މި އަހަރުގެ ވޯލްޑް ސައިޓް ޑޭ ފާހަގަކުރުމަށް އައިކެއާއިން ފެށި ސްޓޫޑެންޓް އާޓް ކޮމްޕެޓިޝަނަށް، ކުރެހުން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ކޮންމެ އޮކްޓޯބަރެއްގެ ދެވަނަ ބުރާސްފަތި ދުވަހު ފާހަގަކުރާ ދުނިޔޭގެ ލޮލުގެ ފެނުމުގެ ދުވަސް މި އަހަރު ދިމާވަނީ އަންނަ ބުރާސްފައްޗަށެވެ. މި ދުވަސް ފާހަގަކުރުމަށް މި އަހަރުގެ ބައިނަލްއަގްވާމީ ޝިއާރަކީ 'ލަވް ޔުއާ އައިސް - ޕުޓިން ޕީޕަލް އެޓް ދަ ހާޓް އޮފް އައި ހެލްތު' އެވެ.

މި ޝިއާރަށް ހޭލުންތެރިކުރުމަށާއި، ފިޔަވަޅު އެޅުމަށް ބާރުއެޅުމަށް އައިކެއާއިން ބާއްވާ ހަރަކާތްތަކާއެކު ދަރިވަރުންނަށް ޚާއްސަ އާޓް ކޮމްޕެޓިޝަނެއް ވެސް އިއުލާންކުރިއެވެ.

މި މުބާރާތަށް ކުރެހުން ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ ރޭގެ ނިޔަލަށެވެ. ނަމަވެސް މިހާރު އެ މުއްދަތު ވަނީ ހުކުރު ދުވަހުގެ ނިޔަލަށް އިތުރުކޮށްފައެވެ.

އުމުރުން 11 އަހަރާއި 15 އަހަރާ ދެމެދުގެ ދަރިވަރުންނަށް ހުޅުވާލާފައިވާ މި މުބާރާތުގައި، ދިރިއުޅުމާއި މުޖުތަމައުގެ ތަސައްވުރާއި ލޮލުގެ ސިއްހަތުގެ މާނައާ ގުޅޭ ގޮތުން ވިސްނާލުމަށް ފުރުސަތު ލިބޭނެ ކަމަށް އައިކެއާއިން ބުންޏެވެ.

މި މުބާރާތުގެ ބައިވެރިންނަށް ދެ ތީމެއް ޚިޔާރުކުރެވޭނެއެވެ. އެއީ އަމިއްލަ ލޮލުގެ ދުޅަހެޔޮ ކަމަށް ލޯބިކުރުމާ ގުޅޭ ތީމަކާއި ލޮލުގެ ދުޅަހެޔޮ ކަމަށް ކުރާ މަސައްކަތުގައި ފަރުދުންނާއި މުޖުތަމައު އިސްކުރުމުގެ މުހިންމުކަން ރަމްޒުކޮށްދޭ ތީމްއެކެވެ.

ހުށަހެޅުމުގެ ގައިޑްލައިން:

  • ސައިޒް: އޭ4 (ކެންވަސް ނުވަތަ ކަރުދާސް)

  • ފޯމެޓް: ކޮންމެ މީޑިއަމެއް (ގަލަން، ފެންކުލަ، އެކްރިލިކް، މިކްސްޑް މީޑިއާ) ބޭނުންކޮށްގެން އަތުން ކުރަހައި ނުވަތަ ކުލަ ޖައްސައިފައި.
  • ޑިޖިޓަލް އާޓް ބަލައިނުގަނެވޭނެ.
  • ހުށަހަޅާނެ ގޮތް: މާލެ ނަމަ، އޯކިޑް މަގުގައި ހުންނަ އައިކެއާ މައި ބިލްޑިންއަށް އަސްލު އާޓްވޯކް ގެނެސްދިނުން.
    ރަށެއް ނަމަ: އާޓްވޯކްގެ ސާފު ފޮޓޯ ސްކޭން[email protected]އަށް ފޮނުވުން ނުވަތަ އެންމެ ކައިރީގައި ހުންނަ އައިކެއާ ފިހާރައަށް ހުށަހެޅުން.

އައިކެއާއިން ބުނީ ހުރިހާ ހުށަހެޅުމެއްގައި ވެސް، ބައިވެރިޔާގެ ފުރިހަމަ ނަމާއި، އުމުރާއި، އައިޑީކާޑު ކޮޕީއާއި ސްކޫލް ނަމާއި ގްރޭޑާއި، ބެލެނިވެރިޔާއަށް ގުޅޭނެ ނަންބަރާއި އީމެއިލް އަދި ކުރެހި ތީމް ލިޔެފައި އޮންނަން ވާނެ ކަމަށެވެ.

މި މުބާރާތް ކުރިއަށްދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. ފުރަތަމަ ބުރު ނުވަތަ އޮންލައިން ވޯޓިން ބުރު އޮންނާނީ އަންނަ އާދިއްތައިން ބުރާސްފައްޗަށެވެ. ސައްހަ ހުރިހާ އެންޓްރީއެއް އައިކެއާގެ ރަސްމީ ފޭސްބުކް ޕޭޖަށް އަޕްލޯޑް ކުރެވޭއިރު، އާންމުންނަށް ވޯޓުލެވޭނީ އެމީހުން އެންމެ ގަޔާވާ އާޓްވޯކްތައް "ލައިކް" ކޮށްގެންނެވެ.

ފައިނަލް އެގްޒިބިޝަނަށް ޝޯޓްލިސްޓް ކުރެވޭނީ އެންމެ ގިނަ ވޯޓު ލިބޭ ފަރާތްތަކެވެ.

ދެވަނަ ބުރުގައި ނުވަތަ މައުރަޒު އަދި ފައިނަލް ވޯޓިން ބުރުގައި ޝޯޓްލިސްޓް ކުރެވޭ ހުރިހާ އާޓްވޯކްތަކެއް މާލޭގައި ބާއްވާ ވޯލްޑް ސައިޓް ޑޭ އާންމު އިވެންޓުގައި ދައްކާލާނެއެވެ. މައުރަޒަށް ޒިޔާރަތްކުރާ މީހުންނަށް އަނެއްކާވެސް ވޯޓުލުމުގެ ފުރުސަތު ލިބޭއިރު، ގަދަ ތިން ވަނަ ހޯދާ ކުދިންގެ ނަންތައް އެ ދުވަހު ލައިވް ސްޓޭޖު މަތިން އިއުލާންކުރާނެއެވެ.

އިނާމުތައް:

1 ވަނަ: 5،000 ރުފިޔާ
2 ވަނަ: 3،000 ރުފިޔާ
3 ވަނަ: 2،000 ރުފިޔާ

މި މުބާރާތުން ޝޯޓްލިސްޓް ކުރާ ހުރިހާ ކުދިންނަށް ސެޓްފިކެޓް ދޭނެއެވެ.

އައިކެއާއިން ބުނީ މި މުބާރާތުގެ ތެރެއިން ކުޑަކުދިންނަށް، ލޮލުގެ ސިއްހަތާ މެދު ފުންކޮށް ވިސްނައި، މާނަހުރި ގޮތްގޮތަށް އުފެއްދުންތެރިކަން ފާޅުކުރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.