06 Oct 2025, 10:00
މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް މައިކްރޯސޮފްޓްގެ ލިންކްޑިންގެ ސީއީއޯ ރަޔަން ރޮސްލަންސްކީ، މައިކްރޮސޮފްޓްގެ ސީއީއޯ ސަތިޔާ ނަޑެއްލާއާއި، ދުނިޔޭގެ އެހެން ވެރިންނަށް ފޮނުއްވާ މުހިންމު ހުރިހާ އީމެއިލްތަކަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރައްވާކަން ހާމަކުރައްވައިފިއެވެ.
އޭނާ ވިދާޅުވީ، މިފަދަ މުހިންމު މުޢާމަލާތްތަކުގައި އޭނާގެ ވާހަކަތައް "އެންމެ މޮޅަށް" ހުށަހެޅުމަށް އޭއައިގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
ސެން ފްރާންސިސްކޯގައި ހުންނަ ލިންކްޑިން އޮފީހުގައި ބޭއްވި ފަޔާސައިޑް ޗެޓެއްގައި ރޮސްލަންސްކީ ވިދާޅުވީ، އޭނާ ބޭނުންކުރައްވަނީ މައިކްރޮސޮފްޓްގެ ކޯޕައިލެޓް އޭއައި އެސިސްޓެންޓް ކަމަށެވެ. މީގެ ސަބަބުން އޭނާގެ އީމެއިލްތައް "ސުޕާ ސްމާޓް" ކޮށް ފެންނަން އެހީތެރިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އޭނާ ފޮނުއްވާ ގިނަ މުހިންމު އީމެއިލްތަކުގައި އޭއައިގެ އެހީތެރިކަން ހޯއްދަވާ ކަމަށް ވެސް ރޮސްލަންސްކީ ވިދާޅުވިއެވެ.
ރޮސްލަންސްކީ އިތުރަށް ވިދާޅުވީ، އޭނާ އޭއައި ބޭނުންކުރައްވަނީ އީމެއިލްތައް އެއްކޮށް އޭއައި އިން ލިޔުމަކަށް ނޫނެވެ. އޭގެ ބަދަލުގައި، އޭއައި އަކީ އޭނާއަށް ލިޔުމުގައި މަގުދައްކައިދޭ "އިންޓަރެކްޓިވް ރައިޓިންގ ޕާޓްނަރެއް" ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮންމެ ޖަވާބަކަށް އެންމެ ރަނގަޅު ގޮތް ކަނޑައެޅުމަށް އެހީތެރިވުމަށް އޭއައި އިން ސުވާލުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އޭއައި ބޭނުންކުރައްވަނީ އޭނާއަށް "ދެވަނަ ސިކުނޑިއެއް" ލިބިފައިވާ ފަދައިން ކަމަށާއި، އެ ސިކުނޑިއަށް އޭނާ ވަރަށް ރަނގަޅަށް އެނގޭ ކަމަށް ވެސް ރޮސްލަންސްކީ ސިފަކުރެއްވިއެވެ.
މި ކަމުން ދައްކައިދެނީ، މަސައްކަތުގެ މާހައުލުގައި އޭއައިގެ ބޭނުންކުރާ އެގްޒެކެޓިވުންގެ އަދަދު އިތުރުވަމުންދާ ކަމެވެ.
ޖޫން މަހު ގެލަޕް އިން ހެދި ސާވޭއަކުން ދައްކާ ގޮތުގައި، މެނޭޖަރުން އޭއައި ބޭނުންކުރާ ނިސްބަތް، އެހެން މުވައްޒަފުންނަށްވުރެ ދެގުނަ އިތުރެވެ. ޓެކްނޮލޮޖީ އަދި ރީޓެއިލް ދާއިރާގެ ލީޑަރުން އެ މީހުންގެ އާންމު މުޢާމަލާތްތަކާއި ޑޮކިއުމެންޓް ރިވިއު ކުރުމުގެ މަސައްކަތްތަކުގައި ވެސް އޭއައި ބޭނުންކުރަމުންދާ ކަމަށް އެ ސާވޭއިން ދައްކައެވެ.