މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު އެމްޑީޕީން ބޭއްވި އެއްވުން ރޫޅާލުމަށް ފުލުހުން ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްއާރުއޭޑީ) ބޭނުންކުރުމާއި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް އެ ޕާޓީން ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މި މައްސަލައަށް ބަހުސްކުރަން ފެންނަ ކަމަށް 12 މެންބަރަކު ވޯޓުދެއްވިއިރު، ވޯޓުގައި ދެން ބައިވެރިވި 40 މެންބަރުން ވޯޓުދެއްވީ މި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި އޮތީ، އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެރޭ "ލޫޓުވައިފި، ލޫޓުވައިފި"ގެ ނަމުގައި ބޭއްވި އެއްވުމަށް ހުރަސް އަޅައި އެ އެއްވުމުގެ ސުލްހަވެރިކަން ނަގާލުމަށް ޓަކައި ފުލުހުން މެދުވެރިކޮށް ސަރުކާރުން މަސައްކަތްކޮށްފައިވާ ކަމަށެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް -- ފޮޓޯ: މަޖިލިސް

އެގޮތުން އެ އެއްވުން ރޫޅާލުމަށް ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށްފައިވާކަން އެނގެން އޮތް ކަމަށާއި، އެއްވުން ރޫޅާލުމަށް ޓަކައި ބާރު އަޑު ފޮނުވުމަށް ބޭނުންކުރާ އެލްއާރުއޭޑީ ބޭނުންކުރިކަން އެނގެން އޮތް ކަމަށް މީކާއީލް ވިދާޅުވިއެވެ.

މީކާއީލް ވިދާޅުވި ފުލުހުން އެލްއާރުއޭޑީ ބޭނުންކުރީ އެއްވެސް އިންޒާރެއް ނުދީކަން ވެސް އެނގެން އެބައޮތް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްވުމުގައި ފުލުހުން ގިނަ ވަގުތު އެލްއާރުއޭޑީ ބޭނުންކުރުމުގެ ސަބަބުން، އެ އެއްވުމުގައި ބައިވެރިވި މީހުންގެ އިތުރުން އެއްވުން އޮތް އާޓިފިޝަލް ބީޗު ސަރަހައްދުގައި ދިރިއުޅެމުން އަންނަ މީހުންނަށާއި ކުޑަކުދިންގެ އަޑުއިވުމަށާއި ނަފްސާނީގޮތުން އަސަރުކުރިއެވެ.

އެލްއާރުއޭޑީގެ ސަބަބުން އަޑުއިވުމުގެ ހިއްސަށާއި ނަފްސާނީ ގޮތުން ލިބޭ ގެއްލުން ބޮޑުކަމާއި ކަންފަތް ބީރުވާނެކަމަށް ބޭރުގެ ބައެއް ސިއްހީ ޖަމިއްޔާތަކުން ބުނެފައިވާކަން ވެސް މީކާއީލް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ފުލުހުން އެލްއާރުއޭޑީ ބޭނުންކުރިއިރު، އެ ބޭނުންކުރާނެ ގޮތް އާންމުކޮށްފައެއް ނެތެވެ. އެހެންކަމުން ފުލުހުން އެލްއާރުއޭޑީގެ ބޭނުންކުރީ ގާނޫނާ ޚިލާފަށްކަމަށް ވެސް މީކާއީލް ވިދާޅުވިއެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޑީޕީގެ އެއްވުމުގައި ފުލުހުން އެލްއާރުއޭޑީ ބޭނުންކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން އަންނަނީ ބަލަމުންނެވެ. އެ މައްސަލައިގައި އެކަން ބެލުމަށް ސަރުކާރަށް ގޮވާލައި އޮންލައިން ޕެޓިޝަނެއް ވެސް ހުށަހަޅައި، މިހާތަނަށް 183 ސޮއި ވަނީ ހަމަކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން ބޭއްވި އެއްވުން ރޫޅާލަން ބާރުގެ ބޭނުންކުރުން ދިފާއުކޮށް ނެރުނު ބަޔާނެއްގައި ފުލުހުން އެ ރޭ ބުނީ، އެއްވުން ރޫޅާލުމުގައި އިސްކުރީ ގާނޫނާއި ގަވައިދުތަކުގެ ހަމަތަކާއި، "ކެތްތެރިކަމާއި ޕްރޮފެޝަނަލްކަން" ކަމަށެވެ.

އެ ބަޔާނުގައި ފުލުހުން ބުނީ، އެއްވުން ކުރިއަށް ގެންދިއުމުގައި އެއްވުމުގެ ބައިވެރިން މަގުމައްޗަށް ނުކުމެ އެއްވުން ކުރިއަށް ގެންދިއުމަށް ފުލުހުންނާއެކު ކުރިން މަޝްވަރާކުރެވި އެއްބަސްވެވިފައިވާ ގޮތާ ޚިލާފަށް އަަމަލުކުރި ކަމަށެވެ. އެގޮތުން އެއްވުމުގެ ބައިވެރިން މަޖީދީމަގުން ދިއުމަށް މަސައްކަތްކުރުމުން އެ މަގުން އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށާއި، ކުރިން އެއްބަސްވެފައިވާ ގޮތަށް އެއްވުން ކުރިއަށް ގެންދަން ނަސޭހަތްދިން ކަމަށް ބުންޏެވެ.

އެ އެއްވުން ހުއްޓުވުމަށް ޓަކައި ފުލުހުން ބޭނުންކުރި ބާރަކީ ފުލުހުން ބުނި ގޮތުގައި، ގާނޫނުގެ ދަށުން ފުލުހުންނަށް ދީފައިވާ ބާރާއި އިޚްތިޔާރުގެ ބޭނުންކުރުމުގައި އަމަލުކުރާނެ ގޮތުގެ ގަވައިދުގައިވާ ހުއްދަކޮށްފައިވާ ބާރުތަކެއް ކަމަށް، ފުލުހުން ބުނެއެވެ.

އެމްޑީޕީން ހުކުރު ދުވަހުގެރޭ ބޭއްވި އެއްވުމަކީ ނިރުބަވެރި ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވަނީ ސިފަކުރައްވައިފައެވެ. އަދި އެމްޑީޕީގެ އެއްވުމާ ގުޅިގެން ސަރުކާރު ދިފާއުކުރައްވައި، ވަޒީރުންވެސް ސޯޝަލް މީޑިއާގައި ޕޯސްޓްތައް ކުރައްވާފައިވެއެވެ.

އެ އެއްވުމުން ހައްޔަރުކުރި ހަތް މީހުންގެ ތެރެއިން އެކަކު ދޫކޮށްލިއިރު، ބާކީ ތިބި މީހުން 15 ދުވަހަށް ވަނީ ބަންދުކޮށްފައެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފާއި، ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ އާއި މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހާއި އިތުރު ތިން މީހުން ހިމެނެއެވެ.