06 Oct 2025, 08:52
އެމެޒޯން ޕްރައިމް ވީޑިއޯ އާއި ގުޅިގެން ކެރިއަރުގެ ފުރަތަމަ ޕްރޮޖެކްޓް ޕްރޮޑިއުސް ކުރާނެކަން އިއުލާނުކޮށްފައިވާ ބޮލީވުޑް އެކްޓަރު ރިތިކް ރޯޝަންގެ ވެބް ސީރީސްއިން މުޅީން އާ ބަތަލާއެއް ބޮލީވުޑަށް ތައާރަފް ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޕަރުވަތީ ތިރުވޮތޫ ނަމަކަށް ކިޔާ މި ބަތަލާ އަކީ މަޅަޔާލަމް އަދި ތަމަޅަ ފިލްމުތަކުން މިހާރުވެސް ފެންނަމުންދާ ބަތަލާއެކެވެ.
ވަކި ނަމެއް އަދި ހަމަޖެހިފައިނުވާ ރިތިކްގެ ވެބް ސީރީސްއިން ޕަރުވަތީގެ އިތުރުން ފެންނާނެ އިތުރު ބަތަލާއިންގެތެރޭ އަލާޔާ އެފް، ސްރިޝްތީ ސިރުވާސްތަވާ، ރަމާ ޝަރުމާ އަދި ރިތކް ލޯބީގެ ގޮތުން ގުޅިގެން އުޅޭ ސަބާ އާޒާދު ހިމެނެއެވެ.
މީގެކުރިންވެސް ސީރީސްތައް ގެނެސްދީފައިވާ އަޖިތު ޕަލް ސިންގް ޑައިރެކްޓްކުރާ މި ވެބް ސީރީސް އަކީ ސޯޝަލް ތުރިލާއެއް ކަމަށާއި މުޖްތަމައާ ގުޅުންހުރި ގިނަ ހާދިސާތަކެއް މި ވެބް ސީރީސްއިން ބެލުންތެރިންނަށް ގެނެސްދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިތިކް ރޯޝަން އަދި އެކްޓަރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ބަތަލާ/މިއުޒީޝަން ސަބާ އާޒާދު--ފޮޓޯ/އިންޑިއަންއެކްސްޕްރެސް
އަޖިތު ކުރިން ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ވެބް ސީރީސްތަކުގެތެރޭ 2021ވަނަ އަހަރު ސޮނީ ލިވްއިން ގެނެސްދިން ތުރިލާ "ޓައްބަރު" ހިމެނެއެވެ.
ރިތިކްގެ އަމިއްލަ ޕްރޮޑަކްޝަން ހައުސްއިން ގެނެސްދޭން ނިންމާފައިވާ މި ވެބް ސީރީސްގެ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ޔަޝް ރާޖް ފިލްމްސްގެ "ވޯ 2"އިން އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވާ އެކްޓަރު ވަރަށް އަވަހަށް ފިލްމު ޑައިރެކްޝަނަށް ނުކުންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
އެގޮތުން ރިތިކް ޑައިރެކްޓަރެއްގެ ގޮތުގައި ގެނެސްދޭނެ ފުރަތަމަ ފިލްމަކީ އެކްޓަރުގެ ކެރިއަރުގެ މަގުބޫލު ފްރެންޗައިސް "ކްރިޝް"ގެ ހަތަރު ވަނަ ފިލްމެވެ.