މި އަހަރުގެ ޖުލައި މަހު ސިނަމާތަކަށް ގެނެސް ބޮޑު ކާމިޔާބީއެއް ހޯދި ފިލްމު "ސައްޔާރާ"ގެ އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ ބަތަލާއަކަށް ޝަރުވަރީ ވާގް ގެންދަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އަހާން ފިލްމު އިންޑަސްޓްރީއަށް ތައާރަފުކޮށްދިން ޕްރޮޑަކްޝަން ކުންފުނި ޔަޝް ރާޖް ފިލްމްސްއަށް އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށްދޭ ފިލްމަކީ ލޯބީގެ އެކްޝަން ތުރިލާއެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނަމަވެސް، ފިލްމުގެ ޓައިޓްލް ނަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. މި އަހަރުގެ ޑިސެންބަރު މަހުގެ 25ގައި ސިނަމާތަކަށް ގެންނާނެކަން އިއުލާނުކޮށްފައިވާ ވައިއާރްއެފްގެ ފިލްމު "އަލްފާ"ގެ މުހިންމު ރޯލަކުން ފެންނާނެ ޝަރުވަރީ އަކީ ބޮލީވުޑްގެ އެންމެ އުންމީދީ ބަތަލާއިންގެ ތެރޭ ހިމެނޭ ފިލްމީ ތަރިއެކެވެ.

ޝަރުވަރީ ފިލްމު "އަލްފާ"ގެ ޑައިރެކްޓަރު ޝިވް ރަވައިލްއާ އެކު--ފޮޓޯ/ބޮލީވުޑްހަންގާމާ

ޝަރުވަރީ މިހާތަނަށް މަސައްކަތްކޮށްފައިވާ ވައިއާރްއެފްގެ ފިލްމުތަކުގެ ތެރޭ "ބަންޓީ އޯރު ބަބްލީ 2" އަދި "މަހާރާޖް" ހިމެނޭއިރު ޝަރުވަރީ މުހިންމު ރޯލެއް ކުޅެފައިވާ ފިލްމު "މުންޖްޔާ"އަކީ ވެސް ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދި ފިލްމެކެވެ.

ބަތަލާ އާލިއާ ބަޓް ލީޑް ރޯލް ކުޅޭ ވައިއާރްއެފްގެ ފިލްމު "އަލްފާ"އަކީ ޝަރުވަރީގެ ކެރިއަރުގެ އެންމެ މުހިންމު އެއް ފިލްމު ކަމަށް ބަތަލާ ވަނީ ބުނެފައެވެ. ވައިއާރްއެފްއާ ހަވާލާދީ ފިލްމީ ޚަބަރުތައް ބުނާގޮތުން އަހާންއާ އެކު ޝަރުވަރީގެ އޮން ސްކްރީން ޖޯޑު ބެލުންތެރިންނަށް ވަރަށް ކަމުދާނެއެވެ.

މި ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ތައްޔާރުވަމުން އަންނައިރު އަހާން ފިލްމު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފިލްމަކުން ވެސް ފުރުސަތު ލިބިފައިވާކަމުގެ އަޑުތަކެއް ވަނީ އަރާފައެވެ.