06 Oct 2025, 08:56
ބޮލީވުޑްގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު ރަޝާ ތަޑާނީގެ ދެވަނަ ފިލްމުގައި ޒުވާން ބަތަލާއާ އެކު ބަތަލުގެ ރޯލްއިން ފެންނާނީ ލަކްޝް ލަލްވާނީ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ފިލްމު "އާޒާދު"އިން މި އަހަރުގެ ފެބްރުއަރީ މަހު ބޮލީވުޑަށް ތައާރަފްވި ރަޝާގެ ކެރިއަރުގެ ދެވަނަ ފިލްމަކީ، ޖޭ ޝެވަކްރަމާނީ ޕްރޮޑިއުސްކޮށް، އަނިރުދު އައްޔަރު ޑައިރެކްޓްކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ޕީޕިންގްމޫންގައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ 20 އަހަރުގެ ބަތަލާގެ މި ފިލްމަކީ ލޯބީގެ އެކްޝަން ފިލްމެއް ކަމަށެވެ.
އަންނަ އަހަރު ފިލްމުގެ މަސައްކަތް ފެށުމުގެ މަޝްވަރާތައް ކުރެވެމުންދާއިރު ފިލްމާ ގުޅޭ މައުމޫލާތު ވަރަށް އަވަހަށް ރަސްމީކޮށް އިއުލާނުކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރަޝާ ފިލްމީ ދާއިރާއަށް ތައާރަފްވި ފިލްމު "އާޒާދު"ގެ ޕޯސްޓަރެއް--ފޮޓޯ/ބޮލީވުޑްހަންގާމާ
ފިލްމު "ކިލް"އިން ބޮލީވުޑަށް ތައާރަފްވި ލަކްޝް އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން ޑައިރެކްޓްކޮށް ގެނެސްދިން އޭނާގެ އަލަތު ވެބް ސީރީސް "ދަ ބޭޑްސް އޮފް ބޮލީވުޑް"އިންނެވެ.
ލަކްޝްގެ އެކްޓިންގް ހުނަރަށް ގިނަ ބައެއްގެ ތައުރީފު އޮހެމުން އަންނައިރު އޭނާގެ ފިލްމީ ކެރިއަރު އޮތީ ވަރަށް އުޖާލާކޮށް ކަމަށް ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކުވެސް ވަނީ ބުނެފައެވެ.
ފިލްމު "އާޒާދު"އަށްފަހު ރަޝާ މިހާތަނަށް ފިލްމަކުން ފެނިފައި ނެތް ނަމަވެސް ބަތަލާއަށް ފިލްމު ހުށަހެޅުންތައް ލިބެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ޑައިރެކްޓަރު އަބީޝެކް ކަޕޫރުގެ ފިލްމު "އާޒާދު"އަށް ބެލުންތެރިންގެ ފަރާތުން ފިނި ތަރުހީބެއް ލިބުނު ނަމަވެސް ރަޝާ ފިލްމުގައި ދެއްކި ނެށުމުގެ ހުނަރަށް ބެލުންތެރިން ވަނީ ތައުރީފުކޮށްފައެވެ.