ރޯހިތު ޝެޓީގެ "ޗެންނާއީ އެކްސްޕްރެސް" ފިލްމުގައި ޝާހްރުކް ޚާނާ އެކު ހަރަކާތްތެރި ވާނީ ދީޕިކާ ޕަޑުކޯން ކަމަށް މި ފިލްމުގެ މަސައްކަތްތަކުގައި އިސްކޮށް އުޅޭ ފަރާތްތަކާ ގާތް ފަރާތަކުން ވަނީ މީޑިޔާއަށް ޚަބަރު ދީފައެވެ.

ދީޕިކާ މީގެ ކުރިން ވަނީ "އޯމް ޝާންތީ އޯމް" ގައި ވެސް ޝާހްރުކް ޚާނާއެކު ހަރަކާތްތެރި ވެފައެވެ.

"ޗެންނާއީ އެކްސްޕްރެސް" މި ފިލްމުގެ ވާހަކަ ބިނާ ވެފައި ވަނީ މީހަކު ރޭލެއްގައި ބޮންބޭއިން ޓެމިލްނާޑޫގެ ރާމޭޝްވަރަމަށް ކުރާ ދަތުރެއްގައި ދިމާވާ ހާދިސާތަކެއްގެ މައްޗަށެވެ.

ޝާހްރުކް ޚާނަކީ ލޯބީގެ ފިލްމުތައް ކުޅޭ ތަރިއެއް ކަމުން މި ފިލްމުގެ ވާހަކައިގައި ލޯބީގެ ބައިތަކެއް ހިމެނިފައި ވިޔަސް ރޯހިތު ޝެޓީގެ ފިލްމެއްގައި ހުންނާން ޖެހޭ އެކްޝަނުގެ މަންޒަރުތައް މި ފިލްމުގައި ވެސް ހުންނާނޭ ކަމަށް ޚަބަރު ލިބެއެވެ.

"ޗެންނާއީ އެކްސްޕްރެސް" މި ނަމަކީ ރޭލަކަށް ކިޔާ ނަމެކެވެ. މި ފިލްމުގެ ވާހަކަ ބިނާ ކުރެވިފައި ވާ ދަތުރު ކުރަނީ "ޗެންނާއީ އެކްސްޕްރެސް" ރޭލުންނެވެ.