06 Oct 2025, 09:10
ބޮލީވުޑްގެ ކުރީގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތު މަރުވި މައްސަލައިގައި ހައްޔަރުކޮށް ޖަލުގައި ވެސް ދުވަސްތަކެއް ހޭދަކުރި، އެކްޓަރުގެ އޭރުގެ ލޯބިވެރިޔާ ބަތަލާ ރިއާ ޗަކްރަބަތީގެ ޕާސްޕޯޓު ފަސް އަހަރު ފަހުން އަތަށް ލިބިފައިވާ ކަމަށް ބަތަލާ ބުނެފިއެވެ.
އިންޑިއާގެ ޕާސްޕޯޓު އޮތޯރިޓީއިން ބަތަލާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮންނަތާ ފަސް އަހަރުވީ އިރުވެސް އަތަށް ޕާސްޕޯޓު ލިބޭނެ ދުވަހަކަށް ކެތްތެރިކަމެއް ނެތި އިންތިޒާރުކުރަމުން ދިޔަކަމަށް ރިއާ ވަނީ ބުނެފައެވެ.
އަމިއްލަ ޕާސްޕޯޓު ސަޕޯޓަރުންނަށް ދައްކާލުމަށް އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި ބަތަލާ ބުނީ، އެއީ ވަރަށް ގިނަ ދުވަސް ވަންދެން އިންސާފުވެރި ނިންމުމަކަށް ކުރި އިންތިޒާރީގެ ނަތީޖާ ކަމަށާއި އިންސާފު ހޯދުމަށް އަދަދު ނުކުރެވޭހާ ގިނަ ބަޔަކާ އެކު ހަނގުރާމަކުރި ކަމަށެވެ.

ރިއާ ކުރީގެ އެކްޓަރު ސުޝާންތު ސިންގް ރާޖްޕުތުއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ
އަބަދުވެސް ހައްގު ލިބޭނީ އިންސާފަށް ކަމަށް ބުނަމުން ރިއާގެ ދިރިއުޅުމުގެ ޗެޕްޓާ-2 ފެށުނީ ކަމަށް ބަތަލާ ވަނީ ސޯޝަލް މީޑިއާގައި ބުނެފައެވެ.
އެކްޓަރު ސުޝާންތު ސިންގް ރާޖްޕޫތު 2020ވަނަ އަހަރު އަމިއްލައަށް ދަންޖެހިގެން މަރުވި ކަމަށް ބުނާ މައްސަލައިގައި ރިއާއާ އެކު ބަތަލާގެ ކޮއްކޮ ވެސް ފުލުހުން ވަނީ އޭރު ހައްޔަރުކޮށްފައެވެ.
ހަމައެއާއެކު ރިއާއަށާއި ކޮއްކޮ ޝޯވިކްއަށް މަސްތުވާތަކެތި ގެންގުޅޭ ކަމުގެ ތުހުމަތު ކުރެވި އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން އެ މައްސަލައިގެ ތަހުގީގު ވަރަށް ސީރިއަސްކަމާ އެކު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސުޝާންތުގެ މަރަށް ފަސް އަހަރުވެފައިވާއިރު މި އަހަރުގެ މާޗް މަހު އިންޑިއާގެ ސީބީއައިއިން އެ މައްސަލައިގެ ތަހުގީގު ނިންމުމަށްފަހު އާއްމުކުރި ރިޕޯޓުގައި ބުނެފައި ވަނީ ސުޝާންތުގެ މަރުގެ މައްސަލައިގައި ރެއާ އާއި ބަތަލާގެ އާއިލާގެ އެއްވެސް ބައިވެރިވުމެއް ނެތް ކަމަށެވެ. އެހެންވެ މިހާރު އެއީ މިނިވަނެއް ކަމަށް އިންޑިއާގެ ސަރުކާރުން ވަނީ ނިންމާފައެވެ.
މި މައްސަލައާ ގުޅިގެން ރެއާ ފިލްމީ ދާއިރާއާ ދުރަށް ދިޔަ ނަމަވެސް ކައިރި މުސްތަގްބަލެއްގައި ފިލްމު "ޖަލޭބީ"ގެ ބަތަލާ އެނބުރި ފިލްމީ ދާއިރާއިން ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ބަތަލާ ވަނީ ބުނެފައެވެ.