ނަވާރަސަތޭކަ ފަންސާހުގެ އަހަރުތަކުގެތެރޭ ހިންދީ ސިނަމާގައި ބޮޑު މަޝްހޫރުކަމެއް ހޯދި ބަތަލާ ސަންދްޔާ ޝާންތަރަމް މަރުވެއްޖެއެވެ.

ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލުކަމެއް ހޯދި ބަތަލާ މަރުވެފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. ސަންދްޔާ މަރާ ގުޅިގެން ބަތަލާގެ އާއިލާއިން މިހާތަނަށް ރަސްމީގޮތުން ވަކި އެއްޗެއް ބުނެފައި ނުވާއިރު ބަތަލާ މަރުވީ އުމުރުން ދުވަސްވުމާ ގުޅިގެން މީހާ ބަލިކަށިވެ ދިމާވި ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސަންދްޔާ އަކީ އިންޑިއާގެ ގޯލްޑަން ސިނަމާ އަދި މަރާޓީ ފިލްމްސްގެ ޖީލަށް ނިސްބަތްވާ ބަތަލާއެއް ކަމަށާއި ބަތަލާ މަރުވުމާ ހަމައަށް އެއީ ދުނިޔޭގައި ހުރި އެ ޖީލުގެ ހަމައެކަނި ފިލްމީ ތަރި ކަމަށް ބޮލީވުޑްހަންގާމާގައި ވަނީ ބުނެފައެވެ.

ކުރީގެ ބަތަލާ ސަންދްޔާ ޝާންތަރަމް ބަތަލާ ރާނީ މުކަރުޖީއާ އެކު--ފޮޓޯ/އިންޑިއާޓީވީ

ބަތަލާގެ މަރާ ގުޅިގެން ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިތާމަ ފާޅުކޮށްފައިވާއިރު ފިލްމު ޑައިރެކްޓަރު މަދުރު ބަންޑާރްކަރު ބުނެފައި ވަނީ، ސަންދްޔާ ފަދަ ބަތަލާއެއް ގެއްލި ދިއުމަކީ މުޅީ ހިންދީ ސިނަމާއަށް ލިބުނު ވަރަށް ބޮޑު ފަޅުކަމެއް ކަމަށެވެ.

ސަންދްޔާ ޝަންތަރަމްގެ ކެރިއަރުގެ މަގުބޫލު ފިލްމުތަކުގެތެރޭ "ޖަނަކް ޖަނަކް ޕާޔަލް ބާޖޭ"، "ދޯ އާންކޭ ބަރާ ހާތު" އަދި "ނަވްރަންގް" ފަދަ ފިލްމުތައް ހިމެނެއެވެ.

އޭނާ މަސައްކަތްކުރި މަރާޓީ ފިލްމުތައް ކަމަށްވާ "ޕިންޖްރާ" އަދި "އަމަރު ބޫޕާލީ" އަކީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމުތަކެކެވެ.