުފިޔާ އަށް ކަމަށާއި ނަމަވެސް އެ މަޝްރޫއުގެ މަސައްކަތް ޓެންޑާ ބޯޓަށް ހުށަހަޅައި ބިޑް ކޮށްފައި ނުވާ ކަމަށާއި އެ އިމާރާތުގެ މަސައްކަތް ނިންމަން އެއްބަސްވެފައިވާ މުއްދަތުގައި ނުނިމުނުން އާދަޔާ ހިލާފަށް މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
އެ އިމާރާތުގެ މަސައްކަތް އެއްކޮށް ނިމުނުއިރު ޖުމްލަ 92.6 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރިޕޯޓުން ދައްކަ އެވެ. އަދި ހަތަރު ރަށެއްގައި އިމާރާތްކުރި ފުލުހުންގެ މަރުކަޒުތައް އެއްބަސްވުމުގެ މުއްދަތުގައި ނުނިންމުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުން ކޮންޓްރެކްޓަރުގެ އަތުން 1.6 މިލިއަން ރުފިޔާ އުނިކުރުމަށް ނިންމުމަށް ފަހު އަލުން އެ ފައިސާ އެ ފަރާތްތަކަށް ދޫކޮށްފައިވާ މައްސަލަ ވަނީ ފާހަގަކޮށްފަ އެވެ.