05 Oct 2025, 22:23
ފިލްމު "ދަރާރު"އިން ބޮލީވުޑަށް ތައާރަފުވި އެކްޓަރު އަރުބާޒް ޚާންއަށް 22 އަހަރު ފަހުން ދެވަނަ ކުއްޖަކު ލިބިއްޖެއެވެ.
އަރުބާޒް އާއި އަންހެނުން ޝޫރާ ޚާންއަށް ލިބުނީ އަންހެން ކުއްޖެކެވެ. އަރުބާޒްއަށް ދެވަނަ ކުއްޖަކު ލިބުމާ ގުޅިގެން އެކްޓަރުގެ އާއިލާއިން އުފާފާޅު ކުރަމުން އަންނައިރު ފިލްމު އިންޑަސްޓްރީގެ ގިނަ ބަޔަކު ވަނީ އަރުބާޒުގެ ދެމަފިރިންނަށް ތަހުނިޔާގެ މެސެޖުތައް ފޮނުވާފައެވެ.
ހަމައެއާއެކު އަރުބާޒުގެ ބޭބެ ބޮލީވުޑްގެ މަގުބޫލު އެކްޓަރު ސަލްމާން ޚާން ވެސް ވަނީ އެ އުފަލުގައި ބައިވެރިވުމަށް މުމްބާއީއަށް ގޮސްފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަރުބާޒްގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދަރިފުޅު އަރުހާން، ބައްޕަގެ ދެވަނަ ކައިވެނީގެ ހަފުލާގައި--ފޮޓޯ/ބޮލީވުޑްހަންގާމާ
އިންޑިއާގެ މީޑިއާތަކުން ބުނެފައިވާ ގޮތުގައި އަރުބާޒުގެ އަންހެނުން ޝޫރާ ވިހާފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި މުމްބާއީގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލުގައެވެ. ޝޫރާ އާއި އަރުބާޒު އިއްޔެގެ ވަގުތެއްގައި އެ ހޮސްޕިޓަލްގެ ބޭރުގައި ތިބި މަންޒަރު ވެސް މީޑިއާ ރިޕޯޓަރުންނަށް ފެނިފައިވާ ކަމަށް ފިލްމީ ޚަބަރުތައް ބުނެއެވެ.
ބޮލީވުޑްގައި މޭކަޕް އާޓިސްޓެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ 35 އަހަރުގެ ޝޫރާ ޚާން އާއި 58 އަހަރުގެ އަރުބާޒް ޚާންގެ ކައިވެނި ކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 24ގައެވެ.
މިހާރު ފިލްމު ޕްރޮޑިއުސަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ އަރުބާޒުގެ މިއީ ދެވަނަ ކައިވެންޏެވެ. އަރުބާޒު އެންމެ ފުރަތަމަ ކައިވެނިކޮށްފައި ވަނީ އިންޑިއާގެ މަޝްހޫރު މޮޑެލް މަލައިކާ އަރޯރާއާއެވެ.
ދެ މީހުންގެ ކައިވެންޏަށް ފިރިހެން ކުއްޖަކު ލިބިފައިވާއިރު އެ ކުއްޖާގެ އުމުރުން މިހާރު 22 އަހަރެވެ. އަރުބާޒް އާއި މަލައިކާގެ ކައިވެނި ރޫޅާލީ ދެ މީހުންގެ ކައިވެންޏަށް 19 އަހަރުވީ ފަހުންނެވެ.