މީގެ ކުރިން ވެސް ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް އަޑު އަރާފައިވާ އިންޑިއާގެ ފިލްމީ ތަރިން ކަމަށްވާ ވިޖޭ ދެވަރަކޮންދާއާއި ރަޝްމިކާ މަންދަނާ އެންގޭޖްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުންސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން ދެ ތަރިން އެންގޭޖްވެފައިވަނީ ދެ ފަރާތުގެ އާއިލާގެ މެންބަރުން ބައިވެރިވި ވަރަށް ޕްރައިވެޓް ރަސްމިއްޔާތެއްގައެވެ. އަދި، އަންނަ އަހަރުގެ ފެބްރުއަރީ މަހު ދެ ތަރިން ކައިވެނިކުރަން ނިންމާފައިވާ ކަމަށް ވެސް ހިންދުންސްތާން ޓައިމްސްގައިވާ ރިޕޯޓެއްގައި ބުނެފައިވެއެވެ.

ހިންދުންސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން ދެ ތަރިން އެންގޭޖްވެފައިވާކަން ވިޖޭގެ ޓީމުން ވެސް ވަނީ އެ ނޫހަށް ކަށަވަރުކޮށްދީފައެވެ.

ރަޝްމިކާ އާއި ވިޖޭ ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯތަކެއް--ފޮޓޯ/އިންސްޓަގްރާމް

ވިޖޭއާއި ރަޝްމިކާ ލޯބީގެ ގުޅުމުގެ ވާހަކަ 2018 ވަނަ އަހަރުން ފެށިގެން އެކި ފަހަރު މަތިން މީސްމީޑިއާގައި ދެކެވެމުން އައި ނަމަވެސް މިއަދާ ހަމައަށް ވެސް ދެ ތަރިންގެ ގުޅުމާ ބެހޭގޮތުން ރަސްމީކޮށް ދެ މީހުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ރަޝްމިކާއާއި ވިޖޭ އެކީގައި އެކި ޤައުމުތަކަށް ޗުއްޓީ ދަތުރުތަކަށް ގޮސް އުޅޭކަން މީޑިއާތަކުން ހާމަކޮށްފައިވާއިރު ދެ ތަރިން ވަނީ 2023 ވަނަ އަހަރު ރާއްޖޭގައި ވެސް ޗުއްޓީ ހޭދަކޮށްފައެވެ.

ސައުތު ސިނަމާގައި ބޮޑު މަގުބޫލުކަމެއް އޮންނަ ރަޝްމިކާއަކީ މިހާރު ބޮލީވުޑްގެ ފިލްމުތަކުން ވެސް ފެންނަ ފިލްމީ ތަރިއެކެވެ. އެގޮތުން، ރަޝްމިކާގެ ފާހަގަކޮށްލެވޭ ބޮލީވުޑް ފިލްމުތަކުގެ ތެރޭ އެކްޓަރު ވިކީ ކޯޝަލް ލީޑް ރޯލް ކުޅުނު ފިލްމު "ޗާވާ" އަދި ސަލްމާންއާ އެކު ކުޅުނު ފިލްމު "ސިކަންދަރު" ހިމެނެއެވެ.

ރަޝްމިކާ އެންމެ އަވަހަށް ބެލުންތެރިންނަށް ފެންނާނީ މި މަހުގެ 21 ގައި ރިލީޒްކުރާ މެޑްޑޮކް ފިލްމްސްގެ "ތާމާ"އިންނެވެ. ފިލްމު "ލައިގާ"އިން ބޮލީވުޑަށް ތައާރަފްވެފައިވާ ވިޖޭ އެންމެފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ ޖުލައި މަހު ރިލީޒްކުރި ފިލްމު "ކިންގްޑަމް"އިންނެވެ.