އިންޑިއާގެ ކުރީގެ ފިލްމީ ތަރިން ކަމަށްވާ ރާޖޭޝް ކަންނާއާއި ޑިމްޕަލް ކަޕާޑިއާގެ ކާފަ ދަރިފުޅު ނައޯމިކާ ސަރަން ބޮލީވުޑަށް ތައާރަފުކުރާ ފިލްމުގެ އެކްޓަރުގެ ރޯލަށް ޒުވާން ތަރި ވެދާންގް ރައިނާ ގެންދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑްޑޮކް ފިލްމްސްއިން އުފައްދަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީއަށް ކުރިން ނަގާފައިވާ އެކްޓަރަކީ އަމީތާބް ބައްޗަންގެ ކާފަ ދަރިފުޅު އަގަސްތިޔާ ނަންދާއެވެ.

އަގަސްތިޔާގެ ބަދަލުގައި ވެދާންގް ނައޯމިކާގެ ފިލްމަށް ގެންދަން ނިންމާފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފައިވާއިރު ފާހަގަކޮށްލެވޭ ކަމަކީ އަގަސްތިޔާއާއި ވެދާންގް ވެސް އެކްޓިންގް ކެރިއަރު ފެށީ އެކުއެކީ އެއް ފިލްމަކުން ކަމެވެ. އެއީ ޑައިރެކްޓަރު ޒޯޔާ އަޚްތަރު ނެޓްފްލިކްސްއަށް ތައްޔާރުކޮށްދިން ފިލްމު "ދި އާޗީސް"އެވެ.

ނައޯމިއަކާ މާމަ އަދި ކުރީގެ ބަތަލާ ޑިމްޕަލް ކަޕާޑިއާއާ އެކު--ފޮޓޯ/ހިންދުންސްތާންޓައިމްސް

ފިލްމު "ދި އާޗީސް"އަށްފަހު ވެދާންގެ އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައިވަނީ މިދިޔަ އަހަރު ރިލީޒްކުރި ކެރިއަރުގެ ދެވަނަ ފިލްމު "ޖިގްރާ"އިންނެވެ.

ފިލްމީ ރިޕޯޓުތައް ބުނާގޮތުން ޑައިރެކްޓަރު އިމްތިޔާޒު އަލީގެ ފިލްމަކުން ވެސް ވެދާންގްއަށް ވަނީ ފުރުސަތު ލިބިފައެވެ. މި ފިލްމުން އަގަސްތިޔާ ވަކިވެފައިވާއިރު ޒުވާން އެކްޓަރުގެ ކުރިއަށް އޮތް ފިލްމު "އިއްކީސް"އަކީ ވެސް މެޑްޑޮކް ފިލްމްސްއިން އުފައްދާ ފިލްމެކެވެ.

އުމުރުން 20 އަހަރުގެ ނައޯމިކާއަކީ ކުރީގެ ބައެއް ފިލްމުތަކުން ފެނިފައިވާ ބަތަލާ ރިންކީ ކަންނާގެ ކުއްޖެކެވެ. ކުރީގެ ބަތަލާ ޓުވިންކަލް ކަންނާއަށް ބޮޑު ދައިތަ ކިޔާ ނައޯމިކާއަށް މީޑިއާގެ ސަމާލުކަން ލިބެން ފެށީ ފިލްމީ ބައެއް ހަފުލާތަކުން އޭނާ ފެންނަން ފެށުމާ ގުޅިގެންނެވެ.

ނައޯމިކާ ކާފަ ރާޖޭޝް ކަންނާ އަދި ޓުވިންކަލް ކަންނާއާ ވައްތަރު ކަމަށް ބުނެ އޭނާގެ ރީތިކަމަށް ގިނަ ބަޔަކު ވަނީ ތައުރީފުކޮށްފައެވެ.