05 Oct 2025, 13:27
މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް، ވަނަވަރު އާންމުކުރުމަށް ފަހު ބަންދުކޮށްފައި ހުރި ދިވެހި އަންހެނަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
މިއީ ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި 4،500އަށްވުރެ ގިނަ ރުފިޔާއާ އެއްކޮށް، ހުޅުމާލެއިން ސެޕްޓެންބަރު 23 ގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައި ހިމެނޭ އަންހެން މީހާއެވެ. އެ ދުވަހު ފުލުހުން ހައްޔަރުކުރީ ބަންގްލަދޭޝަށް ނިސްބަތްވާ 50 އަހަރުގެ މީހަކާއި ހަމަ އެ ގައުމުގެ 40 އަހަރުގެ މީހެއްގެ އިތުރުން 26 އަހަރުގެ ދިވެހި ފިރިހެނަކާއި 32 އަހަރުގެ ދިވެހި އަންހެނެކެވެ.
އެ މީހުން ހައްޔަރުކޮށް، ފުރަތަމަ ފަހަރަށް ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ތިން ފިރިހެނުންގެ ބަންދަށް 15 ދުވަސް ޖެހިއެވެ. އަދި، އަންހެން މީހާގެ ބަންދަށް ޖެހީ 10 ދުވަހެވެ.
އެކަމަކު، އެ އަންހެން މީހާގެ ބަންދަށް ފުރަތަމަ ޖެހި 10 ދުވަސް ހަމަވެގެން އިއްޔެ ދެވަނަ ފަހަރަށް ކޯޓަށް ގެންދިއުމުން ގާޒީ ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފައެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި މަސްތުވާތަކެތި ފެނުނީ އެ އަންހެން މީހާ ދިރިއުޅޭ ގެއަކުން ނޫނެވެ.
އެ ތަކެތި ފެނުނީ އެ އަންހެން މީހާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހާ ހިފާފައި ހުރި ތަނަކުންކަން ކޯޓު އަމުރުން އެނގެއެވެ. އަދި، އެ ތަކެއްޗަކީ އޭނާގެ އެއްޗެހި ކަމަށް ލޯބިވެރިޔާ ކޯޓުގައި ބުނެފައިވެސް ވެއެވެ.
އެ އަންހެން މީހާއަކީ ކުށުގެ ރިކޯޑު އޮތް މީހެއް ވެސް ނޫނެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އަންހެން މީހާއަކީ ތިން ކުދިންނާއި ބަލި މަންމައަކު ބަލާ މީހެއް ކަމަށް އޭނާގެ ފަރާތުން ކޯޓުގައި ބުނެފައިވާ ކަމަށެވެ. އަދި، މި މައްސަލައިގައި އަންހެން މީހާއަށް ދެކޮޅަށް ހުރި ހެކި ބަލިކަށި ކަމަށް ވެސް އަމުރުގައިވެއެވެ. އެހެންވެ، އެ އަންހެން މީހާ ބަންދުން ދޫކޮށްލަން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުގައި ސެޕްޓެންބަރު 23 ގައި ހުޅުމާލެއިން ހަތަރު މީހުން ހައްޔަރުކުރީ ދެ އެޕާޓްމަންޓެއް ބަލައި ފާސްކުރުމަށް ފަހުގައެވެ. އެ ބަލައި ފާސްކުރުމުގެ ތެރެއިން 24.06 ގުރާމުގެ މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެއްޗާއި 363 ގުޅަ މަނާބޭހާއި ކުށްކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތުކުރެވޭ 4500 އަށްވުރެ ގިނަ ރުފިޔާ ފެނުނު ކަމަށް ފުލުހުން އޭރު ބުންޏެވެ.
މި މައްސަލައިގައި އަންހެން މީހާގެ ބައިވެރިވުމެއް އޮތް ކަމަށް ނުބެލެވޭތީ އޭނާ ދޫކޮށްލިއިރު ފުލުހުން މީގެ ކުރިން ވަނީ އެ މީހާގެ ވަނަވަރު ވެސް އާންމުކޮށްފައެވެ.
މި ފަދަ މައްސަލަތަކުގައި ތަހުގީގު ކުރީކޮޅު މީހުންގެ ވަނަވަރު އާންމުކުރާތީ މީގެ ކުރިން ވެސް އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.