ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯކަރަންސީ ކަމަށްވާ ބިޓްކޮއިންގެ އަގު، 125,000 ޑޮލަރު ހުރަސްކޮށް، އާ ރިކޯޑެއް ގާއިމުކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ބިޓްކޮއިންގެ އަގު 125,689 ޑޮލަރަށް އަރާފައިވާއިރު، މިއީ އޭގެ ކުރިން އޮގަސްޓް 14 ގައި ހެދި 124,514 ޑޮލަރުގެ ރިކޯޑަށްވުރެ މަތީ އަގެކެވެ.

ބިޓްކޮއިންގެ އަގު މިހާ ބޮޑަށް މައްޗަށް ދިއުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، އެމެރިކާގެ ސަރުކާރު ހުއްޓުމަކަށް ދިއުމާ ގުޅިގެން އުފެދުނު އިގުތިސާދީ ނުތަނަވަސްކަމުގެ ތެރޭގައި އިންވެސްޓަރުން ރައްކާތެރި މާލީ ވަސީލަތްތަކަށް ބުރަވުން ހިމެނެއެވެ.

މީގެ އިތުރުން، ޑޮލަރުގެ އަގު ދަށްވުމުގެ ބިރުވެރިކަމާއި، ކުންފުނިތަކުން ބިޓްކޮއިން ބަލައިގަތުން އިތުރުވުން ވެސް މި ކުރިއެރުމަށް ބާރުއަޅާފައިވެއެވެ. އޮކްޓޯބަރު މަހަކީ ބިޓްކޮއިންގެ އަގު އާންމުކޮށް މައްޗަށްދާ މަހެއް ކަމަށްވާތީ، މި މަހަށް "އަޕްޓޯބަރު"ގެ ނަމުން ވެސް ނަންދެވިފައިވެއެވެ.

ސޯސް: ޓްރޭޑިން ވިއު

ސްޓެންޑާޑް ޗާޓާޑް ޕީއެލްސީގެ ޑިޖިޓަލް އެސެޓްސް ރިސާޗްގެ ގްލޯބަލް ހެޑް ޖިއޮފް ކެންޑްރިކް ވިދާޅުވީ، މިފަހަރު އެމެރިކާ ސަރުކާރު ހުއްޓުމަކަށް ދިއުމަކީ ބިޓްކޮއިންގެ އަގަށް ވަރަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށެވެ. އަދި، 2018-2019 ވަނަ އަހަރު ސަރުކާރު ހުއްޓުމަކަށް އައުމުގެ ތެރޭގައި ބިޓްކޮއިންގެ ހާލަތު މިހާރާ ތަފާތު ކަމަށާއި، އެއިރު ބިޓްކޮއިންގެ އަގު އެހެން ރިސްކް އެސެޓްތަކާ އެއްގޮތަށް ބަދަލުނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ކުރިއެރުމާ އެކު، ބިޓްކޮއިންގެ އަގު މި އަހަރު 30 އިންސައްތައަށްވުރެ ބޮޑަށް މައްޗަށް ގޮސްފައިވެއެވެ. މިއީ މާލީ ބާޒާރުގައި ބިޓްކޮއިންގެ ދައުރު އިތުރަށް ބޮޑުވަމުންދާކަން ދައްކުވައިދޭ ކަމެކެވެ.

ބިޓްކޮއިންއަކީ 2009 ވަނަ އަހަރު ސަތޯޝީ ނަކަމޯޓޯގެ ނަމުގައި މަޝްހޫރުވެފައިވާ ނުވަތަ އެ ނަމުގައި ހަރަކާތްތެރިވާ ފަރާތަކުން ނުވަތަ ބަޔަކު ތައާރަފުކުރި ޑިޖިޓަލް ކަރަންސީއެކެވެ. މިއީ މަރުކަޒީ ބޭންކެއް ނުވަތަ އެއްވެސް ސަރުކާރެއްގެ ބެލެހެއްޓުމެއް ނެތި، އިންޓަނެޓް މެދުވެރިކޮށް މުޢާމަލާތްތައް ހިންގާ ކްރިޕްޓޯކަރަންސީއެކެވެ.

ބިޓްކޮއިންގެ މުޢާމަލާތްތައް ރައްކާތެރިކުރުމަށް ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކުރެއެވެ. މިއީ މާލީ ދުނިޔޭގައި އާ އިންގިލާބެއް ގެނެސްފައިވާ އެއްޗެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި، މިހާރު މިއީ އިންވެސްޓްކުރުމަށް ބޭނުންކުރާ މުހިންމު އެއް ވަސީލަތް ކަމަށް ވެސް ވެފައިވެއެވެ.